ސައުދީ އަރަބިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރު ގޭގެއަށް ބެހުމަށް ޔޫތު މިނިސްޓްރީން އެކުލަވާލި ވޮލަންޓަރީ ޓީމުން ނުކުމެއްޖެ އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރު ބެހުމުގެ މަސައްކަތް ޔޫތު މިނިސްޓްރީގެ ދަށުން އެކުލަވާލާފައިވާ ވޮލަންޓަރީ ޓީމުން ފަށާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ އެދިލެއްވުމުގެ މަތިން ކަމަށެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީގެ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ 426 ގޭބިސީއަކަށް ކަދުރު ބެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ޕޮޒިޓިވް ކޭސްތަކެއް ރާއްޖެއިން ފެންނަން ފެށުމާ ގުޅިގެން މާލެ ފުރަބަންދުކޮށްފައިވާ އިރު ގޭގެއަށް ފިހާރަތަކުން ޑެލިވަރީ ކުރުމަށް ޔޫތު މިނިސްޓްރީން ވަނީ ވޮލަންޓްރީ ޓީމެއް އެކުލަވާލައިފަ އެވެ. އެ މިނިސްޓްރީގެ މުވައްޒަފުންނާއި އެހެނިހެން ވޮލަންޓްރީންނާ އެކު އިސްވެ ޑެލިވަރީއަށް މިނިސްޓަރު މަހްލޫފް ވެސް ފުރަތަމަ ދުވަހު ވަނީ ވަޑައިގެންފަ އެވެ.

އެކަމަކު މަހްލޫފް ޑެލިވަރީކޮށްދިނުމަށް ދިޔަ އިހްސާނު ފިހާރައިގެ މުވައްޒަފުންތަކެއް ވައިރަހަށް ޕޮޒިޓިވް ވުމުން އޭނާ ވަނީ ހޯމް އައިސޮލޭޓް ކޮށްފައެވެ. އެއާ އެކު ވޮލަންޓްރީ ޓީމުގެ އިސްފަރާތެއްގެ ގޮތުގައި މިވަގުތު މަސައްކަތް ކުރަމުން އަންނަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އެވެ.

ޔޫތު މިނިސްޓްރީގެ ވޮލަންޓްރީ ޓީމުގައި 500 އަށް ވުރެ ގިނަ މީހުން މިވަގުތު މާލޭގައި ހަރަކާތްތެރިވަމުން ދާކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކުގެ ފަރާތުން ކަދުރާ ހަވާލުވާނެ މީހުން ރަމަޟާން މަހުގެ ހެނދުނު 9:30 އާއި 17:00 އާ ދެމެދު އިސްލާމިކް މިނިސްޓްރީ އަށް ދިއުމުން ކަދުރު ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.