28 Apr 2020, 10:52
ސިޑްނީ (އޭޕްރިލް 28): އޮސްޓްރޭލިއާގެ ސިޑްނީގައި އޮންނަ މަޝްހޫރު ބޮންޑައި ބީޗް ރާޅާ އަޅަންދާ މީހުންނާއި ފަތަންދާ މީހުންނަށް ހުޅުވާލައިފި އެވެ.
ބޮންޑައި ބީޗް ހުޅުވާލަމުން ސިޑްނީގެ ވެވާލީ ކައުންސިލުން ބުނި ގޮތުގައި އެ ބީޗް ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން ހަފްތާ ދުވަސްތަކުގައި ރާޅާ އަޅަންދާ މީހުންނާއި ފަތަންދާ މީހުންނަށް ހެނދުނު 7:00އިން ހަވީރު 17:00އަށެވެ. ނަމަވެސް ވެލިގަނޑު މަތީގައި ދުވަން ދިޔުމާއި އެއްވު އުޅުން އަދިވެސް މަނާ ވާނެ އެވެ.
އެ ކައުންސިލުން ވަނީ ހަފްތާ ބަންދުގައި ބީޗް ހުޅުވާލުމާ ބެހޭ ގޮތުން ކައުންސިލުން ފަހުން ގޮތެއް ނިންމާނެ ކަމަށް ބުނެފަ އެވެ.
މިދިޔަ މާޗް މަހު ބޮންޑައި ބީޗް ބަންދު ކުރީ އޮސްޓްރޭލިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މީހުން އެއްވެ ނޫޅުމަށާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ސަރުކާރުން އެންގި ނަމަވެސް، އެތައް ހާސް މީހުން ބީޗަށް އެއްވުމާ ގުޅިގެންނެވެ.
"އަޅުގަނޑުމެން ބަލައިގަންނަން ކަސްރަތު ކުރުމަކީ ސިއްހަތަށާއި ދުޅަހެޔޮ ކަމަށް ވަރަށް މުހިއްމު ކަމެއްކަން އަދި މި ހަރުކަށި ފިޔާވަޅުތައް އަޅާފައި ވަނީ ރައްކާތެރިކޮށް ކަސްރަތުކޮށް، އިޖުތިމާއީ ގައިދުރުކަން ބަހައްޓާނެކަން ޔަގީން ކުރުމަށް،" ކައުންސިލުން ބުންޏެވެ.
ސިޑްނީގެ އިތުރު ބީޗުތަކެއްވެސް އިއްޔެ ވަނީ ރާޅާ އަޅަން ދާ މީހުންނާއި ފަތަންދާ މީހުންނަށް ހުޅުވާލާފަ އެވެ. އަދި މިދިޔަ ހަފްތާގައި ވެސް އެގައުމުން ވަނީ ބައެއް ބީޗުތައް ހުޅުވާލާފަ އެވެ.
އޮސްޓްރޭލިއާގައި މިދިޔަ މަހުގެ ފަހުކޮޅު ވައިރަހުގެ ކޭސްތައް ޕީކްވުމަށް ފަހު މިހާރު އަލަށް ފެންނަ ކޭސްތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެގޮތުން މިދިޔަ މަހުގެ 24ގައި ޕީކްވި އިރު 424 މީހަކު ޕޮޒިޓިވްވި ނަމަވެސް އިއްޔެ އެގައުމުން ރިޕޯޓުކޮށްފައި ވަނީ އެންމެ ނުވަ ކޭސް އެވެ. ނަމަވެސް ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް އަދި ލުއި ނުކުރާނެ ކަމަށާއި އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާނީ ވެސް އަންނަ މަހު ކަމަށް ވިދާޅުވެފަ އެވެ.
އޮސްޓްރޭލިއާއިން ލޮކްޑައުންގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެގައުމަށް ދާ އެންމެން 14 ދުވަހަށް އެކަހެރިވާން އެންގުމާއި ގެއިން ބޭރުގައި ދެ މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ނޫޅުމަށް އެންގުން ހިމެނެ އެވެ.
އޮސްޓްރޭލިއާގައި މިހާތަނަށް 6،700އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 84 މީހަކު ވަނީ މަރުވެފަ އެވެ.