މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް މަޑު މަޑުން ނަގަމުން ގޮސް އަންނަ މަހުގެ ތެރޭގައި އިޓާލިއަން ލީގު ފެށުމަށް ކުލަބުތަކުން ތައްޔާރުވަމުން ދިޔަ ނަމަވެސް އަވަސް އަރުވާލައިގެން ލީގު ފެށުން މުހިއްމު ނޫން ކަމަށް އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންސެންޒޯ ސްޕަޑަފޯރާ ވިދާޅުވެއްޖެ އެވެ.

އިޓަލީގައި މިހާރު ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވި ނިސްބަތުން ފެތުރޭ މީހުންގެ އަދަދު މަދުވުމާ ގުޅިގެން ބޮޑުވަޒީރު ގުސިޕޭ ކޮންޓޭ ވަނީ އެގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތައް ވަރަށް އަވަސް ނަގަން ފަށާނެ ކަމުގެ އުފާވެރި ޙަބަރު އެގައުމުގެ ރައްޔިތުންނަށް މިދިޔަ އާދީއްތަ ދުވަހު ދެއްވާފަ އެވެ.

އެއާ އެކު އެގައުގެ ފުޓުބޯޅަ ލީގަށް ތައްޔާރުވުމުގެ ގޮތުން އަަންނަ މަހުގެ 18ގައި ޓްރެއިނިންގްތައް ފެށުމަށް ކުލަބުތަކުން ވަނީ ތައްޔާރުވާން ފަށައިފަ އެވެ. އެހެން ނަމަވެސް ޓްރެއިނިންގްތައް ކުރިއަށް ގެންދާނީ ސޯޝަލް ޑިސްޓެންސް ބަހައްޓައިގެން ކަމަށާއި، ކުޅުންތެރިން ބޭނުން ނަމަ ގޭގައި ތިބެގެން ވެސް ޓްރެއިނިންގައި ބައިވެރިވެވޭނެ ކަމަށް ކުލަބުތަކުން ބުނެ އެވެ.

އެކެމަކު ކޮރޯނާ ވައިރަސްގެ ނުރައްކާ އަދިވެސް ބޮޑުވެފައި އޮތުމާ އެކު އަވަސް އަރުވާލައިގެން ލީގު ފަށައި، މެޗުތައް ކުޅުމަކީ މުހިއްމު ކަމެއް ނޫން ކަމަށް މިނިސްޓަރު ސްޕަޑަފޯރާ ވަނީ ވިދާޅުވެފަ އެވެ.

"މިހާރު އޮތް ގޮތުން މޭ 18 ގައި ޓީމް ޓްރެއިނިންގްތައް ފެށުމަށް ވަނީ މަޝްވަރާ ކުރެވިފައި. އެކަމަކު ކުރިއަށް އޮތް ހަފުތާތައް ބެލުމަށްފަހު ހާލަތު ރަނގަޅު ނުވެއްޖެ ނަމަ އެކަމަށް ހުއްދައެއް ނުދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސްޕަޑަފޯރާ ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ސަބަބުން ފުޓުބޯޅައަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން އިނގިވަޑައިގަންނަވާ ކަމަށާއި، ވީ އެންމެ އަވަހަކަށް ކުޅުން ފެށުމަކީ އެކަމުން އަރައިގަތުމަށް އޮތް ހައްލު ކަމަށެވެ. އެކަމަކު ފުރަތަމަ ކަމަކީ ކުޅުންތެރިންނާއި، އާއްމުންގެ ސިއްހަތާއި، ރައްކާތެރިކަމަށް ވެފައި އެކަމަށް ހުއްދަ ދެވޭނީ ވަކި ޕްރޮޓޮކޯލްއެއްގެ ދަށުން ކަމަށެވެ.

"ފުޓުބޯޅަ އަކީ ގައުމުގެ އިގުތިސޯދަށް އެންމެ ބޮޑަށް ފައިދާވާ އެއް ކަންތައް. އެއާ އެކު މި ކުޅިވަރަށް މުޅި ދުނިޔެއިން ވެސް ކުރަނީ ނުހަނު ބޮޑު އިހުތިރާމެއް."

އިޓަލީއަކީ ކޮރޯނާ ވައިރަހުގެ އަސަރު މިހާތަނަށް އެންމެ ބޮޑަށް ކުރި އެއް ގައުމެވެ. އެ ބަލި ޖެހިގެން 26،000 މީހުން މިހާތަނަށް އެގައުމުން ވަނީ މަރުވެފަ އެވެ.