28 Apr 2020, 16:40
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ޖަމާކޮށްދޭން އެއްބަސްވި 28.9 މިލިއަން ޑޮލަރު މިހާރު ޖަމާކޮށްދީފައިވާ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފި އެވެ.
އައިއެމްއެފްގެ ރެޕިޑް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖެއަށް 28.9 މިލިއަން ޑޮލަރު ދިނީ ކޮރޯނާވައިރަރުގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން ދާ މާލީ ގެއްލުންތަކުން އަރައިގަތުމަށް ހަރަދުކުރުމުގެ ގޮތުންނެވެ.
މިއީ ރާއްޖެއަށް ލިބިފައި އޮންނަ ސްޕެޝަލް ޑްރޯވިން ރައިޓްސް (އެސްޑީއާރު)ގެ ދަށުން ދޫކުރި ފައިސާ އެވެ. އެހެންކަމުން އައިއެމްއެފުން ލޯނު ދޫކުރުމުގައި ގެންގުޅޭ ހަރުކަށި ޝަރުތުތަކެއް މީގައި ނުހިމެނެ އެވެ.
އައިއެމްއެފް އިން ބުނީ ރާއްޖެއަށް ދޫކުރާ 28.9 މިލިއަން ޑޮލަރަކީ ސަރުކާރުން މި ވަގުތަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށާއި ބެލެންސް އޮފް ޕޭމަންޓް ހަމަޖެއްސުމަށް ދޭ ފައިސާ ކަމަށެވެ.
އެމްއެމްއޭއިން ބުނީ ބޭރުގެ ފަރާތްތަކުން ލިބޭ ފައިސާގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ކޮވިޑް19އާ ގުޅިގެން ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި އެތެރެކުރަން ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ލުއިފަސޭހަވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން އެކްސްޗޭންޖް ރޭޓު ދެމެދެހެއްޓުމަށް ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދެމުންދާ ބޭރު ފައިސާގެ އަދަދު ވެސް އެމްއެމްއޭއިން ވަނީ އިތުރުކޮށްފަ އެވެ.
ހަމައެއާއެކު އެމްއެމްއޭގައި ހުރި ވަސީލަތްތައް މެދުވެރިކޮށް ބޭންކްތަކަށް ބޭރު ފައިސާ އިތުރަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތަކެއް ވެސް އެމްއެމްއޭއިން ދަނީ ރާވަމުންނެވެ.
އެމްއެމްއޭއިން ބުނީ މިދިޔަ މާޗު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 741.4 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް އިއްޔެ ނިޔަލަށް އެމްއެމްއޭގެ ރަސްމީ ރިޒާވް 882.6 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ކޮވިޑް19އާ ގުޅިގެން އައިއެމްއެފްއިން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެމްއެމްއޭއާއި ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ވެސް އެމްއެމްއޭއަށް ވަނީ މިހާރު ދީފަ އެވެ.
ވޯލްޑް ބޭންކުން މިހާރުވެސް ވަނީ ރާއްޖެއަށް 10 މިލިއަން ޑޮލަރު ދީފަ އެވެ. އަދި އިތުރު 20 މިލިއަން ޑޮލަރު ހޯދުމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ.
މީގެ އިތުރުން، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން ވަނީ 308 މިލިއަން ރުފިޔާގެ ލޯނު އެހީ ވެސް ރާއްޖެއަށް ދީފަ އެވެ.
ބޭރުގެ މާލީ އިދާރާތަކުން، 215 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.