އިސްލާމް ދީނުގައި ބަޔާން ކޮށްފައިވާ ހުކުމްތަކުގެ ތެރޭގައި ހިމެނޭ އަތްކެނޑުމާއި ރަޖަމްކުރަން ދިވެހި ރައްޔިތުން ނޭދޭ ކަމަށާއި އިސްލާމް ދީނުގެ ހިމާޔަތުގައި އުފުލާ އަޑަކީ ހަރުކަށި އުސޫލުތައް ގާއިމްކުރަން އުފުލާ އަޑު ކަމަށް ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބޭ ބައެއް ފަރާތްތަކަށް ލިޔުން ހަވާލު ކުރުމަށް ރޭ ހިރިޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމްދީން ހިމާޔަތްކުރަން ކަމަށް ބުނެ އުފުލާ އަޑަކީ ރާއްޖޭގައި ހަރުކަށި އުސޫލްތައް ގާއިމްކުރަން އުފުލާ އަޑު ކަމަށާއި އެ އުސޫލްތައް ރާއްޖޭގައި ގާއިމްކުރަން ރައްޔިތުން ނޭދޭ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެދޭ ކަންކަން ވަރަށް ރަނގަޅަށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އިސްލާމް ދީނުގައި ބަޔާން ކޮށްފައިވާ އަތްކެނޑުމާއި ރަޖަމްކުރަން ރައްޔިތުން ނޭދޭ ކަމަށެވެ.

"އަދި އެ ރައްޔިތުން ނޭދޭ އިނގޭތޯ މި ރާއްޖޭގައި ޒުވާނުން މިއުޒިކް އަޑު އެހުން ހުއްޓާލާކަށް ވެސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މަނކިފާނު އަދި ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަށް ހުރަސްއެޅިފައިވާ ދެ ކަމެއް އޮތް ކަމަށާއި އެއީ ބޭރު މީހުންނާ ނަފުރަތުކޮށް، އަޑު އުފުލައި އުޅޭ އުޅުމާއި ހަރުކަށި ދީނީ އުސޫލްތައް ރާއްޖެ އަށް ތައާރަފުކުރުމަށް އަޑު އުފުލައި ގެންގުޅޭ ހިޔާލުތައް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެއްވެސް އަތަކަށް ގޮސް ހައްދު ފަހަނައަޅައި ނުދެވޭނެ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން އެދެނީ ތަރައްގީ،"

ރައީސް ވިދާޅުވީ ރާއްޖެއަކީ 800 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން މެދުކެނޑުމެއްނެތި އިސްލާމީ ސަގާފަތަކާއި އިސްލާމީ ތާރީހެއް އޮތް ގައުމެއް ކަމަށާއި ސަރުކާރުން ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަނުދޭނެ ކަމަށެވެ.

"ހަމަ ގައިމު ވެސް މިހާރު މިސްކިތަށް އަރާ މީހުން ގިނަވާނެ. ދީނީ ދަރުސްދޭލެއް އިތުރުވާނެ. އަދި ދަރުސެއް ފަށާ އިރު ފުލުހުން ތިބެގެން ރެކޯޑްކޮށް އެކިއެކި ތަހުގީގު މިހާރު ކުރަމުން ނުދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ދީނީ މައުލޫމާތު ސާފުކޮށް އޮޅުން ފިލުވުމުގެ ހުރިހާ ފުރުސަތުތަކެއް ހުޅުވާލެވިފައިވާ ކަމަށާއި ރާއްޖޭގައި އިސްލާމްދީން ރައްކާތެރިކުރުމަކީ އަދި ދެމެހެއްޓުމަކީ ރާއްޖޭގެ ރައްޔިތުން އަބަދު ވެސް ބޭނުންވާނެ ކަމަކަށް ވުމުން އެކަމަށް ކުޑަވެސް ކިލަނބު ކަމެއް އަދި ލޮޅުމެއް އަރަން އެދޭނެ އެކަކު ވެސް ނުހުންނާނެ ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

President Nasheed (mp3)