ކޮރޯނާ ވައިރަސްގެ ސަބަބުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް މަޑު މަޑުން ނަގަން ފެށުމުން ދެމަހެއްހާ ދުވަހު މެދު ކެނޑިފައި އޮތް އާސެނަލްގެ ޓްރެއިނިންގް ފަށައިފި އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު އިނގިރޭސި ޕްރިމިއާ ލީގާއި، ކުލަބުތަކުގެ ޓްރެއިނިންގްތައް މެދުކަނޑާލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އެއަށް ފަހު ކުޅުންތެރިން އަމިއްލަ ގޭގައި ތިބެގެން ފިޓްނެސް ދެމެހެއްޓުމަށް ދިޔައީ ކުލަބުގެ ކޯޗުންގެ އިރުޝާދާ އެކު ތަމްރީންތައް ހަދަމުންނެވެ.

ނަމަވެސް ކޮރޯނާ ވައިރަސް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވި މަޑު މަޑުން އިނގިރޭސިވިލާތުގެ ހިސާބުތައް ހުޅުވަން ފެށުމާ އެކު އާސެނަލުގެ ކުޅުންތެރިން މިއަދު ވަނީ ޓްރެއިނިންގް ފެސިލިޓީގައި ތަމްރީންތައް ހަދަން ފަށައިފަ އެވެ. އެގޮތުން ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ އެލަކްސްންޑްރާ ލަކަޒެޓްއާއި، ޑޭވިޑް ލުއިޒް ވަނީ ޓްރެއިނިންގް ގްރައުންޑަށް ތަމްރީން ހެދުމަށް ގޮސްފަ އެވެ.

އެގައުމުގައި އަޅާފައިވާ ލޮކްޑައުން އަދި ވެސް ދެމިއޮތުމާ ގުޅިގެން ޓްރެއިނިންގް ފެސިލިޓީތައް ރަސްމީކޮށް ނުހުޅުވާ ކަމަށާއި، ކުޅުންތެރިން ތަމްރީންތައް ހަދާނީ ވަކި ވަކިން އެހެން ކުޅުންތެރިންނާއި ދުރުގައި ކަމަށް އާސެނަލުން ވަނީ ބުނެފަ އެވެ.

ޓީމުގެ ހުރިހާ ކުޅުންތެރިން މީގެ ކުރިން ކަރަންޓީންކޮށް ޓެސްޓްކޮށްފައިވާ އާސެނަލްގެ ކޯޗު މިކެލް އާޓެޓާއަށް ވަނީ ކޮރޯނާ ވައިރަސް ޖެހި ރަނގަޅު ވެފަ އެވެ.

އިނގިރޭސިވިލާތުގެ މީޑިއާތައް ބުނާ ގޮތުން އަންނަ މަހުގެ 18 ގައި ރަސްމީކޮށް ޓީމުތަކަށް ފަރިތަކުރުންތައް ހެދުމަށް ހުއްދަ ލިބޭނެ އެވެ. އަދި ޖޫން އަށެއްގައި ލީގުގެ ކުޅުން އަލުން ފަށާނެ ކަމަށް ރިޕޯޓްތަކުން ދަނީ ބުނަމުންނެވެ.

އެހެން ނަމަވެސް ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ ލީގު އިތުރަށް ކުރިއަށް ނުގެންގިސް ކެންސަލް ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ކޮށްފަ އެވެ.