27 Apr 2020, 17:06
ކުޑަކުދިން ކުރާ ކުށްތަކަށް މަރުގެ އަދަބު ދިނުން ހުއްޓާލަން ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.
ސައުދީގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ އެގޮތަށް އަމަލުކުރަން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަންގަވައިފައިވާ ކަމަށެވެ.
ކުޑަކުދިންނަށް މަރުގެ އަދަބު ދިނުން ހުއްޓާލަން ނިންމިއިރު ސައުދީން ދާދި ފަހުން ވަނީ ތައުޒީރީ ކުށްތަކަށް ހައްދު ޖެހުން ހުއްޓާލަންވެސް ނިންމައިފައެވެ.
އދ. ގެ "ކޮންވެންޝަން އޮފް ޗިލްރަން ރައިޓްސް" ގައިވެސް މަރުގެ އަދަބު ކުޑަކުދިންނަށް ނުދެވޭނެކަމަށް ވަނީ ބުނެފައެވެ. ސައުދީން ވަނީ އެ ކޮންވެންޝަންގައި ސޮއިވެސްކޮށްފައެވެ. އެއާއެކު ސައުދީން މީހަކު ބޮޑު މީހެއްގެ ގޮތުގައި ބަލަނީ 18 އަހަރު ވުމުންނެވެ.
މިދިޔަ އަހަރު ސައުދީން ވަނީ 184 މީހަކަށް މަރުގެ އަދަބު ދީފައެވެ. އޭގެ ތެރެއިން އެކަކަށް މަރުގެ އަދަބު ދީފައިވަނީ އޭނާ ކުޑައިރު ކޮށްފައިވާ ކުށަކަށެވެ.
ސައުދީގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އަވާދު އަލް އަވާދު އިއްޔެ ވިދާޅުވީ ކުޑަ ދެކުއްޖަކު ކޮށްފައިވާ ކުށަކަށް މަރުގެ އަދަބު ދޭން ކަނޑައަޅާފައި ވަނިކޮށް 10 އަހަރުގެ ޖަލުގެ ހުކުމްއަކަށް އެ ހުކުމް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.
ސައުދީން މަޑުމަޑުން ބައެއް ކަންތަކުގައި ލުއި ދޭން ނިންމިޔަސް ހިޔާލުފާޅުކުރާ މީހުންނަށް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ ގިނަ ބައެއް ފާޑުކިޔުން އަދިވެސް ދަނީ އަމާޒުވަމުންނެވެ. ސައުދީގެ ގިނަ އެކްޓިވިސްޓުން ޖަލުގަިއ އެބަތިއްބެެވެ. ދާިދ ފަހުން އެގައުމުގެ ހިއުމަން ރައިޓްސް އެކްޓިވިސްޓަކަށް ސްޓްރޯކެއ ޖެހިގެން ވަނީ މަރުވެފައެވެ. އޭގެ އިތުރުން ސައުދީގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީވެސް ސައުދީން ވަނީ މަރާލައިފައެވެ.
---ބީބީސީ--