28 Apr 2020, 15:21
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހޯދި ކުރިއެރުމަށް އެމެރިކާއިން މަރުހަބާ ކިޔަައިފިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 2018 ވަނަ އަހަރު އޮތީ 120 ވަނައިގަ އެވެ. ނަމަވެސް މިއަހަރު ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ހޯދައ ރާއްޖެ އޮތީ ޕްރެސް ފްރީޑަމް އިންޑެކްސްގެ 79 ވަނައިގައެވެ.
އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއިން އެހާ ބޮޑުކުރިއެރުމެއް ހޯދުމުން ފަހުރުވެރިވާ ކަމަށެެވެ. އަދި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޒައާމަތުގައި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށާއި އެކަން ބައިނަލްއަގުވާމީ ދުނިޔެއިންވެސް ބަލައިގަނެފައިވާ ކަމަށެވެ.
މިނިސްޓަރުގެ ޓުވީޓަށް ޖަވާބުދެމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކުރި ޓްވީޓެއްގައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއިން ހޯދި ކާމިޔާބީއަށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި މެދުތެރޭ އޭޝިއާއާއި ދެކުނު އޭޝިއާގެ ހުރިހާ ގައުމުތަކަކުން ވެސް ރައްޔިތުންނަށް ބޭނުންވާ ސައްހަ ހަބަރާ މައުލޫމާތު އަދި ޑޭޓާ ލިބޭނެ އިންތިޒާމްތައް ކަށަވަރުކުރުމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ގޮވާލާފައެވެ.
ދެހާސް އަށަކުން ފެށިގެން ރާއްޖެއިން އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ކުރިއެރުންތައް ހޯދަމުންނެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ ވަނީ 22 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފަ އެވެ. އަދި މި އަހަރު މިވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފަ އެވެ.
ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ޤައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އަންގައިދިނުމަށް ކޮންމެ އަހަރަކު ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ނެރޭ އިންޑެކްސްއެކެވެ.