ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ށ. ނަރުދޫ އަމާޒު ބޯޓުގެ ކައްޕިއާ ޑައިރެކްޓް ކޮންޓެކްޓްވި 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ދާދި ފަހުން ނަރުދޫއިން ޕޮޒިޓިވްވި ހަ މީހުންނަކީވެސް އެ ރަށު ރައްޔިތުންނެވެ. އިތުބާރުކުރެވޭ މަސްދަރަކުން ވަނީ އެކަން "ސަން"އަށް ކަށަވަރު ކޮށްދީފައެވެ.

ނަރުދޫގެ އަމާޒު ބޯޓުގެ ކައްޕި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އޭނާ މާލެއިން ރަށަށް ދިޔަ ފަހުންނެވެ.

ނޭޝަނަލް އިމާޖެންސީ އޮޕަރެޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފައިވަނީ އަމާޒު ބޯޓުގެ ކައްޕިގެ ކޭސް އާ ގުޅިގެން މިހާތަނަށް އޭނައާ ސީދާ ދިމާވި، 101 މީހަކު ދެނެގަނެފައިވާ ކަމަށެވެ.

އަމާޒު ބޯޓުގެ ކޭޕްޓަން އުމުރުން 49 އަހަރު (ކޭސް133) ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މާލެ ލޮކްޑައުނަށް ދިޔުމުގެ ކުރިން އެ ބޯޓުން ވަނީ މާލެއިސް ފުރައިގެން ގޮސްފައެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު އުތުރުގެ ބައެއް ރަށްތަކަށް ދަތުރު ކުރި އެ ބޯޓުގައި، 91 މީހަކު ދަތުރުކުރިކަން އެންއީއޯސީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި އެ ބޯޓުން ދަތުރު ކުރި މީހުން އެޗްޕީއޭ އަށް ރިޕޯޓުކުރުމަށްވެސް ވަނީ އެދިފައެވެ.

އަމާޒު ބޯޓުގެ ކްރޫއާއި ދަތުރު ކުރި މީހުންނާއެކު މިހާތަނަށް 101 މީހަކު ވަނީ މީގެކުރީން ދެނެގަނެވިފައެވެ. އޭގެތެރެއިން ހަ މީހެއްގެ ގައިން އަލާމާތްތައް ފެންނަ ކަމަށް ކުރީންވެސް ވަނީ ބުނެފައެވެ.

އެ ކޭސް އާ ގުޅިގެން ސެކަންޑަރީ ކޮންޓެކްޓް ކޭސްތަކުގެ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.