28 Apr 2020, 15:11
ކެންބެރާ (28 އެޕްރީލް 2020) : ޗައިނާއިން ކޮރޯނާވައިރަސް "ކޮވިޑް-19" އާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރިކަމަށްބުނެ އެކަމާބެހޭ ތަހްގީގެއް ހިންގުމަށް އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާތީ ޗައިނާއިން އޮސްޓްރޭލިއާ ސަރުކާރަށް ހަރުކަށި އިންޒާރެއް ދީފި އެވެ.
މިއިންޒާރު ދެއްވަމުން އޮސްޓްރޭލިޔާގައި ހުންނަވާ ޗައިނާގެ ސަފީރު ޝިންގް ޖިންގް ޔީ ވިދާޅުވީ އެމެރިކާއާ ގުޅިގެން އުދުވާނީ ގޮތެއްގައި އޮސްޓްރޭލިޔާ ޗައިނާއާ ދެކޮޅަށް ހަރަކާތްތެރިވާން ފަށައިފި ނަމަ އޮސްޓްރޭލިއާ ބޮއިކަޓްކޮށް އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ތަކެއް އަޅަންޖެހިދާނެކަމުގަ އެވެ.
ޝިންގް ޖިންގްޔީ ވިދާޅުވީ ޗައިނާއިން އޮސްޓްރޭލިއާ ބޮއިކަޓްކޮށްފިނަމަ ޗައިނާގެ އެއްވެސް ފަތުރުވެރިއަކު އޮސްޓްރޭލިޔާއަށް ނުދާނެކަމަށާ އަދި އޮސްޓްރޭލިޔާގައި އުފައްދާ އެއްވެސް އުފެއްދުމެއް ޗައިނާއަށް އެތެރެ ނުކުރެވޭނެކަމުގަ އެވެ. މީގެއިތުރުން އޮސްޓްރޭލިޔާގައި ކިޔަވާ ޗައިނާގެ ދަރިވަރުން ވެސް އޮސްޓްރޭލިޔާ ދޫކޮށް އެނބުރި ގައުމަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާއިން އޮސްޓްރޭލިއާ ބޮއިކަޓްކޮށް އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި ނަމަ އޮސްޓްރޭލިޔާގެ އިގްތިސާދު އިނދަޖެހޭ ވަރުގެ ބޮޑު ގެއްލުމަކާ އެގައުމު ކުރިމަތިލާންޖެހޭނެކަމަށް ރިޕޯޓްތައް ބުނެއެވެ. އޮސްޓްރޭލިޔާއަކީ އެމެރިކާއާ އަސްކަރީ ގޮތުން ގުޅިގެންއުޅޭ އަދި އެމެރިކާގެ ނުފޫޒުގެ ދާއިރާގައިވާ ގައުމެކެވެ.
އޮސްޓްރޭލިޔާގެ ބިމުން އެމެރިކާ ސިފައިންނަށް އަސްކަރީ ފަސޭހަތައް ދީފައިވުމުގެ އިތުރުން އެގައުމަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ޗައިނާއަށް އަމާޒުކޮށްގެން އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކަށް އެހީތެރިވެ އެހަރަކާތްތަކުގައި ބައިވެރިވާ ގައުމެއްވެސް މެއެވެ. އަދި ޚާރިޖީ ސިޔާސަތުގައި ވެސް އޮސްޓްރޭލިޔާއަކީ އެމެރިކާއަށް ފޭވާކުރާ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. މީގެއިތުރުން އޮސްޓްރޭލިއާއަކީ އިންސާނީ ހައްގުތަކުގެ ނަމުގައި އަވަށްޓެރި އިންޑޮނީޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ކަމުގެ ތުހުމަތުވެސް ކުރެވިފައިވާ ގައުމެކެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން
ބިމުގެ ގޮތުން ބޮޑުނަމަވެސް އޮސްޓްރޭލިއާއަކީ 24 މިލިޔަން މީހުންގެ އާބާދީ އެއްއޮންނަ ކުޑަ ގައުމެކެވެ. ސިނާއީ ގޮތުން މާބޮޑު ކުރިއެރުމެއް ލިބިފައިނުވާ އޮސްޓްރޭލިއާގެ އުފެއްދުންތަކުގެ 32 އިންސައްތަ ގަންނަ ގައުމަކީ ޗައިނާއެވެ. އެހެންކަމުން އޮސްޓްރޭލިޔާގެ އެންމެ ބޮޑު އިގްތިސާދީ އަދި ވިޔަފާރީގެ ބައިވެރިއަކީ ޗައިނާއެވެ.
ޗައިނާގެ އިތުރުން އޮސްޓްރޭލިޔާގެ ވިޔަފާރީގެ ބައިވެރިންނަކީ ޖަޕާން (13 އިންސައްތަ) ދެކުނު ކޮރެއާ (ހަތެއް އިންސައްތަ) އަދި އެމެރިކާ (5.3 އިންސައްތަ) އެވެ. މީގެއިތުރުން އޮސްޓްރޭލިޔާގެ އުފެއްދުންތައް ގަންނަނީ އިންޑިއާއާއި ނިއުޒިލޭންޑުންނެވެ. މިދެގައުމުން ގަންނަނީ އޮސްޓްރޭލިޔާގެ އުފެއްދުންތަކުގެ ހަތަރެއް އިންސައްތައާއި ތިނެއް އިންސައްތަ އާ ދެމެދުގެ މިންވަރެކެވެ. އެހެންގައުމުތަކާއެކު އޮސްޓްރޭލިޔާއިން ކުރާ ވިޔަފާރީގެ މިންވަރުވަނީ މިއަށްވުރެވެސް ދަށުގައެވެ.
އޮސްޓްރޭލިޔާގައި އުފައްދާ ތަކެތީގެ ތެރޭގައި ހިމެނެނީ ބޯޓު ދެލީގެ އިތުރުން ދަގަނޑާއި އެލްމެނިޔަމް ފަދަ ބައެއް މައުދަންތަކެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ތެޔޮ އުފައްދައެވެ. އޮސްޓްރޭލިޔާގެ އިގްތިސާދުގެ ބޮޑުބައި ބިނާވެފައިވަނީ ސާވިސް ސެކްޓަރުގެ މައްޗަށާއި ދަނޑުވެރިކަމުގެ މައްޗަށެވެ. ސާވިސް ސެކްޓަރުގެ ބޮޑުބައި ބިނާވެފައިވަނީ ފަތުރުވެރިކަމާއި ވިޔަފާރީގެ އުސޫލުން ތައުލީމު ދިނުން ކަމަށްވާއިރު އެގައުމަށް އެންމެ ގިނަ ފަތުރުވެރިން ދާ އެއްގައުމަކީ ވެސް އަދި ކިޔަވާކުދިން ދާ އެއްގައުމަކީވެސް ޗައިނާއެވެ.
ކޮވިޑް-19 އާ ކޮންޓްރޯލް ކުރުމުގައި އެމެރިކާ ނާކާމިޔާބުވެ އެ ރޯގާގައި އެމެރިކާގެ ރައްޔިތުން ގިނަ އަދަދަކަށް މަރުވާން ފެށުމުން އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ކޮވިޑް-19 އާބެހޭ ދޮގު މައުލޫމާތު ޗައިނާއިން ފެތުރިކަމަށްބުނެ އެކަން ތަހްގީގް ކުރުމަށް ޗައިނާއަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ. ޗައިނާވަނީ އެމެރިކާގެ މިއަމަލީ ސިޔާސީ މަގްސަދެއްގައި ކުރާ ކަމެއްކަމަށް ބުނެ އެކަމަށް ދެކޮޅު ހަދައި އެކަމަށް އެއްބާރުލުން ނުދިނުމަށް ނިންމާފައެވެ.
މިއާއެކު މިކަމުގައި އެމެރިކާ ވަނީ ޔޫރަޕްގެ ގައުމުތަކާއި އޮސްޓްރޭލިޔާފަދަ އެމެރިކާގެ ނުފޫޒުގެ ދަށުގައިވާ ގައުމުތައް ބޭނުންކޮށްގެން މިމައްސަލާގައި ޗައިނާއަށް ފިއްތުންތައް ކުރިމަތި ކުރުމުގެ މަސައްކަތް ފަށާފައެވެ. އެމެރިކާ އަކީ ޗައިނާއާ ދެކޮޅަށް ފިއްތުންތައް ކުރިމަތިކޮށްގެން ޗައިނާގެ ކިބައިން ކަމެއް ހާސިލް ކުރެވޭފަދަ ހާލަތެއްގައި އޮތް ގައުމަކަށްނުވާތީ އެމެރިކާ މިގޮތަށް މަސައްކަތްކޮށްފިނަމަ އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދޭނީ ކުރީގެ ސޮވިއެޓް ޔުނިޔަން އާއި އެމެރިކާއާ ދެމެދު އުފެދުނުފަދަ ފިނި ހަނގުރާމައެއް ކަމަށް ތަޖްރިބާކާރުން ދެކެއެވެ. (ނޫސްއެޖެންސީތައް)