އުތުރު ކޮރެއާގެ ލީޑަރު ކިމްޖޮން އިލް އަވަހާރަވެފައިވާ އިރު އެގައުމުގެ އައު ލީޑަރަކަށް ވާނީ ކޮން ބޭފުޅެއް ކަން ރަސްމީކޮށް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

ނަމަވެސް ކިމް ޖޮން އިލްގެ އެންމެ ހަގު ފިރިހެން ދަރިކަލުން ކިމް ޖޮން އަން އަކީ އުތުރުކޮރެއާގެ އައު ލީޑަރަށް ވެވަޑައިގަންނަވާނެ ބޭފުޅާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ކިމް ޖޮން އަން އަކީ ކިމް ޖޮން އިލްގެ ވާރިސު ކަމަށް އެންމެން ކިއުމަކުން އެހެންނެއް ނުވާނެ އެވެ. ނަމަވެސް އާއިލީ ވެރިކަމެއް ދަރިންނަށް ވާރުތަވާ ގޮތް ދެނެގަތުމަށް މި މިސާލުތަކަށް ވިސްނާލުމުން ލިބެނީ ތަފާތު މަސްހުނި ނަތީޖާތަކެކެވެ.

ބައްޝާރުލް އަސަދު

ސޫރިޔާގެ ރައީސްކަން 29 އަހަރު ވަންދެން ކުރެއްވި ހާފިޒުލް އަސަދުގެ ދަރިކަލުން ބައްޝާރުލް އަސަދަކީ ލީޑަރަކަށް ވެވަޑައިގެންނެވިވާދެނެ ކަމަށް މީހުން ގަބޫލު ކުރި ބޭފުޅެއް ނޫނެވެ. ނަމަވެސް ބައްޕާފުޅަށް ފަހު ވެރިކަމަށް ވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ހުންނެވި ބައްޝާރުގެ ބޭބޭފުޅު ކާރު އެކްސިޑެންޓެއްގައި އަވަހާރަވުމުން ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅަކީ ބައްޝާރުކަން ޔަގީންވެގެން ދިޔަ އެވެ.

ލޮލުގެ ޑޮކްޓަރެއްގެ ގޮތުގައި ތަމްރީނު ވެވަޑައިގެން ހުންނެވި ބައްޝާރު ކައިވެނުކުރައްވައިގެން އުޅުއްވަނީ އިނގިރޭސި އަންހެން ބޭފުޅަކާ އެވެ. އެހެންވެ ބައްޝާރުއަކީ އޭނާގެ ބައްޕާފުޅަށް ވުރެ މެދުމިނުގެ ބޭފުޅެއް ކަމަށް މީހުން ހީކުރި އެވެ. އެހެންވެ ހާފިޒުލް އަސަދުގެ ދުވަސްވަރު ހާމަ ޕްރޮވިންސްގައި ހިންގެވި ފަދަ ގަތުލުއާއްމުތައް ބައްޝާރު ނުހިންގަވާނެ ކަމަށް މީހުން ހީކުރި ނަމަވެސް މިހާރު ބައްޝާރު ސާބިތުކޮށްދެއްވަމުން ގެންދަ ވަނީ އޭނާ އަކީ ބައްޕާފުޅަށް ވުރެ ވަކި ސަހަލު ބޭފުޅެއް ނޫންކަމެވެ.

ޖޯޖް ބުޝް

ޖޯޖް ޑަބްލިއުބުޝްއާ އެއްކޮށްކޮ ޖެބް ބުޝްއަކީ ވެސް ސިޔާސީ ބޭފުޅުންނެވެ. ނަމަވެސް މީހުން ގަބޫލުކުރީ ބައްޕަ ބުޝްގެ ސިޔާސަތު ކުރިއަށް ގެންދަން ވެރިކަމަށް ވަޑައިގަތުމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ޖެބް ކަމަށް އެމެރިކާގެ ގިނަބަޔަކު ދެކުނެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީގެ ފަރާތުން ރިޔާސީ ރޭހަށް ނެރުމަށް އެންމެ ރަނގަޅު ބޭފުޅަކީ ޖޯޖް ޑަބްލިއު ބުޝްކަމަށް އެ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ކާލް ރޯވް ގަބޫލުކުރެއްވި އެވެ.

ޖޯޖް ވެރިކަމަށް ވަޑައިގެން، އޭނާގެ ބައްޕާފުޅު އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސައިނާ ދެކޮޅަށް ފެއްޓެވި ހަނގުރާމަ ފުރިހަމަ ކުރައްވައި، ސައްދާމުގެ ވެރިކަން ނިމުމަކަށް ގެންނެވި އެވެ. އަދި ދެ ދައުރު ރައީސްކަން ކުރެއްވި އެވެ.

ރައުލް ކާސްޓްރޯ

ކިއުބާގެ ޒަމާންވީ ލީޑަރު ފިޑެލްކާސްޓްރޯ އުމުރުފުޅުން 85 އަހަރުގައި ޖެހިވަޑައިގެންނެވި އާލާސްކަންފުޅެއްގެ ސަބަބުން ވެރިކަމުގައި ނުހުންނެވިގެން ވެރިކަން ހަވާލުކުރެއްވީ ކޮށްކޯފުޅު ރައުލް ކާސްޓްރޯއާ އެވެ. ފިޑެލް ކާސްޓްރޯގެ ސިޔާސަތު ކުރިއަށް ގެންދަވާނެ ބޭފުޅަށް ރައުލް ވެވަޑައިގަންނަވާނެ ކަމަށް ގިނަ ބަޔަކު ހީކުރިޔަސް ރައުލް ވަނީ ކިއުބާއަށް ބައެއް ހެޔޮ ބަދަލުތައް ގެންނަވާފަ އެވެ. އެގޮތުން ކިއުބާގެ ރައްޔިތުންނަށް ގެއާއި ކާރު ފަދަ ތަކެތި ގަތުން މަނާކޮށްފައި އޮތް އޮތުމަށް ރައުލް ނިމުމެއް ގެންނެވި އެވެ.

މިމިސާލުތަކަށް ވިސްނާލުމުން ކިމްޖޮން އިލް އަށް ފަހު އުތުރުކޮރެއާގެ ވެރިކަމަށް ވަޑައިގަންނަ ވާނީ ކިމް ޖޮން އަން ކަމަށް ކަނޑައަޅަން މާ އަވަސް ކަމަށް ސިޔާސީ މުހައްލިލުން ދެކެވަޑައިގަންނަވަ އެވެ. އަދި ކިމް ޖޮން އަން ވެރިކަމަށް ވަޑައި ގަތަސް ސީދާ ބައްޕާފުޅު ހިންގެވި މަގުން ހިންގަވާނެކަން ވެސް ކަށަވަރު ނުވާ ކަމަށް އެފަދަ ފަރާތްތަކުން ބުނެ އެވެ. ( ބީބީސީ)