އަތޮޅުތެރޭގައި ކޮވިޑް19 އުޅޭތޯ ބެލުމަށް އުސޫލެއް ކަނޑައަޅައި އަމަލު ކުރަންފަށައިފި އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ މި އުސޫލުގައި ބުނީ މާލޭ ސަރަހައްދުން އަތޮޅުތެރެއަށް ގޮސްފައިވާ މީހެއް އަދި ރިސޯޓަކުން އަތޮޅު ތެރެއަށް ގޮސްފައިވާ ފަރާތެއް އެ ރަށަަކަށް ދިޔަތާ 14 ދުވަހުގެ ތެރޭގައި އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ، އޭނާގެ ޓެސްޓު ހަދައި، ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހެއްގެ ޑައިރެކްޓު ކޮންޓެކްޓުން ގޭގައި ކަރަންޓީނު ކުރަންވާނެ ކަމަށެވެ.

ރަށުގައި އުޅޭ އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ، އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދެވެންދެން އެމީހަކު ބަހައްޓަންވާނީ ރަށުގައި ހަދާފައިވާ އައިސޮލެޝަން ފެސިލިޓީއެއްގައި ކަމަށާއި އޭނާގެ ޑައިރެކްޓު ކޮންޓެކްޓުން ކަރަންޓީނު ފެސިލިޓީއަކަށް ގެންދެވެންދެން ގޭގައި ނުވަތަ ރަށުގައި ކަނޑަައަޅާފައިވާ ތަނެއްގައި އެކަހެރިކުރަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި ކަރަންޓީނުގައި އަމަލުކުރަންޖެހޭ އުސޫލަށްވެސް މީހުން ތަމްރީނު ކުރަންޖެހޭނެ ކަމަށާއި ޕީޕީއީ އެޅުމާއި އެތަކެތި ބޭލުމާ ގުޅޭ ރަނގަޅު ތަމްރީނު ދޭންޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

ރަށުތެރޭ ގައިދިރުކަން ބެހެއްޓުމަށް ބާރު އަޅަންވާނެ ކަމަށާއި ދެމީހުންގެ ދޭތެރޭ މަދުވެގެން ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަށް އުސޫލުގައި ބަޔާންކޮށްފައިވާއިރު، ބަލިވެ އުޅޭމީހުން ގޭގައި މަޑުކުރަން އަންގަންވާނެ ކަމަށް އެ އުސޫލުގަައި ބުނެފައިވެ އެވެ.

މި އުސޫލުގައި އެކްޓިން ސާވަލަންސް ސާމްޕަލް ނަގާނެ އުސޫލު ވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން އަރުދަފުސް ރޯގާގެ އަލާމާތް ނެތްނަމަވެސް ރަށުގައި ދިރިއުޅޭ ކޮންމެ 10 ބިދޭސީ އަކުން އެކަކު ޓެސްޓު ކުރަންވާނެ ކަމަށާއި ރަށުގައި އުޅޭ މީހުންގެ ތެރެއިން ގިނަ މީހުންނާ ބައްދަލުވާ މީހުންގެ ޓެސްޓުވެސް ހަދަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓު އަދި ފެރީތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ކޮންމެ 10 މީހަކުން އެކަކު ޓެސްޓުކުރަންވާނެ ކަމަށާއި 10 މީހުންނަަށް ވުރެ މަދުން މަސައްކަތްކުރާ ތަންތަނުން އެކަކު ޓެސްޓު ކުރަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ރަށުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ އެއް ޕަސެންޓް މީހުންގެ ޓެސްޓު ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ރަށުގައި ބިދޭސިން އުޅޭނަމަ ބިދޭސިންގެ ލިސްޓެން ނަގައި ރޯގާގެ އަލާމާތް ހުންނަ ނަމަ، އެމީހުން އުޅޭ ހިސާބަށް ގޮސް، ރޯގާގެ އަލާމާތް ހުންނަ ބިދޭސިން ރަށުތެރޭ ގިނަވެއްޖެ ނަމަ އެކަން އެޗްޕީއޭ އަށް ރިޕޯޓު ކުރުމަށް އުސޫލުގައި ވެއެވެ.

އުސޫލުގައިވާގޮތުން ކޮވިޑާ ގުޅޭގޮތުން ރަށުގެ ރައްޔިތުން، ހާއްސަކޮށް މާބަނޑު މީހުންނާއި ކުޑަކުދިން އަދި ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ދޭމީހުން ހޭލުންތެރިކޮށް ޖުމްލަކޮސް ހުރިހާ ރައްޔިތުންވެސް ބައްޔާމެދު ހޭލުންތެރި ކުރަންވާނެ އެވެ.

ރާއްޖެއިން މިހާތަނަށް 228 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.