27 Apr 2020, 14:46
މިނިސްޓަރު އަލީވަހީދު ވިދާޅުވީ ފަތުރުވެރިން ނިސްބަތްވާ ގައުމުތަކުގެ ފްލައިޓުތަކުގައި އެ މީހުން އަނބުރާ ދިޔުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ.
މީގެ ކުރިންވެސް ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިން އަނބުރާ ގައުމަށް ގެންދިޔުމަށް އެ ގައުމުތަކުގެ ފްލައިޓުތައް ވަނީ ރާއްޖެ އައިސްފައެވެ. އަދި މޯލްޑިވިއަން އިން ވެސް ވަނީ ރާއްޖޭގައ ތިބި ބައެއް ގައުމުތަކުގެ ފަތުރުވެރިންނާއި ރައްޔިތުން ގައުމަށް ގެންދިޔުމަށް ޗާޓާޑް ދަތުރުތަކެއް ކޮށްފައެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް އަލުން ފަށާނެކަމުގެ އިޝާރާތެއް މިނިސްޓަރު ދެއްވިއެވެ.
"މާލޭގައި ކޮމިޔުނިޓީ ސްޕްރެޑް އައުމާއެކު މަޑުޖެހިފައި އޮތް އޮތުމެއް އެއީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ރާއްޖެ އާދެވޭނެ ގޮތްތަައް ހަމަޖެއްސުން. ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އެއް ފެސިލިޓީ ކަނޑައަޅުއްވާ ދެއްވާފައި. އެހެން ގައުމުތަކުން މީހުން ބަލާ އަންނަ ފްލައިޓުތަކުގައި އެގައުމުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަަސައްކަތް ހާރިޖީ ވުޒާރާއާ ގުޅިގެން އެކަން ކުރަން. މި ފުރުސަތުތަކުގެ ތެރޭގައި އެހެން ގައުމުތަކުގައި ތިބި ދިވެހިންނަށް ރާއްޖެ އާދެވޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް މެދުކަނޑާލާފައިވަނީ މާލޭގައި ކޮމިޔުނިޓީ ސްޕްރެޑެއް އުފެދި، ކަރަންޓީނު ކުރަންޖެހޭ މީހުން ގިނަވުމުން ފެސިލިޓީގެ ދަތިކަން އަންނާނެތީއެވެ. ރާއްޖެއިން ބޭރުން އަންނަ ދިވެހިން ރާއްޖެ އައިސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހެއެވެ.
މިނިސްޓަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ފެސިލިޓީސްތައް ކަރަންޓީނު މަތރުކަޒުތަކުގެ ގޮތުގައި ބޭނުންކުރަން ދީފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
ރާއްޖެއިން މިހާތަނަށް 214 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ.