28 Apr 2020, 16:35
ކޮރޯނާ ވައިރަސްގެ ސަބަބުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް މަޑު މަޑުން ނަގަން ފެށުމުން ދެމަހެއްހާ ދުވަހު މެދު ކެނޑިފައި އޮތް ޓޮޓެންހަމްހެ ޓްރެއިނިންގް މިއަދު ފަށައިފި އެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު އިނގިރޭސި ޕްރިމިއާ ލީގާއި، ކުލަބުތަކުގެ ޓްރެއިނިންގްތައް މެދުކަނޑާލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އެއަށް ފަހު ކުޅުންތެރިން އަމިއްލަ ގޭގައި ތިބެގެން ފިޓްނެސް ދެމެހެއްޓުމަށް ދިޔައީ ކުލަބުގެ ކޯޗުންގެ އިރުޝާދާ އެކު ތަމްރީންތައް ހަދަމުންނެވެ.
ނަމަވެސް ކޮރޯނާ ވައިރަސް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވި މަޑު މަޑުން އިނގިރޭސިވިލާތުގެ ހިސާބުތައް ހުޅުވަން ފެށުމާ އެކު ބައެއް ކުލަބުތަކުން ވަނީ ޓްރެއިނިންގް ސެންޓަރުތައް ހުޅުވާލަން ނިންމާފަ އެވެ. އެގޮތުން އެންމެ އަވަހަށް އެކަމަށް އެޓެންޑް ވެފައިވަނީ އާސެނަލުންނެވެ. އެކުލަބުން ވަނީ އިއްޔެ އެކުލަބުގެ ސްކޮޑުގެ ބައެއް ކުޅުންތެރިންނާ އެކު ޓްރެއިނިންގް ހަދާފަ އެވެ.
އަދި ހޯސޭ މޮރީނިއޯގެ ޓޮޓެންހަމުން ވެސް މިއަދު ވަނީ ތަމްރީންތައް ހެދުމަށް ޓްރެއިނިންގް ސެންޓަރު ބޭނުން ކުރަން ފަށައިފަ އެވެ. އެކަމަކު އެގައުމުގައި އަޅާފައިވާ ލޮކްޑައުން އަދިވެސް ދެމިއޮތުމާ ގުޅިގެން ޓްރެއިނިންގް ފެސިލިޓީތައް ރަސްމީކޮށް ނުހުޅުވާ ކަމަށާއި، ކުޅުންތެރިން ތަމްރީންތައް ހަދާނީ ވަކި ވަކިން އެހެން ކުޅުންތެރިންނާއި ދުރުގައި ކަމަށް ޓޮޓެންހަމުން ވަނީ ބުނެފަ އެވެ.
"އެއް ކުޅުންތެރިއެއްވުރެން ގިނައިން އެއްފަހަރާ ދަނޑުމަތީގައި ހަރަކާތްތެރިއެއް ނުވާނެ. ކޮންމެ ދުވަހަކު ވެސް ވަކި ކުޅުންތެރިން ތަކެއް ތަމްރީން ހަދަން އަންނާނީ. ނިމުނުހާ އަވަހަކަށް ގެޔަށް ދާން ޖެހޭނެ،" ޓޮޓެންހަމުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
ޓޮޓެންހަމުން އިތުރަށް ބުނެފައި ވަނީ ތަމްރީންތައް ފެށި ނަމަވެސް ސަރުކާރުން ކަނޑައަޅާފައި އޮންނަ ސޯޝަލް ޑިސްޓެންސިންގް ގަވާއިދުތަކަށް ބޯ ލަނބާނެ ކަމަށާއި، ޓްރެއިނިންގް ސެންޓަރުގައި ހުޅުވިފައި ހުންނާނީ މަދު ތަންތަން ކަމަށެވެ.
އިނގިރޭސިވިލާތުގެ މީޑިއާތައް ބުނާ ގޮތުން އަންނަ މަހުގެ 18 ގައި ރަސްމީކޮށް ޓީމުތަކަށް ފަރިތަކުރުންތައް ހެދުމަށް ހުއްދަ ލިބޭނެ އެވެ. އަދި ޖޫން އަށެއްގައި ލީގުގެ ކުޅުން އަލުން ފަށާނެ ކަމަށް ރިޕޯޓްތަކުން ދަނީ ބުނަމުންނެވެ.
އެހެން ނަމަވެސް ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ ލީގު އިތުރަށް ކުރިއަށް ނުގެންގިސް ކެންސަލް ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ކޮށްފަ އެވެ.