މާލެ ސަރަހައްދުގައި ކޮވިޑް19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ރެންޑަމް ސާމްޕަލްތަކެއް ނަގަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މާލެއާއި ވިލިމާލޭގެ އިތުރުން ހުޅުމާލެއިން ރެންޑަމް ސާމްލަތަކެއް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މަސައްކަތުގެ ބޭނުމަކީ ފެތުރިފައިވާ މިންވަރު ބެލުމުގެ އިތުރުން ނުހޯދި ހުރި ކްލަސްޓާތަކާއި ސަރަހައްދުތައް ދެނެގަތުން ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއީއޯސީ

"ރެންޑަމް ސާމްޕްލިން ކުރަން ގަސްތުކޮށްފައިވަނީ ބާޒާރުމަތީ ފިހާރަތަކުން ނުވަތަ ބާޒާރުމަތިން ރެންޑަމްކޮށް، ކަންމަތީ ފިހާރަތަކުން، ފެރީ އަދި މަގުމަތިން ހަމަ ރެންޑަމްކޮށް. މީގެ އިތުރުން ހުޅުމާލެއާއި ވިލިމާލެއިން ވެސް،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ މަސައްކަތް ކުރަން ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން މިއަދު ރެންޑަމްކޮށް ނެގުނީ 25 ސާމްޕަލް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ކޮވިޑް19އަށް މިއަދު އިތުރު 12 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއާއެކު ރާއްޖެއިން މިހާތަނަށް ފެނުނު ޖުމުލަ ކޭސްތަކުގެ އަދަދު 226އަށް ވަނީ އަރާފަ އެވެ.

ރާއްޖެއިން މިހާތަނަށް ފެނުނު 226 ކޭސްތަކުގެ ތެރޭގައި ހިމެނެނީ، 86 ދިވެހިންނާއި 137 ބިދޭސީންނެވެ. އޭގެ ތެރެއިން 17 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ. އެއީ ހަތަރު ދިވެހިންނާއި 13 ބިދޭސީންނެވެ.