28 Apr 2020, 12:53
ދިވެހިންނާއި އެންމެ ގާތް އަދި އެންމެ ބޭނުންތެރި އެކަށްޗަކީ ކާށްޓެވެ. ހަވާދުހަދާ، މަސްހުނި މޮޑެ ހެދިކާހެދުމަށް ބޭނުންވާ ހުނިވެސް މި ލިބެނީ ކާށިންނެވެ. ނުވިތާކަށް ކާށްޓަކީ ރަހަމީރު އެކިވައްތަރުތަކުގެ ފޮނިބާވަތްތައް ހެދުމަށްވެސް ވަރަށް ރަނގަޅު ބާވަތެކެވެ.
ސަން ބަދިގޭގައި ލިއުޝާ މިއަދު ތައްޔާރުކޮށްލަނީ ކޮކަނަޓް ޕުޑިން އެކެވެ.
ބޭނުންވާ ތަކެތި
1 ކާށި (އުކުރާފައި)
- 1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް
- ކާށީގެ ފެންފޮދު
- 5 މޭޒުމަތީ ސަމްސާ ކޯންފްލާ (ފެންފޮދަކުން ގިރުވާލާފައި)
- ½ ޖޯޑު ފިނިފެންމާ ފެން
- ރާނބާފަތް
- 1 ދަޅު ގެރިކިރު
- ކެޝޫ ނަޓްސް (ކުދިކޮށް ކޮށާލާފައި – އޮޕްޝަނަލް)
- ބައި ތަށި ކިރު
- 1 ސައިސަމްސާ ގިތެޔޮ
ތައްޔާރު ކުރާނެ ގޮތް
ކާށިކޮޅުތައް މިކްސަރަކަށް އަޅާ ފެން ފޮދެއް ބޭނުންކޮށްގެން ރަނގަޅަށް ފުޑާލުމަށްފަހު ފުރާނާލާށެވެ. އެއަށްފަހު ކުޑަ ތަވައަކަށް އަޅާ ، ފިނިފެންމާ ފެން ފޮދާއި، ރާނބާފަތާއި، ކާށީގެ ފެންފޮދާއި އަދި ކޯންފްލާކޮޅު އަޅާ އެއްކޮށްލާށެވެ. މިކަމަށް އެންމެ ރަނގަޅު ވާނީ ތަތް ނުލަވާނެ ނޮން ސްޓިކް ޕޭންއެއް ބޭނުންކުރުމެވެ. ގިނިމަޑުކޮށް ބެހެއްޓުމަށް ސަމާލުކަންދީ ހުއްޓާނުލާ މިކްސް ކުރަމުން ދާށެވެ. ރަނގަޅަށް އޮލަވަންދެން މެދުކެނޑުމެއްނެތި ހަލަމުންގެންދާށެވެ. އެއާއިއެކު ކުޑަ ގިތެޔޮކޮޅެއް ރަހަމީރުކޮށްލުމަށް އިތުރުކޮށްލާށެވެ. އެއާއެކު ވެނީލާ އެސެންސްއާއި ގެރިކިރު އަޅާށެވެ. ބޭނުންނަމަ ގެރިކިރު އިތުރުވެސް ކުރެވިދާނެ އެވެ.
ބޭނުންވާވަރަށް ވުރެ ބޮޑަށް އޮލަވެއްޖެނަމަ ކުޑަ ކިރު ފޮދެއް ނޫނީ ފެންފޮދެއް އަޅައިގެން ކޮންސިސްޓެންސީ ހިފެހެއްޓިދާނެ އެވެ. ހުރިހާއެއްޗެއް ރަނގަޅަށް މިކްސްވެ އޮލަވުމުން ކައްކާ ނިމުނީ އެވެ. އެއާއެކު ކުޑަކޮށް ހިހޫކުރުމަށް ބެހެއްޓުމަށްފަހު ގާނީޝްކޮށްލުމަށް ކެޝޫނަޓްސް ކޮޅެއް އަޅާލާށެވެ. އަދި ފިނިކުރުމަށްފަހު ސާރވްކޮށްލާށެވެ.