ދުބާއީ ގަލްފް ފުޑް އެކްސްޕޯއަށް ދިޔަ މީހުންގެ މައުލޫމާތު އެޗްޕީއޭއަށް ހިއްސާކޮށްދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން އެދިއްޖެ އެވެ.

ދުބާއީ ގަލްފް ފުޑް އެކްސްޕޯ ބޭއްވީ ފެބްރުއަރީ މަހުގެ 16އިން ފެށިގެން 20ވަނަ ދުވަހާ ހަމައަށެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ އެ އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން ރާއްޖެއަށް އެނބުރި އައިސްފައިވާ މީހުންގެ މައުލޫމާތު އެޗްޕީއޭގެ ހޮޓްލައިން ނަންބަރު 1676އަށް ގުޅައިގެން ހިއްސާކޮށްދިނުމަށް އެދިފަ އެވެ.

"އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން އެނބުރި ރާއްޖެއަށް އައި މީހުންގެ މައުލޫމާތު އެއްކުރަން ބޭނުންވޭ. އެއީ ކޮންމެހެން މިހާރު ހިންގަމުންދާ ކޭސްތަކާ ގުޅުމެއް ނެތަސް، މި ކޭސްތަކަކީ އޭގައި އެހެން ކޭސްތަކާ ކޮންމެވެސް ވަރަކަށް ތަފާތު ހުރި ކޭސްތަކެއްކަން ފާހަގަކުރެވިގެން އެކަން އިތުރަށް ބަލަންވެގެން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ ފެއާއަށް ދިޔަ މީހުންގެ ތެރޭގައި ގިނައީ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ.

މިއީ ކޮންމެހެން ބަލި ހުރެގެން ބަލާ ބެލުންތަކެއް ނޫން ކަމަށާއި މިއީ ބަލީގެ އެއްވެސް އަލާމާތެއް މީގެ ކުރިން ހުރިތޯއާއި އެ އަލާމާތްތައް ހުރީ ކިހާ މުއްދަތަކަށް ކަން ދެނެގަތުމަށް ކުރާ ކަމެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

"ފުޑް އެކްސްޕޯއަށް ދިޔަ މީހުން ހޯދަން ބޭނުންވާ ސަބަބަކީ އަޅުގަނޑުމެންނަށް ޝައްކު ކުރެވޭ ކަހަލަ އަލާމާތްތަކެއް ހުރިކަމަށް ހަބަރު ލިބިފައިވަނީ އެތަނަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ބަލީގެ ހިސްޓްރީއަށް ބަލާއިރު ބަލީގެ އަލާމާތްތައް އެކްސްޕެކްޓްކުރާ މިންވަރަށްވުރެ ދިގުވެފައި ހުރުމާއި ބަލިޖެހިފައި ސިމްޕަމްސްތައް މައިތިރިވުމަށްފަހު އަނެއްކާވެސް އަލުން ފެންނަން ފެށުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެކްސްޕޯއަށް ދިޔަ މީހުންގެ ފަރާތުން ބަލީގެ 'ކޯސަސް އޮފް އިންފެކްޝަން' ފެނިފައިވަނީ އާންމުކޮށް ފެންނަ ކަންކަމާ ތަފާތުކޮށް ކަމަށެވެ.

"އާންމުކޮށް މި ބަލީގައި ފެންނަ 'ކޯސަސް އޮފް އިންފެކްޝަން'އާ ތަފާތު ގޮތްތަކަށް ފެންނާތީ އަޅުގަނޑުމެން ބަލައިލަން ބޭނުމީ މިގޮތަށް އިތުރު ބަޔަކު ވެސް އެބަތިބިތޯ، ނޫނީ މިއީ އައިސޮލޭޓްކުރި ދެ ކޭސް ނުވަތަ ތިން ކޭސްއަކުން ފެނިފައިވާ ކަމެއްތޯ ނުވަތަ ވަކިން މި އެކްސްޕޯއަށް ދިޔަ މީހުންގެ ފަރާތުގައި ހުރި ކަމެއްތޯ އެކްސްޕްލޯ ކޮށްލަން. އެމީހުން ތިބޭނީ މިހާރު ބަލިން މުޅިން ރަނގަޅުވެސް ވެފައި އެކަމަކު ބޭނުންވަނީ ކުރީގެ ހިސްޓްރީ އޮޅުން ފިލުވަން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ހަމައެއާއެކު ބައެއް މީހުން އަނބުރި ރާއްޖެއަށް އައިއިރު ކޮވިޑް19 ޖެހިފައި ތިބެދާނެ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް އެގޮތަށް ކަން ހިނގުމަކީ މިހާރު އެމީހަކު އައިސޮލޭޓް ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

އެހެންކަމުން އެ އެކްސްޕޯއަށް ގޮސް އެނބުރި އައި މީހުންގެ ތެރެއިން ކޮވިޑް19 ޖެހިފައި ތިބީ ކިތައް މީހުންނަށް ތޯ ބެލުމަށް ބެކްޓްރެކް ކުރަން ބޭނުންވާ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.