ކޮލަމްބޯ (އޭޕްރިލް 27): ސްރީލަންކާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވުމާ ގުޅިގެން މިއަދު އެގައުމުގެ ކާފިއު އުވާނުލަން ނިންމައިފި އެވެ.

ލަންކާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މިދިޔަ މަހުގެ 20ގައި މުޅި ގައުމުގައި ވަނީ ކާފިއު ހިންގާފަ އެވެ. އަދި އެގައުމުން ދަނީ ޒަރޫރީ ބޭނުންތައް ފުއްދުމަށް މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ބައެއް ދުވަސްތަކުގައި ވަކި ގަޑިތަކުގައި، ބައެއް ސަރަހައްދުތަކުގައި ކާފިއު އުވާލަމުންނެވެ.

އެގޮތުން މިއަދު ކޮލަމްބޯ އާއި ގަމްޕަހަ އާއި ކަލުތަރަ އާއި ޕުއްތަލަމް ފިޔަވާ އެހެން ހުރިހާ ސަރަހައްދުތަކުގައި ހެނދުނު 5:00އިން ފެށިގެން ރޭގަނޑު 20:00އާ ހަމަޔަށް ކާފިއު ލުއި ކުރަން މީގެ ކުރިން އޮތީ ނިންމާފަ އެވެ. ނަމަވެސް އިއްޔެ ލަންކާ ސަރުކާރުން ވަނީ މިއަދު ކާފިއު އުވާލުމުގެ ބަދަލުގައި މާދަމާ ހެނދުނު 5:00އިން 20:00އަށް ކާފިއު އުވާލުން ފަސް ކުރަން ނިންމާފަ އެވެ. އަދި ކޮލަމްބޯ އާއި ގަމްޕަހަ އާއި ކަލުތަރަ އާއި ޕުއްތަލަމްގައި އަންނަ ހޯމަ ދުވަހާ ޖެހެންދެން ކާފިއު ހިންގާނެ ކަމަށް ރައީސްގެ މީޑިއާ ޑިވިޝަނުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން މިއަދު ކާފިއުއަށް ދޫ ނުދޭން ނިންމީ އެގައުމުގެ ސަލާމަތީ ފައުޖުތަކުގެ މެމްބަރުންގެ ތެރެއިން ޗުއްޓީގައި ތިބި މީހުންނަށް އެމީހުންގެ ކޭމްޕުތަކަށް އަނބުރާ ދިޔުމަށް ފުުރުސަތު ދިނުމަށެވެ. ލަންކާއިން ވަނީ ސަލާމަތީ ފައުޖުތަކުގެ މެމްބަރުންނަށް ދީފައިވާ ޗުއްޓީތައް އިއްޔެއިން ފެށިގެން މުއްދަތެއް ނެތް ގޮތަށް ކެންސަލްކޮށްފަ އެވެ.

ލަންކާ ސަރުކާރުން އެފަދައިން ނިންމާފައި ވަނީ އެގައުމުގެ ވެލިސަރަ ނޭވީ ކޭމްޕުގައި އުޅުނު މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، 4،000 މީހުން ދިރިއުޅޭ އެ ކޭމްޕް ކަރަންޓީނު ކުރި ފަހުންނެވެ. އެ ކޭމްޕާ ގުޅުން ހުރި 95 ސިފައިންގެ މީހަކު މިހާރު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ޗުއްޓީގައި ތިބި މީހުންނެވެ. އެހެންކަމުން އެ ސިފައިންނާ ބައްދަލުވި މީހުންވެސް އަމިއްލައަށް އެކަހެރިވާން ވަނީ އަންގާފަ އެވެ.

ސްރީލަންކާގައި މިހާތަނަށް 523 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލި ޖެހިގެން ހަތް މީހަކު ވަނީ މަރުވެފަ އެވެ.