ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އަމާޒް ބޯޓުުގެ ކެޕްޓަންގެ ކޭސްއާ ގުޅިގެން ޕްރައިމަރީ ކޮންޓެކްސް ނުވަތަ އޭނައާ ސީދާ ދިމާވި، 101 މީހަކު މިހާތަނަށް ހޯދާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

އަމާޒު ބޯޓުގެ ކޭޕްޓަން އުމުރުން 49 އަހަރު (ކޭސް133) ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މާލެ ލޮކްޑައުނަށް ދިޔުމުގެ ކުރިން އެ ބޯޓުން ވަނީ މާލެއިސް ފުރައިގެން ގޮސްފައެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު އުތުރުގެ ބައެއް ރަށްތަކަށް ދަތުރު ކުރި އެ ބޯޓުގައި، 91 މީހަކު ދަތުރުކުރިކަން އެންއީއޯސީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި އެ ބޯޓުން ދަތުރު ކުރި މީހުން އެޗްޕީއޭ އަށް ރިޕޯޓުކުރުމަށްވެސް ވަނީ އެދިފައެވެ.

މިރޭ ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިިމް އަފްޒަލް ވިދާޅުވީ، އަމާޒު ބޯޓުގެ ކްރޫއާއި ދަތުރު ކުރި މީހުންނާއެކު މިހާތަނަށް 101 މީހަކު ދެނެގަނެވިފައިވާ ކަމަށެވެ. ކޮންޓެކްސްތަކުގެ ތެރެއިން ހަ މީހެއްގެ ގައިން ވައިރަހުގެ އަލާމާތްތައް ފެންމުންދާ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"ސެކަންޑަރީ ކޮންޓެކްސްގެ ތެރެއިން އެކަކު ސިމްޓޮމެޓިކް. އަދި 101 ޕްރައިމަރީ ކޮންޓެކްސްތަކުގެ ތެރެއިން ފަސް މީހަކު ސިމްޓޮމެޓިކް. އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މި ކޭސްއާ ގުޅޭ ސެކަންޑްރީ ކޮންޓެކްޓްގެ އަދަދު ޑރ. އަފްޒަލް ހާމައެއް ނުކުރައްވައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ: އަމާޒް ބޯޓު ކޭސްއާއި ގުޅިގެން 101 ޕްރައިމަރީ ކޮންޓެކްޓް ދެނެގަނެވިފައިވާ ކަމަށް ވިދާޅުވި --- ފޮޓޯ/ އެންއީއޯސީ

ޑރ. ވިދާޅުވީ، މި ކޭސްއާ ގުޅިގެން ތިން އަތޮޅެއްގެ 14 ރަށެށްގައި ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ށ. އަތޮޅުގެ ފަސް ރަށަކާއި ނ. އަތޮޅުގެ ފަސް ރަށަކާއި، ހއ. ގެ ދެ ރަށް އަދި ކުޅުދުއްފުށި ސިޓިއެވެ.

މި ކޭސްއާ ގުޅުންހުރި ކަމަށް ޑރ. އަފްޒަލް މިރޭ ހާމަ ކުރެއްވި ރަށްތައް:

  • ށ. ނަރުދޫ

  • ށ. މިލަންދޫ
  • ށ. ފީވައް
  • ށ. މާއުނގޫދޫ
  • ށ. ގޮއިދޫ
  • ނ. މާފަރު
  • ނ. މިލަނދޫ
  • ނ. ވެލިދޫ
  • ނ. ކެދިކުޅުދޫ
  • ނ. ހޮޅުދޫ
  • ހދ. ހިރިމަރަދޫ
  • ކުޅުދުއްފުށި ސިޓީ
  • ހއ. ދިއްދޫ
  • ހއ. އުތީމު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވެފައި ވަނީ، މި ކޭސްއާ ގުޅިގެން އިތުރު ކްލާސްޓާތަކެއް ރާއްޖޭގެ އެކި ރަށްތަކުން ފެނުމުގެ ފުރަސަތު އެބަ އޮތް ކަމަށެވެ.

މިހާތަނަށް އަދި މި ކޭސްއާ ގުޅިގެން އިތުރު މިހާކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފައި ނުވެެއެވެ. މީގެ ކުރިން މި ކޭސްއާ ގުޅިގެން 13 ރަށެއް މޮނީޓަރިންގެ ހާލަތައް ގެނެސްފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މިހާތަނަށް ރާއްޖެއިން ވައިރަހަށް ސާމްޕަލް ނެގި އަދަދަކީ، 6،343 އެވެ. އޭގެ ތެރެއިން 224 މީހަކު ޕޮޒިޓިވް ވިއިރު، 5،999 މީހަކު ވަނީ ވައިރަހަށް ނެގަޓިވްވްވައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 87 ދިވެހީންނާއި 137 ބިދޭސީންނެވެ. އޭގެ ތެރެއިން 17 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ. އެއީ ހަތަރު ދިވެއްސަކާއި 13 ބިދޭސީންނެވެ. މިހާތަނަށް ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ އަދަދަކީ، 129 އެވެ.