ވޮޝިންޓަން (27 އެޕްރީލް 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" ޖެހުނުކަން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ތިން މިލިޔަނަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.

ކޮވިޑް-19ގެ ތަފާސްހިސާބުތައް އިތުބާރު ހުރި ގޮތެއްގައި ބަލަހައްޓަމުން ގެންދާ އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ލައިވް ޓްރެކާ ދައްކާގޮތުން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދުވަނީ 3,003,352 އަށް އަރައިފަ އެވެ.

އެރޯގާގައި ދެލައްކައަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޝިފާ ލިބުނު މީހުންގެ އަދަދުވަނީ ނުވަ ލައްކައާ ގާތްވެފައެވެ. ކޮވިޑް-19ގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހާލަތަށް ގާތްގަނޑަކަށް 60 ހާސް މީހުން ގޮސްފައިވާއިރު އެރޯގާ ޖެހިފައިވާ މީހުންގެ ތެރެއިން 1.8 މިލިޔަން މީހުންނަށް ދަނީ ޝިފާލިބެމުންނެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައި ވަނީ އެމެރިކާގައެވެ. އެމެރިކާގައި އެރޯގާއަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިލިޔަނަކާ ގާތްވެފައިވާއިރު 55 ހާހަށް ވުރެ ގިނަ މީހުންވަނީ މަރުވެފަ އެވެ. މި ރޯގާގައި އެމެރިކާއިން ދޮޅު ލައްކަ މީހުން މަރުވާނެކަމަށް އެގައުމުގެ ތަޖްރިބާކާރުން ވަނީ އަންދާޒާ ކޮށްފަ އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި މިހާތަނަށް ކާމިޔާބު ހޯދާފައި ވަނީ މަދުގައުމަކުންނެވެ. އޭގެތެރޭގައި ޗައިނާއާއި ޗައިނާގެ ބައެއްގެ ގޮތުގައި ވަކި ވެރިކަމެއްކުރާ ޓައިވާން ހިމެނެއެވެ. މީގެއިތުރުން ދެކުނު ކޮރެއާއާއި މެލޭޝިއާ އިންވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ފާހަގަ ކުރެވޭވަރުގެ ކާމިޔާބީ ތަކެއްވަނީ ހޯދާފައެވެ.