21 Dec 2011, 09:06
ވިލިމާލޭ ކުޑަކުދިންގެ ހިޔަލުގެ ކުދިންގެ ދުނިޔެއަކީ މުޅިން ތަފާތު ދުނިޔެއެކެވެ. އެކުދިންގެ ފޮޓޯ މައުޒަރު، "މީ ތްރޫ މައި ލެންސް" އިން ވަނީ އެ ދުނިޔޭގެ އެތައް ވާހަކައެއް އަހަރެމެންނާ ހިއްސާކޮށްފަ އެވެ. އެކުދިންގެ ދިރިއުޅުމާއި ވެއްޓާއި އުންމީދުތައް އެންމެންގެ ލޮލަށް ސިފަވާ ގޮތަށް ވަނީ ރީއްޗަށް ކުރަހައިދީފަ އެވެ. އެ މައުރަޒު ބަލަން ވަރަށް ގިނަ ބަޔަކު ދިޔަ އެވެ. މަވެސް ދިޔައިމެވެ. ހުދާ ކަޅުގެ ފޮޓޯތަކަށްވުރެ އަހަރެންގެ "ލެންސް" އަޅައިގަތީ ތިން އަހަރާއި 16 އަހަރުގެ ކުދިންގެ 41 ފޮޓޯގެ ކަލެކްޝަންގެ ކޮންމެ ފޮޓޯއެއްގެ ތިރީގައި ފިޔަވަޅުމަތީ ނިޝާނަކާއެކު ލިޔެފައިވާ "ވިޝް" ލިސްޓަށެވެ. ހިތަށް އެރި އެވެ. އެކަނިވެރިވެފައިވާ ކުދިން، ފޮޓޯއިން އެކުދިންގެ ވާހަކަ ކުރަހައިދީ ކިޔައިދިން ފަދައިން އެކުދިން ފާޅުކޮށްފައިވާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ އަހަރެން ހެއްޔެވެ؟ ނުވަތަ ކަލޭ ހެއްޔެވެ؟
http://sun.mv/albums/l_2837.jpg
މައުރަޒުގައި ބަހައްޓާފައިވާ ހުރި ތަސްވީރުތަކުގެ ތެރެއިން ތިން އަހަރުގެ ޔަނާލް އާއި ސުހާ އަދި އަރޫޝާ އެ ކުދިންގެ ފޮޓޯގެ ތިރީގައި ލިޔެ އެވެ: އަހަރެމެން ބޭނުން ވަނީ ބާބީ ޑޯލްއާއެކު ކުޅޭށެވެ. އަދި ކުލަޖައްސާށެވެ. ޓެޑީބެއާއާއެކު ކުޅެ ވަގުތު ހޭދަކުރާށެވެ.
ހަތަރު އަރުގެ ކުދިންގެ ތެރެއިން ރިޔާޝާ އަކީ ފޮޓޯ ނަގާ ހިތްވާ، އަދި އަންހެން ފުޓްބޯޅަ ކުޅުންތެރިޔަކަށް ވާން ނިޔަތް ގަނެގެން ހުރި ކުއްޖެކެވެ. ބައެއް ކުދިން އެކުދިންގެ އުންމީދުތައް ފޮޓޯއާ ގުޅުވާލާފައިވާއިރު އަފްނާންގެ ޝައުގުވެރިކަން އަތުލާފައި ވަނީ ބެންޓެނާއި ކާރެވެ. އަދި ފައުޒާ ލިޔެ އެވެ: "އަހަރެން ބޮޑުވެގެން ވާން ބޭނުން ވަނީ ޓީޗަރަކަށެވެ."
ކުޑަކުޑަ މިޝްއަލްގެ ދުނިިޔެއަކީ ރިމޯޓް ކާރުގެ ވެއްޓެކެވެ. އޭނާގެ ފްރެންޑް ސުހާ ބޭނުން ވަނީ ހުނަރުވެރިކަމާއެކު ގިޓާ ޖަހާށެވެ. ޒަހާ ބޭނުން ވަނީ ނެށުމުގައި ކުރިއަރައިދާށެވެ. ފަސް އަހަރުގެ ދެ ކުދިންގެ ތެރެއިން ސޮބާހަތު ފޮޓޯ ގްރަފީއަށް ޝައުގުވެރިޔަސް ކުރިމަގުގައި ޑޮކްޓަރު ހެދުން އަޅައި އެންމެނަށްޓަކައި އޭނާގެ ހިތް ހުޅުވައިލާން ބޭނުންވެއެވެ. ރިޝާލާގެ އުންމީދަކީ ކުރެހުމުގައި ވިދާލުމެވެ.
އަސްމީލަކީ ހަ އަހަރު ކުއްޖެކެވެ. އެކުވެރިން އުފާ ކޮށްދޭން އޭނާ ހުރީ ކެތް މަދުވެފައެވެ. މޮޅަށް ފުޓްބޯޅަ ކުޅެ "ދަގަނޑޭ"އަކަށް ވާން ބޭނުންވެއެވެ. ސަބާ ބޭނުން ވަނީ ފުލުހަކަށް ވެގެން ފޯރި މަރައި އަމަން ބެލެހެއްޓުމާ ހަވާލުވާށެވެ. ފައުރާޒް މިއުޒިކާއެކު ކުރިއަރަން ހިތް އެދޭއިރު ފަހަތުގައި ހުރި ޝަހާ ބޭނުން ވަނީ ގިޓާ ކުޅެން ދަސްކުރާށެވެ.
ހަތް އަހަރުގެ މިންހާޖު މަސްބާނަން ބޭނުންވެ އެވެ. މަލްޝާ ޑޮކަޓަރަކަށްވާން އެދެ އެވެ. އިޔާޒުގެ ހިތުގައި އޮތީ ފުލުހަކަށް ވުމުގެ އުންމީދެވެ.
އަށް އަހަރުގެ ފުރައަށްދާއިރު ޝިޔާ ވެސް ބޭނުން ވަނީ އާޓިސްޓަކަށް ވެގެން އަހަރެމެންގެ ތެރެއަށް އަވަހަށް އަންނާށެވެ. އަދި ޑޮކްޓަރަކަށް ވެގެން އާންމުންނަށް ހިދުމަތް ކުރަން ނުކުތުމަށް އުމުރުން ނުވަ އަހަރުގެ އަޒުކާން ބޭނުން ވެއެވެ. އުމުރުން 10 އަހަރުގެ ޒެއިން ފޮޓޯގްރެފީއަށް ލޯބި ކުރި ނަމަވެސް އޭނާ ބޭނުން ވަނީ މޮޅަށް ބެޑްމިންޓަން ކުޅެ އެ ކުޅިވަރުން ތައްޓެއް ހޯދައިދައި، އޭނާއަށްޓަކައި މީހުން އަތްޖަހާތަން ބަލާށެވެ. އޭނާގެ ރައްޓެހި ޖައިލަމް ބޭނުން ވަނީ މޮޅު ގާރީއަކަށް ވެގެން ރީތިކޮށް ގުރުއާން ކިޔަވައި ހިތްތަކުގައި ފިރުމައިދޭށެވެ.
http://sun.mv/albums/l_2839.jpg
އުމުރުން 11 އަހަރުގެ އިކްރިޝާ ނެށުމުގައި ކުރިޔަށް ދާން ބޭނުންވާއިރު ސުހާ އަކީ ވާހަކަ ކިޔުންތެރިއެކެވެ. އަދި ކުރެހުމާއި ކުލަޖެއްސުމުގައި ރީޝާގެ އުންމީދުތައް ހުރީ ވަރަށް މަތީގަ އެވެ. އުމުރުން 12 އަހަރުގެ ޔައިސް އާއި ޝައިހާން ސިކުނޑީގައި ފުޓްބޯޅަ ނޫން އެއްޗެއް ނެތެވެ. އޭނާ ބޭނުން ވަނީ މޮޅަށް ކުޅެ ގޯލް ޖަހާށެވެ. ކެއްކުމުގައި ދުވަސްދާ ގޮތް އިފާޝާއަށް ނުވެސް އެނގޭއިރު ހައްސާން ބޭނުން ވަނީ ރިސޯޓަކަށް ޖައްސާލާށެވެ. ޒައިނާ ބޭނުން ވަނީ ލިޔާށެވެ. ލިޔުންތެރިއަކަށްވެގެންނެވެ.
އުމުރުން 13 އަހަރުގެ ޝާމިން އަށް ޓީވީ ޝޯތައް ކަމުދެ އެވެ. ސާދަ އަހަރުގެ ރިޔާސާ ފުޓްބޯޅަ ކުޅޭ ހިތްވެ އެވެ. ނަށުމާއި ލަވަކިޔުމުގައި ޒައިނާ 15، ކުރިޔަށްދާން ބޭނުންވާއިރު ރުތުބާ ބޭނުން ވަނީ ކައްކާށެވެ. މާޒިން ބޭނުން ވަނީ ސައިންޓިސްޓަކަށްވާށެވެ. ފައިޒާން ބޭނުން ވަނީ އެހެން މީހުންނަށް އެހީ ވެދޭށެވެ.
ދެ ދުވަހުގެ މައުރަޒު "މީ ތްރޫ މައި ލެންސް" ގައި ބައިވެރިކުރި 41 ފޮޓޯގެ ތެރެއިން ރޭ އިރު އޮއްސުނު އިރު 37 ފޮޓޯ ވަނީ ވިކިފަ އެވެ. މީހުންނަށް ފޮޓޯތައް ފެނުނީ ވަރަށް ސަޅިކޮށެވެ. މައިންބަފައިންގެ ލޯބި ގެއްލުނު ކުދިން ވަނީ އެކުދިން ދުނިޔޭގެ މަންޒަރު ދައްކާލައި ހުދާ ކަޅުން ކުރަހައި ދީފަ އެވެ. އެ އިހުސާސްތައް އަހަރެމެންނާ ގުޅުވައިދީފަ އެވެ. އެކުދިންނަށް އެހީވި ޑޮކްޓަރާއި ފޮޓޯ ގްރާފަރުގެ މަސައްކަތަށް ޝުކުރު ހައްގެވެ. އެކުދިންގެ ހިޔާލުތައް ފޮޓޯއިން ކުރަހައި ދިނުމުގައި އެހީވެ ދިނީތީ އެވެ. އެކަމަކު އެކުދިންގެ "ވިޝް" ލިސްޓްގައި ހިމެނޭ ކަންކަމުގައި ރީނދުލަކާއި ނުލަކާއި ރަތާއި ހުދު، ފެއްސަކުން ކުލަޖައްސައިދެނީ ކާކު ހެއްޔެވެ؟ އެކުދިންނަކީ ލޯބި ގެއްލުނު ކުދިންނެވެ.