28 Apr 2020, 15:57
ކޮރޯނާއަށް ވެކްސިނެއް އުފެއްދި ދުނިޔޭގެ މަޝްހޫރު އޮކްސްފޯޑް ޔުނިވާސީޓީއާ ޕާޓްނާވެ އިންޑިއާގެ ސެރަމް އިންސްޓްޓިއުޓް (އެސްއައިއައި) އިން އެ ވެކްސިން ގިނަ އަދަދަކަށް އުފައްދަން ނިންމައިިފި އެވެ.
އޮކްސްފޯޑްއިން އުފެއްދި ވެކްސިން މިހާރު އިންސާނުން ބޭނުންކޮށްގެން ރައްކާތެރިކަމުގެ ޓެސްޓްތައް ދަނީ ހަދަމުންނެވެ.
އެ ޓެސްޓްތައް ކާމިޔާބުވެއްޖެ ނަމަ ދެތިން ހަފްތާގެ ތެރޭގައި ވެކްސިންތައްޔާރުކުރަން ފަށާނެ ކަަމަށާއި އަދި އޮކްޓޯބަރު ހިސާބުގައި ވެކްސިން ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ސެރަމް އިންސްޓްޓިއުޓް އޮފް އިންޑިއާގެ ސީއީއޯ އަދާރު ޕޫނާވާލާ ވިދާޅުވީ އަމާޒަކީ ފުރަތަމަ ހަ މަސް ދުވަހު ހަ މިލިއަން ޑޯޒް ތައްޔާރުކުރުން ކަމަށާއި އަދި އެއަށް ފަހު 10 މިލިއަން ޑޯސް މަހަކަ އުފެއްދުން ކަމަށެވެ.
އެސްއައިއައި އިން ބުނީ މީގެ ކުރިން ވެސް އޮކްސްފޯޑް ޔުނިވާސިޓީއާ އެކު މެލޭރިއާ ވެކްސިނެއް އުފައްދަން މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި އެ ޔުނިވާސިޓީގެ ސައިންޓިސްޓުންނަކީ ވަރަށް ގާބިލްބައެއް ކަމަށެވެ.
އެ ވެކްސިން އިންސާނުންގެ ގައިގައި ޓެސްޓްކުރުމުގެ ހުއްދަ ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް އެސްއައިއައިއިން ބުންޏެވެ.
އެސްއައިއައިއިން ބުނީ އެ ވެކްސިން "ޕެޓެންޓް" ނުކުރާނެ ކަމަށާއި އަދި ކޮންމެ ބަޔަކަށްވެސް އެ ވެކްސިން އުފައްދޭނެ ކަަމަށެވެ.
ކޮވިޑަށް ވެކްސިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތަކުން މިހާރު ވެސް ދަނީ މަަސައްކަތް ކުރަމުންނެވެ.
ކޮރޯނާ ޖެހުނު މީހުންގެ އަދަދު މުޅި ދުނިޔެއިން މިހާރު ވަނީ ތިން މިލިއަނަށް އަރައިފަ އެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު ދެ ލައްކައަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ.
މައުލޫމާތު: ނިއުސް18 އިންޑިއާ