21 Dec 2011, 00:08
މިހާރުގެ ކޮންމެ ދުވަހަކީ މީޑިޔާގައި ޖުޑީޝަރީގެ ވާހަކަ އޮންނަ ދުވަހެއް ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު ވިދާޅުވީ މީޑިއާގެ ފްރޮންޓަލައިން ޖުޑިޝަރީއަށް އަމާޒުކޮށްފައި އޮންނައިރު ޖުޑިޝަރީގެ ރަނގަޅު ވާހަކަތަކާއި ނުރަނގަޅު ވާހަކަތައް ވެސް ހުންނަ ކަމަށެވެ.
"ކޮންމެ ދުވަހެއްގެ ފުރޮންޓްލައިންގައި އެކިއެކި މީޑިއާތަކުގައި ކޮންމެސް ކޯޓެއްގެ ވާހަކަ އަބަދުވެސް މި ހުންނަނީ. މީޑިއާގެ އެންމެ ހަރަކާތްތެރި، އެއް ޚަބަރަކަށް މިއުޅެނީ ޖުޑީޝަރީގެ ވާހަކަތައް. މީގެތެރޭގައި އެބަހުރި ޖުޑީޝަރީއަށް ރަނގަޅު ވާހަކަ ވެސް، ޖުޑީޝަރީއަށް އަމާޒުވާ ނުސީދާ ވާހަކަ ވެސް،" ސިވިލް ކޯޓުގެ މުވައަޒަފުންނަށް ހިންގި ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މީޑިޔާގައި ފެތުރޭ ވާހަކަތަކަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ ކޯޓުތަކުގައި ހުރި މައްސަލަތައް ނުނިމި ލަސްވާ ވާހަކަތަކާއި ޚިދުމަތް ހޯދަންދާ މީހުނާ މުއާމަލާތް ކުރާ ގޮތުގެ ވާހަކަ ހިމެނޭ ކަމަށެވެ. އަދި އެކަންކަން ހައްލު ކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓުތަކާއި ބެހޭގޮތުން އެމަނިކުފާނަށް ވެސް ޝަކުވާތައް ލިބޭ ކަމަށާއި އެ ޝަކުވާތަކުގެ ތެރޭގައި ހިދުމަތަށް އެދޭ ފަރާތްތަކާމެދު މުހާތަބު ކުރުމުގައި "ރޫޑް"ކޮށް ވާހަކަދެއްކުން ހިމެނޭ ކަމަށެވެ. އެއީ ހުރެގެން ވާނެ ސިފައެއް ނޫން ކަމަށާއި އެފަދަކަންކަން ހައްލު ކުރުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
ސިވިލް ކޯޓަށް ނިސްބަތް ކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހަތް ގާޒީން ތިއްބަވާ ކޯޓަށް މިއަހަރުގެ މިހާތަނަށް 2000 ވަރަކަށް މައްސަލަ ހުށަހެޅިފައިވާ ކަމަށާއި ހަތް ގާޒީންގެ ނިސްބަތުން އެއީ ވަރަށް ގިނަ އަދަދެއްގެ މައްސަލަ ކަމަށެވެ. އެ މައްސަލަތައް އަވަސް ކުރެވޭނީ ހަމައެކަނި ގާޒީންގެ މަސައްކަތުން ނޫން ކަމަށާއި، ގާޒީންނާއެކު މަސައްކަތް ކުރަންތިބި މުވައްޒަފުން ވެސް ހީވާގި ކަމާއި، ބާރު ސްޕީޑް އެކަމަށް ބޭނުންވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ