27 Apr 2020, 15:02
މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަސް ސިފައިންގެ މީހުން ހިމެނޭކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ފކާނަލް ހުސައިން އަލީ ވިދާޅުވީ މިހާތަނަށް ސިފައިންގެ ފަސް މީހަކު ހިމެނޭ ކަމަށާއި، އެމީހުންނާ ގުޅުންހުރި އިތުރު ސިފައިން ކަރަންޓީނުކޮށްފައިވާ ކަމަށެވެ.
ކާނަލް ހުސައިން އަލީ ވިދާޅުވީ މި މަސައްކަތުގެ ފްރަންޓް ލައިނަށް ސިފައިން ނުކުތް އިރުވެސް، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ސިފައިން ހިމެނޭނެކަން އެނގޭ ކަމަށާއި، މަސައްކަތަށް ނުކުތީ އެކަން އެނގިތިބެ ކަމަށެވެ.
އަދި އެކަހެރިކުރާ ސިފައިން ވެސް، ފުރިހަމަކުރަންޖެހޭ މުއްދަތު ފުރިހަމަ ކުރުމަށްފަހު އެނބުރި އައިސް ހިދުމަތާ ގުޅޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތުގައި ސާބިތުވެ ތިބޭނަން. އަޅުގަނޑުމެންގެ ތެރެއިން ޕޮޒިޓިވްވާ ފަރާތްތައް ކަމާބެހޭ ފަރާތްތަކުގެ އިންތިޒާމުގެ ތެރެއަށް ހަމަ ހުށަހެޅިގެން ދާނެ،" ކާނަލް ވިދާޅުވިއެވެ.
ކާނަލް ވިދާޅުވީ ސިފައިންގެ ތެރެއިން ބަޔަކު ޕޮޒިޓިވްވެ، އިތުރު ސިފައިންތަކެއް އެކަހެރިކުރަން ޖެހޭނެ ހާލަތެއް އަތުވެދާނެ ކަމަށް ސިފައިންގެ ލީޑަޝިޕް އޮތީ ތައްޔާރުވެފައި ކަމަށެވެ. އެގޮތުން ސިފައިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެސްއޯޕީތައް އެކުލަވާލައި އަމަލު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، ސިފައިންގެ މަރުކަޒުތައް ވެސް މިކަމަށް ތައްޔާރަށް އޮތް ކަމަށް ކާނަލް ވިދާޅުވިއެވެ.
ކޮވިޑް19 އަށް ސިފައިންގެ މީހަކު ޕޮޒިޓިވްވެފައިިވާކަން އެންމެ ފުރަތަމަ ހާމަކުރީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި 41 މީހަކު ހޯދާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މިއަދުގެ ޕްރެސްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.
އެގޮތުން ސިފައިންނާއި ފުލުހުންގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ހިމެނޭ ގޮތުން 600 އަށްވުރެ ގިނަ މީހުން ގެއަށް ނުދެވޭގޮތަށް އެކަހެރިކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް ރާއްޖެއިން 214 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްފައި ވާއިިރު، ގިނައީ މާލެ އިން ބައްޔަށް ޕޮޒިޓިވްވީ މީހުންނެވެ.