28 Apr 2020, 17:41
ވޮޝިންޓަން (28 އެޕްރީލް 2020) : ކޮވިޑް-19 އާ ދެކޮޅަށް ދިން އިންޒާރުތަކަށާއި ރެކޮމެންޑޭޝަންތަކަށް ދުނިޔޭގެ ބައެއް ގައުމުތަކުން އަޅާނުލިކަމަށާއި އެކަމާމެދު ދެރަވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.
ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯ ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޓެޑްރޮސް އެޑަނޮމް ގެބްރިޔޭސުސް ވިދާޅުވީ މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅުން ފެށިގެން އެޖަމްއިއްޔާއިން ދިޔައީ ކޮވިޑް-19 ފެތުރިދާނެކަމަށް ބަލައި ދުރާލައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ދުނިޔޭގެ ގައުމުތަކަށް އިރިޝާދުތައް ދެމުންކަމަށާއި ނަމަވެސް ބައެއް ގައުމުތަކުން އެކަމަށް އަޅާނުލައި ފަރުވާކުޑަ ކޮށްލާފައިވާ ކަމުގައެވެ. މިއީ ނުސީދާ ގޮތެއްގައި އެމެރިކާއަށާއި ޔޫރަޕްގެ ބައެއް ގައުމުތަކަށް ގެބްރިޔޭސުސް ކުރެއްވި އިޝާރާތެއްކަމަށް މުރާސިލުން ބުނެއެވެ.
ކޮވިޑް-19 ގެ ހުރިހާ ހަގީގަތްތަކެއް ކުރިން ނޭންގޭ
ގެބްރިޔޭސުސް ވިދާޅުވީ ކޮވިޑް-19 އަކީ މުޅިން އައު ވައިރަހަކަށް ވުމުން އެކަމާބެހޭ ހުރިހާ މައުލޫމާތެއް އެރޯގާ ޗައިނާގައި ފެތުރެމުންދިޔަތާ ކުރީކޮޅު ޑަބްލިއު.އެޗް.އޯ އަށްވެސް ނޭންގޭ ކަމުގައެވެ. ނަމަވެސް ކޮވިޑް-19 ގެ ހަގީގަތް ހޯދުނުވަރަކުން ޑަބްލިއުއެޗްއޯ އިން ގެންދިޔައީ އެކަން ދުނިޔޭގެ ގައުމުތަކާ ހިއްސާ ކުރަމުން ކަމަށް ގެބްރިޔޭސުސް ވިދާޅުވިއެވެ.
އެމެރިކާއިންވަނީ ކޮވިޑް-19 ޗައިނާގައި ފެތުރެމުންދިޔަތާ ކުރީކޮޅު އޭގެ ހަގީގަތާއި މައުލޫމާތު ފޮރުވަން މަސައްކަތް ކުރިކަމުގެ ތުހުމަތު ޑަބްލިއުއެޗްއޯ ގެ މައްޗަށް ކުރުމަށްފަހު އެމެރިކާއިން އެޖަމްއިއްޔާއަށް ދޭ ފައިސާގެ އެހީ ކުއްލި ގޮތަކަށް ކަނޑާލާފައެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އިންވަނީ އެމެރިކާގެ ތުހުމަތުތަކަށް ދެކޮޅު ހަދައި ކޮވިޑް-19 ގެ ހާލަތު ސިޔާސީ ހަތިޔާރަކަށް ނުހެދުމަށް އެމެރިކާއަށް އިލްތިމާސްކޮށްފައެވެ. އެމެރިކާ އެހީ ކަނޑާލުމުން އިނގިރޭސިވިލާތާއި ޗައިނާއިންވަނީ އިތުރު ފައިސާ ޑަބްލިއުއެޗްއޯ އަށް ދިނުމަށް ނިންމާފައެވެ.
ޑަބްލިއު.އެޗް.އޯ ގެ މެންޑޭޓަކީ ކަމާބެހޭ އިރުޝާދުތައް ދިނުން
ޖެނީވާގައި ވާހަކަ ދައްކަވަމުން ގެބްރިޔޭސުސް ވިދާޅުވީ ޑަބްލިއުއެޗްއޯ ގެ މެންޑޭޓަކީ ބަލިތަކުގެ ހަގީގަތް ގައުމުތަކަށް އަންގައި ކަމާބެހޭ އިރުޝާދުތައް ދިނުންކަމަށާއި އެއިރުޝާދުތަކަށް ބޯލަނބަން ގައުމުތަކަށް މަޖްބޫރުކުރުމުގެ ބާރު ޑަބްލިއުއެޗްއޯ އަށް ނޯންނަކަމުގައެވެ.
ކޮވިޑް-19 ޗައިނާގައި ފެތުރެމުން ދިޔަ ދުވަސްވަރު އެއީ ޗައިނާގެ ވައިރަސް އެއްކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އެއީ އެމެރިކާއަށް ނާންނާނެ ރޯގާއެއްކަމަށް ދޭހަވާގޮތަށް މަލާމާތުގެ ރާގެއްގައި ބަޔާންތައް ދެއްވާފައެވެ. އަދި ކޮވިޑް-19 ގެ ނުރައްކާ އެމެރިކާއަށް އޮތްކަމަށް ބުނެ އެމެރިކާގެ ސިއްހަތާބެހޭ މާހިރުން އެމެރިކާ ސަރުކާރަށް ދެއްވެވި އިންޒާރުތަކަށް އަޅާނުލެއްވި ކަމުގެ ތުހުމަތު އެމެރިކާގެ އެތެރެއިން ޓްރަމްޕް ގެ މައްޗަށްވަނީ ކޮށްފައެވެ.
ކޮވިޑް-19 ގެ ނުރައްކަލުން ސަލާމަތްވާނެ ދުވަހެއްވެސް އަދި ނޭންގޭ
ގެބްރިޔޭސުސް ވިދާޅުވީ ކޮވިޑް-19އިން ބަލިމަޑުކަމުން އަރައިގަނެ، އެރޯގާ ފެތުރުން ހުއްޓެން އަދި ގާތްވެސް ނުވާކަމުގައެވެ. އެންމެ ބޮޑަށް ކަންބޮޑުވަނީ ސިއްޙަތާބެހޭ ވަސީލަތްތަކާއި އިންފްރާސްތްރަކްޗާ މަދު އެފްރިކާގެ ގައުމުތަކާއި ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ ރެފިއުޖީން ދިރިއުޅޭ ރެފިއުޖީ ކޭމްޕްތަކުގައި ކޮވިޑް-19 ފެތުރިދާނެތީ ކަމަށް ގެބްރިޔޭސުސް ވިދާޅުވިއެވެ. މީގެއިތުރުން އިރުމަތީ ޔޫރަޕްގެ ގައުމުތަކާއި ލެޓިން އެމެރިކާގެ ގައުމުތަކާ އަދި އޭޝިއާގެ ބައެއް ގައުމުތަކުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ ދިއުމަކީވެސް ކަންބޮޑު ވުމެއްކަމަށް ގެބްރިޔޭސުސް ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓް ކުރުމުގައި އުނިކަން އުޅޭ
ގެބްރިޔޭސުސް އިތުރަށް ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމަކަށް ބަލާއިރު ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކާ، މަރުގެ ކޭސްތައް ރިޕޯޓް ކުރުމުގައި އުނިކަން އުޅޭ ކަމަށާ، ގިނަ ގައުމުތަކަށް ބަލާއިރު ޕޮޒިޓިވް ކޭސްތަކުގެ އަދަދުތައް ދަށްކޮށް ފެންނަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ކެޕޭސިޓީ ނެތިގެން ކަމުގައެވެ.
މުޅި ދުނިޔެ އެކަތިގަނޑަކަށް ވެގެން ނޫނީ ކޮވިޑް-19 ބަލިކޮށްނުލެވޭނެ
އަދި ކޮވިޑް-19 އަކީ މުޅި ދުނިޔެ އެކަތިގަނޑަކަށް ވެގެން ނޫނީ ބަލިކޮށްލެވޭނެ ވައިރަހެއް ނޫންކަމަށްވެސް ގެބްރިޔޭސުސް ވިދާޅުވިއެވެ. މީގެއިތުރުން ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަކީވެސް ވަރަށް ބޮޑަށް ވިސްނައިގެން ހިފެހެއްޓުންތަކާއެކުގައި ނޫނީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫންކަމަށާ އެކަމުގެ ސަބަބުން އެރޯގާ އަލުން ފެތުރުމުގެ ބިރު އެބައޮތްކަމަށްވެސް ގެބްރިޔޭސުސް ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)