21 Dec 2011, 00:04
ރާއްޖެ ވަނީ ފިތުނަވެރިކަމުގެ ވިލާގަނޑެއްގެ ތުންފަތް މަތީގައި ކަމަށާއި އަންނަ ހުކުރު ދުވަހު ބާއްވާ ބޮޑު މުޒާހަރާގައި ހިނގައިފާނެ ފިތުނަވެރި ޢަމަލުތަކާ މެދު ސަމާލުވެ ރައްކާތެރިވުމަށް އިސްލާމިކް ފައުންޑޭޝަންގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޝޭހު އިބުރާހިމް ފަރީދު އަހުމަދު ގޮވާލައްވައިފި އެވެ.
އެމްއެންބީސީ ވަން އިން ވަގުތު ގަނެގެން ފަރީދު މިރޭ ދެއްވި ހިތޯބުގައި އިޝާރާތް ކުރައްވާފައި ވަނީ ހުކުރު ދުވަހު ބާއްވާ ބޮޑު މުޒާހަރާ އަށެވެ.
ހިތޯބު މެދުވެރިކޮށް ފަރީދު ވިދާޅުވީ ރާއްޖެ މިވަގުތު އޮތީ ފިތުނަ ވެރިކަމުގެ ކަޅު ވިލާގަނޑެއްގެ ތުންފަތްމަތީގައި ކަމަށާއި މިދަނޑިވަޅުގައި ލޭ އޮހޮރުވާލުންތަކާއި މީހުންގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމާއި ދުރުހެލިވުމަށެވެ. މުސްލިމުންގެ އަބުރާއި ޢިއްޒަތާއި ކަރާމާތަށް އަރައިނުގަތުމަށާއި އެ ދުވަހު އެއްވެސް މީހެއްގެ ނަފްސަށާއި އަބުރަށް އަދި މުދަލަށް ގެއްލުމެއް ލިބުނަސް އެއީ އެންމެންނަށް ލިބޭނެ ގެއްލުމެއް ކަމަށް ދުށުމަށެވެ.
"... މިހާރަކަށް އައިސް ރަށުތެރޭގައި ވަރަށް ބިރުވެރި އަޑުތައް ފެތުރެމުން އެބަދޭ. މުޒާހަރާ ކުރުމަށްޓަކައި މުސްލިމުންގެ ދެ ޖަމާޢަތް ދެކޮޅަށް ރޫޙުގައި ނުކުމެ ޖަޒުބާތާއި ފޯރިއާ އެކު އަޑުގަދަ ކުރާނެ ވާހަކަ. އަދި ނުވިތާކަށް ތަނުގެ އަމްނު ގެއްލިގެން ހިނގައިދާނޭ ފަދަ ޢަމަލުތަކެއް ހިނގައިފާނެ ކަމުގެ ވާހަކަ. އެއީ ވަރަށް ހިތާމަ ހުރިކަމެއް،" ދ. ކުޑަހުވަދޫ ފަރީދު، އޭނާގެ ހިތޯބުގައި ވިދާޅުވި އެވެ.
ޝޭހުގެ ހިތޯބުގައި ސައްތައިންސައްތަ މުސްލިމުން އުޅޭ އިސްލާމީ ބިމަކުން ފެންނަމުންދާ ބައެއް ކަންކަމާ މެދު ސުވާލުތައް އުފައްދެވި އެވެ.
"... މުސްލިމުންގެ ދެ ޖަމާޢަތް ކުރިމަތިލައި ތަޅާފޮޅުމަކަށް ގޮސް ތަކެއްޗަށް ގެއްލުންދިނުމުގެ ބިރުވެރިކަން އޮންނަންވީ ކީއްވެތޯ؟ އިސްލާމްދީނަށް ގަދަކަން ހޯދަން އަދު އަޅުގަނޑުމެން މީހުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދޭންވީ ކީއްވެތޯ؟ ޅަދަރީންގެ ހިތްތަކަށް، ހިތުން ފިލައިގެން ނުދާނޭ ވަރުގެ ބިރުވެރިކަމެއް ވައްދަން ބޭނުންވަނީ ކީއްވެތޯ؟ މުޖުތަމައުގެ އަމަން އަމާންކަމާއި ހަމަޖެހުން ނަގާލާންވީ ކީއްވެތޯ؟ އިސްލާމީ ވަހުދަތާއި އަޚްވަންތަކަން ފުނޑުފުނޑުކޮށްލާންވީ ކީއްވެތޯ؟ އެއުރެންގެ މަސްލަޙަތުތައް ވެއްޔާ މޮޑެންވީ ކީއްވެތޯ؟ ދެ ޖިންސުގެ މީހުން އެއްތަނަކަށް އެއްވެ ގައިގޯޅިވެ މަސްހުނިވާންވީ ފަހެ ކީއްވެތޯ؟" ޝޭހު ވިދާޅުވި އެވެ.
ފަރީދު ވިދާޅުވީ ދެބަސްވުންތަކާއި ޖަދަލުކުރުންތަކަށް ފުރުސަތު ނުދިނުމަށާއި ހުރިހާ ކަމެއްގައި ވެސް ސުލްޙަކުރަން މަސައްކަތް ކުރުމަށެވެ. އަނދަމުންދާ އަލިފާނަށް ދަރުއެޅުމުގެ ބަދަލުގައި އަމިއްލަ މަސްލަޙަތުގެ ކުރިއަށް އިސްލާމްދީނާއި މަސްލަޙަތު އިސް ކުރުމަށެވެ.
"... ލިބޭ ފައިސާކޮޅާއި މަޤާމަށް އަބުރާއި ޢިއްޒަތް ވިއްކާ ނުލައްވަވާ. ފާނަވެދަނިވި ދުނިޔޭގެ މަދު ނިޢްމަތްތައް ހާޞިލްކުރުމަށް ޓަކައި އަބަދަށް ދެމިހުންނަނިވި އާޚިރަތުގެ ގިނަގުނަވެގެންވާ މަތިވެރި ނިޢުމަތްތައް ވިއްކާ ނުލައްވަވާ. ހަމަ ކޮންމެ މީހަކީ ވެސް ﷲގެ ހަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއް." ޝައިހު ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ