27 Apr 2020, 22:01
ކޮވިޑް-19 ޖެހުނު އިތުރު ދެ މީހަކު މިހާރު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.
މީގެ ކުރިން އެ ހޮސްޕިޓަލުގައި ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާ ދެމުން ދިޔައީ، އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އާންމު ގޮތެއްގައި އެ ހޮސްޕިޓަލަށް ބަދަލު ކުރަނީ، ވައިރަސް ޖެހިގެން ހާއްސަ ގޮތެއްގައި ފަރުވާދޭން ޖެހޭ މީހުންނަށެވެ.
މިރޭ ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އެ ހޮސްޕިޓަލަށް އަލަށް ގެންދިޔައީ 68 އަހަރުގެ ދިވެހި އަންހެނަކާއި 48 އަހަރުގެ ޕާކިސްތާނު ފިރިހެނެއް ކަމަށެވެ.
"ޕާކިސްތާނު މީހާއަށް އޮކްސިޖަން ބޭނުންވާތީ، އޭނާ އޮތީ އޮކްސިޖަން ގުޅާފައި. ދެން ފަރުވާ ދެމުންދާ ދެމީހުންގެ ސްޓޭބަލް [ހާލު ރަނގަޅު]،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ ---- ފޮޓޯ/ އެންއީއޯސީ
މިދިޔަ ދެ ދުވަސްތަރޭ 85 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަައެވެ. އޭގެ ތެރޭގައި ހިމެނެނީ، އިއްޔެ ފެނުނު 73 ކޭސްއާއި މިއަދު މިހާތަނަށް ފެނުނު 12 ކޭސްއެވެ.
ޑރ. ވިދާޅުވީ، އިއްޔެ ފަހުން ފެނުނު 12 ކޭސްތައް މައިގަނޑު ގޮތެއްގައި ނިސްބަތްވަނީ ދެ ކްލާސްޓާއަކަށް ކަމަށެވެ. އެއީ އާރުއެސްސީ އަދި ބީޒެޑްއެމް ކްލާސްޓާއެވެ. އަދި މިއަދު ފެނުނު 12 ކޭސް ނިސްބަތްވަނީ ތިން ކްލާސްޓާއަކަށް ކަމަށް އަފްޒަލް ވިދާޅުވިއެވެ. އެއީ އާރުއެސްސީ، ބީޒެޑްއެމް އަދި އެމްއެޗްއެފް އެވެ.
"[ފަހުން ފެނުނު ކޭސްތަކަކީ] އެއް ބާވަތެއްގެ ބަޔަކު އުޅޭ ކްލާސްޓާތަކެއް މިއުޅެނީ. ނޫނީ އެއްކަހަލަ ގުޅުންތަކެއް އޮތް ކްލާސްޓާތަކެއް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިހާރު ފެނިފައިވާ ކޭސްތަކުގެ ކްލާސްތައް ބެހިގެންވާ ގޮތް --
ޑރ. އަފްޒަލް މިރޭ ވަނީ ކްލާސްޓާތައް ބެހިގެންވާ ގޮތުގެ މައުލޫމާތުވެސް ހިއްސާ ކުރައްވާފައެވެ. އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިހާތަނަށް ޖުމްލަ 20 ކްލާސްޓާއެއް ހިމެނެއެވެ. އެންމެ ގިނަ މީހުން ފެނިފައިވަނީ، އެމްއެޗްއެފް ކްލާސްޓާއިންނެވެ. އެ ކްލާސްޓާއިން 32 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެ ކްލާސްޓާއާ ގުޅުން އޮތް އެލްއެލްވައި ކްލާސްޓާ އިން 30 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއްވެސް ކްލާސްޓާއަކަށް ނުފެތޭ 14 މީހަކު ހިމެނެއެވެ.
ކްލާސްޓާތަކަށް ނަން ދީފައިވަނީ، އެ ކްލާސްތައް ފެނުނު ތަންތަނާ ގުޅުވައި ކަމަށް ޑރ. އަފްޒަލް މިރޭ ވިދާޅުވިއެވެ. އެގޮތުން ބީޒެޑްއެމް އަކީ، ބާޒާރުމަތި ކްލާސްޓާއެވެ. އެލްއެލްވައި ކްލާސްޓާ އަކީ، ލިލީ ސްޓޯރާ ގުޅޭ ކްލާސްޓާއެވެ. ޖީއާރުވައި އަކީ، މ. ޖަރީމާގެއިން ފެނުނު ފުރަތަމަ ކޭސްއާ ގުޅޭ ކްލާސްޓާއެވެ. ބީއެޗްއެމް އަކީ، ބީއެޗްއެމް ޓްރޭޑާސް އިން ޕޮޒިޓިވްވި މީހުންގެ ކްލާސްޓާއެވެ. އެމްޒެޑް އަކީ، އަމާޒް ބޯޓުން ޕޮޒިޓިވްވި ކެޕްޓަނާ ގުޅޭ ކްލާސްޓާއެެވެ. އެފްލްސީ އަކީ، ފްލޫ ކްލިނިކް ގެ ކްލާސްޓާއެވެ. ޔޫޖީއެމް އަކީ، އުލިގަމުން ޕޮޒިޓިވްވި މީހުންނާ ގުޅޭ ކްލާސްޓާއެވެ. ދެން ހުރި ކްލާސްޓާގެ ނަންތައް އަދި ސީދާ ވަކި ކުރާކަށް ނޭނގެއެވެ.
ޑރ. އަފްޒަލް އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު މަގުމަތިން، ކަންމަތި ފިހާރަ ބިދޭސީން ދިރިއުޅޭ ތަންތަން، ބާޒާރު މަތި އަދި ހުޅުމާލެއިންވެސް ރެންޑޮމްކޮށް ޓެސްޓް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިއަދު ވިއްސާރަވުމާ ގުޅިގެން ރޭންޑޮމްކޮށް ނެގުނީ 25 ސާމްޕަލްއެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން ވައިރަހަށް ސާމްޕަލް ނެގި އަދަދަކީ، 6،343 އެވެ. އޭގެ ތެރެއިން 224 މީހަކު ޕޮޒިޓިވް ވިއިރު، 5،999 މީހަކު ވަނީ ވައިރަހަށް ނެގަޓިވްވްވައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 87 ދިވެހީންނާއި 137 ބިދޭސީންނެވެ. އޭގެ ތެރެއިން 17 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ. އެއީ ހަތަރު ދިވެއްސަކާއި 13 ބިދޭސީންނެވެ. މިހާތަނަށް ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ އަދަދަކީ، 129 އެވެ.