28 Apr 2020, 12:59
ދިއްލީ (އޭޕްރިލް 28): އިންޑިއާއިން ޗައިނާގެ ބައި މިލިއަނެއްހާ ރެޕިޑް ޓެސްޓިން ކިޓުތައް ގަންނަން ކުރި އޯޑަރު ކެންސަލްކޮށްފި އެވެ.
އިންޑިއާއިން ވަނީ މީގެ ކުރިން ޗައިނާގެ ވޮންޑްފޯ ބަޔޯޓެކް އާއި ލިވްޒަން ޑައިގްނޮސްޓިކްސް ކުންފުނިން ފަސް ލައްކަ ރެޕިޑް ޓެސްޓިން ކިޓު އެތެރެކޮށްފަ އެވެ. އެ ކިޓުތަކުން ބަލަނީ ކޮރޯނާވައިރަސް ހަށިގަނޑަށް ވަނުމުން އޭގެއިން ދިފާއު ވުމަށް ހަށިގަނޑުން އުފައްދާ އެންޓިބޮޑީސް ލޭގައި ހުރިތޯ އެވެ.
އެ ޓެސްޓު ހެދުމުން ނަތީޖާ 30 ވަރަކަށް މިނިޓު ތެރޭ ލިބެ އެވެ. އަދި ވަކި ސަރަހައްދެއްގައި އިންފެކްޝަން ފެތުރިފައިވާ މިންވަރު އަވަހަށް ހޯދުމަށް އެހީތެރިވެދެ އެވެ.
ނަމަވެސް އެ ކިޓުތަކުން މީހާގެ ހަށިގަނޑުގައި ސީދާ ކޮރޯނާވައިރަސް ހުރިކަން ޔަގީނެއް ނުކުރެވެ އެވެ. އަދި އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރު)އިން ވަނީ ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރު ކުރުމަށް ބޭނުން ކުރާ މައިގަނޑު ޓެސްޓަކަށް ރެޕިޑް ޓެސްޓިން ހަދައިގެން ނުވާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ.
އެ ކިޓުތައް ބޭނުން ކުރަން އައިސީއެމްއާރުން ހުއްދަ ދިނީ އިންޑިއާގައި އެކަށީގެންވާ ވަރަށް މީހުން ވައިރަހަށް ޓެސްޓު ކުރަމުން ނުދާ ކަމަށާއި އެހެންކަމުން ވީހާވެސް ގިނަ މީހުން ސްކްރީން ކުރަން ޖެހޭ ކަމަށް ބައެއް ސްޓޭޓުތަކުން ބުނުމާ ގުޅިގެންނެވެ.
ނަމަވެސް އެ ކިޓުތައް ބޭނުން ކުރި ބައެއް ސްޓޭޓުތަކުން ވަނީ އޭގެއިން ސައްހަ ނަތީޖާ ފެންނަ ވަރު މަދު ކަމަށް ބުނެފަ އެވެ. އަދި ރާޖަސްތާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ކިޓުތަކުގެ 'އެކިއުރެސީ ލެވެލް' ހުރީ ފަސް ޕަސެންޓުގަ އެވެ. އަދި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާކަން ޔަގީންވާ މީހުންވެސް އެ ކިޓުތަކުން ޓެސްޓު ކުރުމުން ނެގެޓިވްވެފައިވެ އެެވެ.
އޭގެ ސަބަބުން އައިސީއެމްއާރުން ވަނީ އެ ކިޓުތަކުގެ އަޖުމަ ބެލެންދެން އިންޑިއާގައި އެ ކިޓުތައް ބޭނުން ކުރުން ހުއްޓުވާފަ އެވެ. އަދި އައިސީއެމްއާރުން ބެލި ބެލުމުންވެސް އެ ކިޓުތަކުން ސައްހަ ނަތީޖާ ދައްކާ މިންވަރު ތަފާތުވާ ކަމަށާއި އެހެންކަމުން އެ ކިޓުތައް އަނބުރާ ޗައިނާއަށް ފޮނުވާލާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އިންޑިއާއިން ވަނީ އިތުރު ޓެސްޓު ކިޓުތައް ގަންނަން ކުރި އޯޑަރަށް ދުރާލާ ފައިސާ ދައްކާފައި ނުވުމުން، އޯޑަރު ކެންސަލް ކުރުމުން އެގައުމަށް ފައިސާގެ ގެއްލުމެއް ނުލިބޭނެ ކަމަށް ބުނެފަ އެވެ.
އިންޑިއާގެ އިތުރުން އެހެން ބައެއް ގައުމުތަކުންވެސް ވަނީ ޗައިނާގެ ރެޕިޑް ޓެސްޓިން ކިޓުތަކުގައި މައްސަލަ އުޅޭ ކަމަށް ބުނެފަ އެވެ. ނަމަވެސް ޗައިނާއިން ވަނީ އެގައުމުން އުފައްދަނީ ފެންވަރު ދަށް ކިޓުތައް ނޫން ކަމަށް ބުނެ، އެގައުމުން ސިއްހީ އާލާތްތައް އެކްސްޕޯޓު ކުރަނީ ވަރަށް ބޮޑަށް ބަލައިގެން ކަމަށް ބުނެފަ އެވެ.
އިންޑިއާގައި މިހާތަނަށް 29،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 934 މީހަކު މަރުވެފަ އެވެ.