ކޮވިޑަށް ފަރުވާދޭން ރާއްޖެއަށް ފްލޯޓިން ހޮސްޕިޓަލެއް ގެންނަން ޖެހޭ ހާލަތަށް އަދި ނުދާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތް ކުރަނީ ރައީސްގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ. ރާއްޖޭގައި ބަލީގެ ހާލަތު ނުރައްކާވިޔަސް މެނޭޖު ކުރުމުގެ ގާބިލުކަން ދިވެހި ޑޮކްޓަރުންނާއި ނަރުހުން އަދި ސިފައިންނާއި ފުލުހުން އަދި މަސައްކަތްތެރިންގެ އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން ވެއްޓުނީމާ އެހެން ބަޔަކު އަންނާނީ. އަޅުގަނޑުމެން ބޭރުގެެ އެހީތެރިކަމަށް އެދެންޖެހޭ ހިސާބަކަށެއް އަދި ނުދޭ. އެންމެ ގޯސް ހާލަތު އައިސްފައި މިއޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ފްލޯޓިން ހޮސްޕިޓަލެއް ގެންނާނެ ހާލަތެއް އަންނާނީ "އަޅުގަނޑުމެންގެ ދިފާއު ފޫއަޅައިގެން ދިޔައީމާ" ކަމަށެވެ.

ރާއްޖޭގެ ސިފައިންނާއި ފުލުހުން އަދި ޑޮކްޓަރުންނާއި ފްރޮންޓުލައިނުގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަނީ މިކަމުގައި ހުރި ރިސްކު އެނގިގެން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ރާއްޖެއަށް ފްލޯޓިން ހޮސްޕިޓަލެއް ގެންނަން ނުޖެހި މިކަން ދިވެހި ސަރުކާރުން ކާމިޔާބު ކުރެވޭވަރަށް މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު އަލީ ވަހީދު ވަނީ ކޮވިޑާ ގުޅިގެން އަތުވެދާނެ އެންމެ ގޯސް ހާލަތަކަށްވެސް ތައްޔާރުވެފައިވާކަމަށާއި، ފްލޯޓިން ހޮސްޕިޓަލެއް ގެންނަން ޖެހިއްޖެނަމަ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ފްލޯޓިން ހޮސްޕިޓަލް ގެނައުމަށް ވެސް ތައްޔާރަށް އޮތްކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް 214 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ.