27 Apr 2020, 16:25
މިއަދު މާލެއިން މިހާތަނަށް ކޮރޯނާވައިރަސް، ކޮވިޑް-19ގެ ހަ ކޭހެއް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭއިން ދާދި ދެންމެ ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި ހަ ކޭސްގެ ތެރޭގައި ހަތަރު ދިވެހީންނާއި ޕާކިސްތާނު މީހެއްގެ އިތުރުން ބަންގްލަދޭޝް މީހެއް ހިމެނޭ ކަމަށެވެ.
އެމީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
މިއަދު މާލެ އިން ހަ ޕޮޒިޓިވް ކޭސް އެއް ފެނިފައިވާއިރު އިއްޔެ އެކަނި ވެސް ވަނީ ރާއްޖެއިން ވައިރަސްގެ ޕޮޒިޓިވްވި 73 ކޭސް ފެނިފަ އެވެ.
މިއަދު ޕޮޒިޓިވްވި ހަ ކޭސް އާއެކު ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު ވަނީ މިހާރު 220 އަށް އަރައިފަ އެވެ. އޭގެތެރޭގައި 84 ދިވެހީންނާއި 136 ބިދޭސީން ހިމެނެ އެވެ.
އެ ބަލި ޖެހި މިހާތަނަށް 17 މީހަކު ވަނީ ރާއްޖެއިން ރަނގަޅުވެފަ އެވެ.
އެޗްޕީއޭއިން މިއަދު ހާމަކޮށްފައިވާ ލެބް ޓެސްޓުތަކަށް ބަލާއިރު މިހާތަނަށް 6،329 އަށްވުރެ ގިނަ ޓެސްޓު ހަދާފައިވާއިރު 234 ޕެންޑިން ޓެސްޓް ހިމެނެ އެވެ.
މާލޭގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑް އެއް އޮތްއިރު އެ ވައިރަސް ޖެހިފައިވާ މިންވަރު ބެލުމުގެ ކޮންޓެކްޓް ޓްރޭސިން ހަދައި ކްލަސްޓާތައް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ވައިރަސްގެ އެންމެ ބޮޑު ކްލަސްޓާއެއް ފެނިފައި ވަނީ މާލޭ ބާޒާރު މަތިން ކަމަށެވެ.
އެގޮތުން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ބާޒާރުމަތީގެ ފިހާރަތައް ހިމެނޭ ކްލަސްޓާއާ ގުޅިފައިވާ ކޭސްތައް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.