ކޮވިޑް19 އަށް ޕޮޒިޓިވްވި ކޭސްތަކުގެ ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ ބައެއް ވަޒީރުން އެކަހެރިކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި ނުރައްކާތެރި ހާލަތުގައި ހުރިހާ ފަރާތްތަކެއް ވެސް މަސައްކަތް ކުރަމުން އަންނަނީ ކޮންމެ ވަގުތެއްގައި ވެސް ކަރަންޓީނަށް ދާންޖެހިދާނެކަން އެނގި ތިބެ ކަމަށެވެ.

މި ހާލަތުގައި މަސައްކަތް ކުރަނީ އެކަކު އެކަހެރިކުރަން ޖެހޭ އިރަށް، އިތުރު މީހަކު މަސައްކަތަށް ނުކުންނަ އުސޫލަކުން ކަމަށެވެ.

"މިވަގުތު އެބަތިއްބެވި ބައެއް ވަޒީރުން ވެސް އައިސޮލޭޝަންގައި. ފަސްޓް ޑައިރެކްޓް ކޮންޓެކްޓާ ގުޅިގެން ހަމަ މަސައްކަތަށް ނުނުކުމެވި ގޭގައި މަޑުކުރަން ޖެހިފައިި،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން ކެބިނެޓް ތަރުތީބުވެފައި ވަނީ އެންމެން އެކުގައި "ޑްރޮޕް" ނުވާނެ ގޮތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިވަގުތު ނޭޝަނަލް އެމަޖެންސީ އޮޕަރެޝަން ސެންޓަރުގައި މަސައްކަތް ކުރައްވަނީ ޓުއަރިޒަމް މިނިސްޓަރުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެންއީއޯސީގައި މަސައްކަތަށް ނުކުމެ ތިބި ކޮންމެ މީހަކީ ވެސް، ބަލީގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވެގެން ހިނގައިދާނެ މީހުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނެތިއްޔާ ދެން ހުންނަ މީހާ ހުންނާނެ. ވަޒީރުންގެ މަޖިލީހާއެކު ރައީސް ސަރުކާރު ތަރުުތީބުކޮށްފައި ވަނީ މި ހާލަތް ކިތަންމެ ނުރައްކާތެރި ހާލަތަކަށް ދިޔަސް މެނޭޖު ކުރެވޭނެ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ރޭ ތުލުސްދޫ އިން ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، ފެނަކައިގެ ސިވިލް އިންޖިނިއަރެއް ކަރަންޓީނަށް ދާންޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ފިހާރައިގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ފިހާރައިގެ ޑެލިވަރީގައި އުޅުއްވި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ހުންނެވީ ސެލްފް އައިސޮލޭޝަންގަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ސެލްފް އައިސޮލޭޝަންގައި ހުންނެވި ކަމަށް، ވަނީ ވިދާޅުވެފަ އެވެ.

މިހާތަނަށް ރާއްޖެއިން 214 މީހަކަށް ބަލި ޖެހިފައިވާއިރު، ގިނަ މީހުން ފެނިފައި ވަނީ މާލެއިންނެވެ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހާރު ރާއްޖެޖ އޮތީ އެންމެ ނުރައްކާތެރި ހާލަތުގައި ކަމަށާއި، ކުރިއަށް ދެން އޮތީ ރިކަވަރީ ފޭސް ކަމަށެވެ.