28 Apr 2020, 00:13
ގައުމުތަކުގައި ދިމާވެފައިވާ ނުރައްކާތެރި ހާލަތުން އަރައިގަނެ އަލުން އަނބުރާ ފުޓުބޯޅަ ލީގުތައް ފެށުމުން ހުރިހާ މެޗެއްގައިވެސް ފަސް ބަދަލު ކުރެވޭ ގޮތަށް ގަވާއިދު ބަދަލު ކުރުމަށް ފީފާއިން ހުށައަޅައިފި އެވެ.
ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު މުޅި ދުނިޔޭގެ ފުޓުބޯޅަ މިވަގުތު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެއްބައި ގައުމުތަކުގެ ލީގުތައް މުއްދަތެއް ނެތް ގޮތަށް ފަސް ކުރި އިރު އަނެއްބައި ލީގުތައް ދަނީ ކެންސަލް ކުރަމުންނެވެ.
އެއާ އެކު މިހާރު ރޭވިފައި ހުރި މެޗުތައް ފަސްވަމުންދާތީ ކުޅުމަށް އަލުން ރުޖޫއަވާ ހިސާބުން ގިނަ މެޗުތަކެއް ކައިރީ ކައިރީގައި ކުޅެން ޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ލިބޭ ވަރުބަލިކަމާއި، އިންޖަރީތައް މަދުކުރުމުގެ ގޮތުން ކޮންމެ މެޗެއްގައި ފަސް ބަދަލު ކުރެވޭ ގޮތަށް އަދި، އިތުރު ވަގުތަށް ގޮސްފި ނަމަ އިތުރު ދެ ބަދަލު ކުރެވޭ ގޮތަށް ގަވާއިދު ބަދަލު ކުރުމަށް ފީފާއިން ވަނީ ހުށައަޅާފަ އެވެ.
މި ބަދަލުތަކާ އެކު ލީގުތަކާއި، މުބާރާތްތައް ހިންގާ މެނޭޖްމެންޓުން މި އަހަރު ނިމެންދެން އަމަލު ކުރެވޭނެ ކަމަށާއި، ގައުމީ ޓީމުގެ މެޗުތަކަށް ވެސް މިގަވާއިދު ތަންފީޒް ވާނެ ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ.
"ލީގުތަކުގެ ކުޅުން އަލުން ފެށުމުން އެއްފަހަރާ ގިނަ މެޗުތަކެއް ކުޅެން ޖެހޭނެ ކަމަށް ބެލެވޭ. އެކަމުގެ ސަބަބުން ކުޅުންތެރިންގެ ފިޓްނަސްއަށް ބޮޑެތި އަސަރު ކުރާނެތީ ފީފާއިން ވަނީ މެޗެއްގެ ފުރިހަމަ ވަގުތުގައި ފަސް ބަދަލު އަދި، އިތުރު ވަގުތަށް ގޮސްފިނަމަ އިތުރު ދެ ބަދަލު ކުރެވޭ ގޮތަށް ގަވާއިދު ބަދަލު ކުރުމަށް ހުށައަޅާފައި." ފީފާއިން ބުނެފައިވެ އެވެ.
ކޮރޯނާ ވައިރަސްގެ ސަބަބުން ގައުމުތަކުގެ ފުޓުބޯޅައަށް ބޮޑެތި ދަތިތަކެއް ދިމާވެފައިވާ އިރު ފީފާގެ މެމްބަރު ހުރިހާ ގައުމެއްގެ މެދުގައި 150 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ބެހުމަށް އެ އިދާރާއިން ވަނީ ދާދި ފަހުން ނިންމާފަ އެވެ.