21 Dec 2011, 00:01
ވެށިފަހި މާލެ ޕްރޮގްރާމް ދަށުން ބޯހިޔާވަހި ކަމަށް ކުރިމަތިލާފައިވާ 21،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ ޕްރޮގްރާމްގެ ދަށުން ބައެއް ފަރާތްތަކަށް ގޯތި ހަވާލުކުރި ކަމުގެ ލިޔުން ހަވާލުކޮށްދެއްވުމަށް ހިރިޔާ ސްކޫލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ބޯހިޔާވަކަން ނުލިބިގެން އުޅޭ ހުރިހާ ފަރާތްތަކަށް ވެސް ބޯހިޔާހިޔާވަހިކަން ހޯދަވައިދެއްވުން ކަމަށެވެ. އެކަމަށް ބޭނުންވާ މަސައްކަތްތައް މާލެ އާއި ހުޅުމާލޭގައި މިހާރު ވެސް ފެށިގެން ކުރިއަށް ދާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގުޅީފަޅުގައި ވެސް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަޝްރޫއުއެއް މިއަންނަ އަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު އަދި ވިދާޅުވީ މާލޭގައި ކުޑަބިންކޮޅެއް އޮވެ އެބިންކޮޅު ބޭނުންނުކުރެވޭ ފަރާތްތަކަށް މިހާރު ވެސް ހުޅުމާލެއިން ގޯތި ދޫކޮށްފައިވާ ކަމަށާއި ކުރިއަށް އޮތްތާގައި ވެސް އެފަދަ ބިންތަކުގެ ބަދަލުގައި އެ ފަރާތްތަކަށް ހުޅުމާލެ އިން ފުލެޓް ނުވަތަ ބިން ދޫކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މިހާރު ކުރިއަށް ދާ ހައުސިންގް ޕްރޮގްރާމްތަކަށް އަލިއަޅުވާލަމުން ރައީސް ވިދާޅުވީ އެޕްރޮޖެކްޓްތައް ނިމި އެތަންތަން ބޭނުންކުރަން ފެށުމާ އެކު މާލޭގެ ޖީޑީޕީ ދެގުނަވެގެން ދިއުމުން މުޅިރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ ފައިސާ ލިބި އަދި ސަރުކާރުގެ އާމްދަނީ އިތުރުވެ އެކަމުގެ ސަބަބުން މުޅިރާއްޖެ އަށް ތަރައްގީ ގެންނަން ފަސޭހަވެގެން ދާނެކަމަށެވެ.
"މާލޭގެ މިހާރުގެ އުފެއްދުން ތެރިކަމަކީ ގާތްގަޑަކަށް 10 ނުވަތަ 12 ބިލިއަން ރުފިޔާ. އެއުފެއްދުންތެރިކަން މިހާރު ނިކުންނަނީ 16000 ގެއިން އަޅުގަނޑުމެންނަށް ލަފާކުރެވެނީ އެގޭގެ އަދަދު އިތުރުކުރެވިއްޖެ ނަމަ މާލޭގެ އުފެއްދުން ތެރިކަން ވެސް އިތުރު ވެގެންދާނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކުގެތެރެ އިން ބައެއްފަރަތްތަކަށް ގޯތީގެ އެގްރިމެންޓް ހަވާލްކުރުމާއި ހުޅުމާލެއިންނާއި މާލެ އިން ފްލެޓް ލިބުނު ބައެއް ފަރާތްތަކަށް ލިޔުން ހަވަލްކޮށްދެއްވީ ރައީސް ނަޝީދެވެ.
މިރޭގެ ރަސްމިއްޔާތުގައި ވެސް ރައީސް ވަނީ ޖީއެމްއާރް ދިފާއުކުރަށްވައި ވާހަކަ ފުޅުދައްކަވާފަ އެވެ. ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް ބޭރު މީހުންގެ އެހީ ބޭނުންވާ ކަމަށެވެ. ޖީއެމްއާރައި ދެކޮޅަށް މުޒާހަރާކުރުމުން ބޭރުދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ އަގުވެއްޓި ބޭރުގެ ފަރާތްތަކުން ރާއްޖެ އަށް ކުރާ ނަފްރަތު އިތުރުވެގެން ދާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭރު މީހުންދެކެ ގަންނާކުރައްވާ ބިރާއި މިރާއްޖެ ނަގައިގެން ގެންގޮސްފާނެތީ ކުރާހާ ފިކުރު ދޫކޮށްލަން ވެއްޖެ. ހުޅުލޭގައި އަޅާފައިވާ އެއާރޕޯޓެއް އެފަރާތަކަށް ނުގެންދެވޭނެ. އެ އޮންނާނީ އެތާގައި،" ރައީސް ވިދާލުވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ