21 Dec 2011, 10:36
ވެށިފަހި މާލޭ ފްލެޓްތައް ހަވާލު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުން ހޫނުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަހްލޫފުގެ ނަން އިއްވައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމަށާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު އިންޒާރު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ މެދުގައި ޒުވާބު ގަދަވެ މަޖިލީހުގެ ތަޅުން ހޫނުވީ ޕީޕީއެމްގެ މެންބަރު އުނގޫފާރު ދާއިރާގެ ޑރ. އަފްރާޝީމް އަލީ ހުށަހެޅުއްވި ކުއްލި މައްސަލައެއް ޝާހިދު މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިނުވާތީ، ޕީޕީއެމްގެ މެމްބަރުން މައްސަލަ ޖެއްސުމުންނެވެ.
އެ މައްސަލައިގައި މަހްލޫފާއި ސަލީމާއި އަލީ އާރިފް ވަނީ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ޝާޙިދު އެ މެންބަރުންނަށް ތަކުރާރުކޮށް އެންގެވުމުން ވެސް އެކަން ނުހުއްޓުމުން މަހްލޫފުގެ ނަން އިއްވަވައި އޭނާ ޖަލްސާ އިން ނިކުންނެވުމަށް ޝާޙިދު އެންގެވި އެވެ. އަދި މަހްލޫފު ޖަލްސާ އިން ނިކުންނެވުމުގެ ކަންތައް ހަމަޖައްސަވައި ދެއްވުމަށް އަމީން އާއްމަށް ދެންނެވުމަށް ފަހު މަހްލޫފު ޖަލްސާ އިން ނިކުންނަވަންދެން ކުޑަ ވަގުތުކޮޅަކަށް ޝާޙިދު ޖަލްސާ މެދުކަނޑުއްވައި ލެއްވި އެވެ.
ޑރ. އަފްރާޝީމް އަލީ ކުއްލި މައްސަލަ ހުށަހަޅުއްވާފައި ވަނީ "ވެށިފަހި މާލެ" ފްލެޓްތައް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްލާމީ ޝަރީއަތުގެ ބައެއް ހުކުމްތައް ރާއްޖޭގައި ތަންފީޒުކުރަން ރައްޔިތުން ބޭނުންނުވާ ކަމަށް ވިދާޅުވުމާ ގުޅިގެން އެކަމާ ދެކޮޅު ހެއްދެވުމުގެ ގޮތުންނެވެ.