މާލޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާއިރު ރާއްޖެ މިއޮތީ އެ ބަލީގެ އެންމެ ނުރައްކާތެރި ހާލަތުގައި ކަމަށާއި އެކަމަށް ސަރުކާރުން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ، ކޮވިޑް-19ގެ ފުރަތަމަ ފޭސްގައި ތިން މަހެއްހާ ދުވަހު ކާމިޔާބް ކަމާއި އެކު ހިފަހައްޓާލެވުނު ކަމަށާއި ނަމަވެސް މިހާރު މި ވަނީ ހާލަތުގައި ބަދަލުވެފައި ކަމަށެވެ.

"މި އައީ ފޭސް ޓޫ. ފޭސް ޓޫ އަކީ މީގެ ސާޖަކާއި އެކު އަންނާނެ އެންމެ ނުރައްކާތެރި ހާލަތް. އެހެންވީމަ ކުރިއަށް މިއޮތް ދުވަސްތަކުގައި ޕޮޒިޓިވް ކޭސްތައް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

މި ހާލަތަކީ ދުނިޔޭގެ ގިނަ ގައުމުތަކަކުން ތަޖުރިބާކޮށްފައިވާ ހާލަތެއްކަން ފާހަގަކޮށް އަލީ ވަހީދު ވިދާޅުވީ، މި ހާލަތު ރާއްޖެއަށް ވެސް އަންނާނެ ކަން ދަނެ ތިބެގެން ފުރަންޓް ލައިންގެ ހުރިހާ ފަރާތްތަކުން ވެސް ތައްޔާރަށް ހުރި ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ކުރިމަތިލަމުން މިދާ ހާލަތުގައި މި ބައްޔާއި ކުރިމަތިލާން ފްރަންޓްގައި ތިބޭ މީހުން ނުރައްކަލަށް ހުށަހެޅިގެން ދާނެ ކަމީ އަޅުގަނޑުމެން އެންމެން ގަބޫލުކުރަން ޖެހޭ ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

ފަރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް މާލެ ސަރަހައްދުގެ ހުރިހާ ގެސްޓް ހައުސް ކޮޓެރިތަކެއް ސެކުއާ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މި ހާލަތުން އަރައިގަތުމަށް ސަރުކާރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތައް ކާމިޔާބްވާނީ އެޗްޕީއޭ އިން ދެމުންދާ އިރުޝާދުތަކަށް ބޯލަބައި ގެތަކުގައި ރައްޔިތުން ތިބެގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިތުރު ޕޮޒިޓިވް ކޭސްތަކެއް އައިސޮލޭޝަނަށް ލާން ޖެހުނު ނަމަވެސް އެކަމަށް ވެސް ތައްޔާރަށް ހުރި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މި ހާލަތް އަންނާނެ ކަމަށް އަޅުގަނޑުމެން މިހުރިހާ ދުވަހަކު ތައްޔާރުވީ. އެހެންވީމަ މިވަގުތަކީ އަޅުގަނޑުމެން ހިތްވަރާއި ކެތްތެރިކަމާއި އެކު ހިފަހައްޓާލަން ޖެހޭ ވަގުތު،" އަލީ ވަހީދު ވިދާޅުވި އެވެ.