މާލެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ބާޒާރުމަތީގެ ފިހާރަތައް ހިމެނޭ ކްލަސްޓާއާ ގުޅިފައިވާ ކޭސްތައް ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިހާރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބާޒާރުމަތީގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ނިދަނީ ކޮން ތަނެއްގައި ކަން އެމީހުން ގެންގުޅޭ ކުންފުނިތަކަށް ވެސް ނޭނގޭ ކަމަށެވެ.

"މިހާރު މި ކޮމިއުނިޓީ ސްޕްރެޑަށް ބަލާލާއިރު، މާލެއަށް ބަލާއިރު މާލޭގެ ބާޒާރުމަތީގެ ސަރަހައްދު، ނުވަތަ ބާޒާރުމަތީގައި މި ހިމެނޭ ފިހާރަތަކުގެ ކްލަސްޓާއަކީ މާލެއިން މި ފެނުނު ކޭސްތަކުގެ އެންމެ ގިނަ ކޭސްތައް ގުޅިފައިވާ ކްލަސްޓާކަން މިއޮތީ ސާފުވެފަ،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލެއިން ބޭރުން އިތުރު ފެސިލިޓީތައް ގާއިމުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން، ޓާސްކް ފޯސް އިން ނިންމާފައިވާ ކަމަށާއި، އެތަންތަނުގައި ތިބި މީހުން ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބާޒާރުމަަތީގައި އޮތް މެއިން ކްލަސްޓާއިން ވަރަށް ގިނަ އަދަދެއްގެ ބިދޭސީންނަށް ބަލި ގޮސްފައިިވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 220 މީހަކު ޕޮޒިޓިވްވެފައި ވާއިިރު، 136 މީހުންނަކީ ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް ރައްޔިތުންނެވެ. އެޗްޕީއޭއިން ރޭ ބުނެފައި ވަނީ ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން މިހާތަނަށް 2000 އަށް ވުރެ ކޮންޓެކްޓުން ހޯދިފައިވާ ކަމަށެވެ.

ޕޮޒިޓިވްވި ބިދޭސީންްގެ ތެރޭގައި ބާޒާރު ލިލީގެ މުވައްޒަފަކު ވެސް ހިމެނެއެވެ. އެއާއެކު އެ ފިހާރައަށް ދިޔަ އެންމެން އެޗްޕީއޭއަށް ރިޕޯޓުކުރަން ވެސް އެންގިއެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ބަލި ފެތުރެމުން އަންނާތީ ފުލުހުން ހާއްސަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އެގޮތުން މިހާރު ވެސް 800 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅޭ 18 ތަނެއް ފުލުހުން އަންނަނީ މޮނީޓާ ކުރަމުންނެވެ.

ކޮރޯނާ ފެތުރުމުގެ ބިރުވެރިކަމާއެކު ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ރަނގަޅު ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެތައް ސަތޭކަ ބިދޭސީން މާލެ އިން ބޭރުކޮށް، ރަނގަޅު ފެސިލިޓީތަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

ރޭ ކުރިއަށް ދިިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެންމެ ބޮޑު ކްލަސްޓާގައި އެކަނި ވެސް 517 މީހުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން "އޭއެމްއެޗް" ކްލަސްޓާއިން 21 މީހަކު، "އާރުއެންސީ" ކްލަސްޓާ އިން ދެ މީހުން، "ބީއެންޒެޑް" ކްލަސްޓާ އިން ދެ މީހުން، "ބީއެންސީ" ކްލަސްޓާ އިން އެކަކު އަދި އެއްވެސް ކްލަސްޓާއަކަށް ނިސްބަތްނުވާ 11 މީހަކު ހިމެނޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.