27 Apr 2020, 21:48
ޔަގީންވާ އެއްކަމެއް އެބަ އޮތެވެ؛ ކޮރޯނާވައިރަހުގެ ބަލިމަޑުކަން ރާއްޖޭގައި މިހާރު މިވަނީ އެންމެ ނުރައްކާތެރި ދަރަޖައިގަ އެވެ. މި ބިރުވެރި ވަގުތުގައި އާންމުން އުފައްދާ ސުވާލުތަކެއް ވެސް އެބަ ހުއްޓެވެ. ސަރުކާރުގެ ހުރިހާ ވަޒީރުން ކޮބައި ހެއްޔެވެ؟ އެ މީހުން މަސައްކަތް ކުރޭ ހެއްޔެވެ؟ ވައިރަހާ ދެކޮޅު މަސައްކަތަށް ކުރާ ހަަރަދުތަކުގައި ކޮރަޕްޝަނެއް އެބަ އޮތް ހެއްޔެވެ؟ މި ވައިރަހުން އަރައިގަންނަން މި ސަރުކާރުގެ ގާބިލްކަން އޮތީ ކިހާވަރަކަށް ހެއްޔެވެ؟
އަމާޒުވާ މި ސުވާލުތަކަށް މިއަދު ޖަވާބު ދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ؛ "އަޅުގަނޑުމެން [މިނިސްޓަރުން] މިތިބީ މި ހާލަތު މެނޭޖްކުރުމުގެ އެންމެ ކުރީގައި. ރާއްޖޭގެ ހާލަތު ކޮންމެ ދަރަޖައަކަށް ދިޔަ ނަމަވެސް މެނޭޖް ކުރުމުގެ ގާބިލްކަން އަޅުގަނޑުމެންގެ ޑޮކްޓަރުންނާއި ނަރުހުންނާއި ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންގެ އެބަހުރި،"
މިނިސްޓަރު އަލީ ވަހީދު ދެއްވި ޔަގީންކަމަކީ، ކޮންމެ ދުވަހަކު ނޫސްކޮންފަރެންސުން މިނިސްޓަރުން ނުފެނުނު ނަމަވެސް މިނިސްޓަރުން ތިއްބެވީ އެންމެ ކުރީ ސަފުގައި ހިދުމަތަށް ނިކުމެ ކަމެވެ. ކޮވިޑް ބަލީގެ މީހުން އެކަހެރި ކުރާ ކަރަންޓީނުކުރާ މަރުކަޒުތަކާއި އެ މީހުންނަށް ފަރުވާދޭން ހަދާ ފެސިލިޓީތަކުގެ ކަންކަން ރޭވުމާއި ރާއްޖެއިން ބޭރުން އެހީ ހޯދުމާއި މި ހުރިހާ މަސައްކަތެއް ވިލަރެސް ކުރުމުގައި މިނިސްޓަރުން ކޮންމެ ދުވަހަކަށް ދަރުބާރުގޭ އެންއީއޯސީއަށް ވަޑައިގެން މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ރައީސް ސޯލިހު އޮންލައިންކޮށް ކޮވިޑް19 ޓާސްކް ފޯސްއާ ބައްދަލު ކުރައްވަނީ: ކޮންމެ ރެއަކު ރައީސް ސޯލިހު ބައްދަލުވުން ބާއްވަވާ އިރުޝާދު ދެއްވާ -- ފޮޓޯ/ ރައީސް އޮފީސް
"މީގައި އޮތީ ދެ ގޮތެއް. އަޅުގަނޑުމެން މިކަމުގައި ނިމިދިޔުން ނުވަތަ މީގައި ކާމިޔާބުވުން. ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެން ވެއްޓެއްދެން ނުވަތަ ކާމިޔާބު ވަންދެން އަޅުގަނޑުމެން ތިބޭނަން. އެކަން ޔަގީން ކުރައްވާ،" މިނިސްޓަރު އަލީ ވިދާޅުވި އެވެ. "ނިއުޅެމުން މިދާ ހާލަތާ ކޯޕް ކުރުމުުގެ ކެޕޭސިޓީ މި ސަރުކާރުގައި އެބަހުރި. މި ސަރުކާރުގެ އެންމެހާ ފަރާތްތައް މި ތިބީ އެކުގައި ކޮވިޑްއާ ދެކޮޅަށް ހަނގުރާމަކުރުމުގައި ރައްޔިތުން އަޅުގަނޑުމެންނާ އެކު ކެތްތެރިވެ ތިއްބަވާ،"
މިއަދުގެ ނޫސްކޮންފަރެންސްގައި ސިފައިންގެ ހިންގާ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ ކޮމާންޑަރު އެމްއެންޑީއެފްގެ ކާނަލް ހުސައިން އަލީ ވިދާޅުވީ ސިފައިން ތިބީ ކޮންމެ ފަދަ ހާލަތެއްގައި ވެސް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ނިކުމެ ކަމަށެވެ. އަދި އެންމެ ހާލަތު ގޯސްވެގެން އަންނަ ވަގުތުވެސް ސިފައިން ފަހަތަށް ނުޖެހި މަސައްކަތުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"އަޅުގަނޑުމެން އާއިލާތަކާ ދުރުގައި ގެއަށް ނުގޮސް މި މަސައްކަތުގައި ތިބޭތާ މިހާރު ތިން ހަފްތާ މިވަނީ. އަޅުގަނޑުމެންގެ ކޮންމެ ސިފައިންގެ ބޭކަލަކަށް ވެސް އެނގިވަޑައިގަންނަވާ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް މިބަލީގެ ޝިކާރައަކަށް ވެދާނެކަން. އެކަމަކު އެ ބޭފުޅުން އެ އިސްކުރައްވަނީ ރައްޔިތުންނާއި ގައުމު. މިއީ ގައުމަށް އަޅުގަނޑުމެންގެ ހިދުމަތް އެންމެ ބޭނުންވާ ވަގުތު،" ކާނަލް ހުސެން ވިދާޅުވި އެވެ.

އޭޕްރީލް 19، 2020: ސިފައިން އާންމުންނަށް އަސާސީ ތަކެތި ފޯރުކޮށްދިނުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ވިދާޅުވި ގޮތުގައި، ސިފައިން އަންނަނީ ކަރަންޓީނު މަރުކަޒުތަކަށް ގެންދެވޭ މީހުންގެ ކަންކަން ބެލެހެއްޓުމާއި ހުޅުމާލޭގައި ހަދާ 300 އެނދުގެ މެޑިކަލް ފެސިލިޓީ ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ގޭގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގެންގޮސް ދިނުން ފަދަ ކަންކަމުގައި ވެސް ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
"އަޅުގަނޑުމެންގެ ސަފުތައް ބަދަހިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ތިބޭނަން. އަޅުގަނޑުމެންގެ ފަސް މީހަކު މިހާރުވެސް ޕޮޒިޓިވްވެއްޖެ. އެކަމަކު އެކަން އެނގިގެން އަޅުގަނޑުމެން ފްރޮންޓްލައިނަށް ނިކުތީވެސް. ސަލާމަތީ ފިޔަވަޅާ އެކު އަޅުގަނޑުމެން ފަހަތަށް ނުޖެހި ރައްޔިތުންގެ ހިދުމަތުގައި ތިބޭނަން،" ކާނަލް ހުސެން ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި ހަގީގަތެއް ނެތް
ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ރިސޯޓްތައް ހެދި ގޮތާ މެދު، ބައެއް ފަރާތްތަކުން ސަރުކާރަށް ކޮރަޕްޝަންގެ އިނގިލި ދިއްކުރެ އެވެ.
އެހެން ނަމަވެސް މިނިސްޓަރު އަލީ ވިދާޅުވީ، އެތަންތަން ސަރުކާރަށް ނެގީ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ކޮންމެ ކޮޓަރިއަކަށް 750 ރުފިޔާގެ މަގުން ކަމަށެވެ. ފެންވަރު ރަނގަޅު ރިސޯޓެއްގެ ހިދުމަތްތަކާ އެކު ކޮޓަރިއަކަށް 750 ރުފިޔާ އަކީ ވަރަށް ރަނގަޅު އަދަދެއް ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ. އަދި އެ ރިސޯޓްތަކުގައި ކަރަންޓީނު ކުރާ ފަރާތްތަކަށް ދޭ ކާނާ އާއި ހިދުމަތްތަކީ ވެސް ދުނިޔޭގެ ކަރަންޓީނު ފެސިލިޓީތަކުގައި ދޭ ހިދުމަތްތަކާ އަޅާބަލާއިރުވެސް މާ ރަނގަޅު އަދި މަތީ ފެންވަރުގެ ހިދުމަތްތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ހަނގުރާމައިގެ ހާލަތެއް އިނގޭތޯ. މި ވަގުތު ވައިރަސް އަކާ އަޅުގަަނޑުމެންގެ ރައްޔިތުންގެ ހަނގުރާމަ ކުރަމުން މިދަނީ. އެހެންވީމާ މިއަދު އަޅުގަނޑުމެންނަށް ވައިޓް ބްރެޑްގެ ބަދަލުގައި ބްރައުން ބްރެޑް ނުލިބިގެން އަޅުގަނޑުމެން އުޅެންވާ ހާލަތެއް ނޫން މިއީ،" އަލީ ވިދާޅުވި އެވެ. "މުގުރިހައަކާ އަޅައިގަނެގެން އަޅުގަނޑުމެންނަކަށް އުޅެވޭކަށް ނެތް،"

ކެކަރަންޓީނު ފެސިލިޓީތަކުގެ ހާލަތު މިނިސްޓަރު އަމީން އާއި އަލީ ބައްލަވަނީ --
މިނިސްޓަރު ވިދާޅުވީ ކޮވިޑްއާ ގުޅިގެން ކުރެވޭ މަސައްކަތްތަކާ ގުޅިގެން ސަރުކާރުން ކުރާ ހުރިހާ ހަރަދުތައް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުންނާނެ ކަމަށެވެ. އަދި އެ ހަރަދުތައް ކުރި ގޮތް ބަލަން ސަރުކާރުގެ އެތެރޭގެ އޮޑިޓްތައް ވެސް ބަރާބަރަށް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮވިޑްއާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ކުރާ ހަރަދުތަކާ މެދު ކޮރަޕްޝަންގެ ތުހުމަތު ކުރާ ނަމަ، އެކަން ބެލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ސަރުކާރުން އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.

ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދޭން ހުޅުމާލޭގައި ގާއިމްކުރާ 300 އެނދުނުގެ މެޑިކަލް ފެސިލިޓީ --
"ކަންކަން ރަނގަޅުކުރަން އަބަދުވެސް ފުރުސަތު އޮންނާނެ. މިސާލަކަށް ފަރުކޮޅު ފެސިލިޓީއެތަނުގައި އެބަހުރި ރަނގަޅު ކުރަން ޖެހޭ ކަންކަން. އެއީ އެތަނަކީ ރިނޮވޭޓްކޮށް އާބާތުރަ ފިލުވާފައި ހުރި ތަނެއް މެޑިކަލް ފެސިލިޓީއަކަށް ހަދާފައި. އެކަމަކު އެތަން ވެސް މިދަނީ ހަމަ ރަނގަޅު ކުރަމުން. އަދި ވިލިވަރަކީ މުޅިން އަލަށް ހެދިތަނެއް. އެތަނުގައި ތިއްބަވާފައި ދިޔަ ޓޫރިސްޓުން އެހެރީ ނުލާހިކު ރަނގަޅު ރިވިއުސް ދެއްވާފައި. މީގައި ހުންނާނެ ގޯސްކޮށް ދާކަންކަން. ރަނގަޅު ކުރަން ޖެހޭ ކަންކަން. އެކަންކަން ވެސް ރަނގަޅު ކުރަމުން ރައީސްގެ އިރުޝާދާ އެކު އަޅުގަނޑުމެން މިދަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިވަގުތު ފޯކަސް އޮތީ ވައިރަސް މައިތިރިކޮށް ހަމައަކަށް އެޅުވުމަށް ކަމަށެވެ. އަދި އެއަށް ފަހު ގައުމުގެ އިގްތިސާދާ ހަމައަކަށް އެޅުވުމަށް ވެސް ރޭވުންތައް ސަރުކާރުން ރާވަމުން އަންނަ ކަމަށެވެ. މި ސަރުކާރުން އޮތީ މިވައިރަހާ ހަނގުރާމަކޮށް މޮޅުވުމުގެ ވަރުގަދަ ހިތްވަރުގައި ކަމަށް ވެސް ވިދާޅުވި އެވެ. ފުރާނަ އަތްމައްޗަށް ލައިގެން ސަރުކާރުގެ ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރައްވަނީ އެ އަމުޒުގައި ކަމަށް ވެސް ވިދާޅުވި އެވެ.