27 Apr 2020, 11:45
ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަންގެ ފަރާތުން ރާއްޖޭގައި އިތުރު ކަރަންޓީން ފެސިލިޓީތަކެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރުން އެދިފައިވާތީ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިން ވަގުތީ ކަރަންޓީނު ފެސިލިޓީތަކެއް ގާއިމު ކުރުމަށް 100 އަށް ވުރެ ގިނަ މަސައްކަތްތެރީންނާއި، މަސައްކަތަށް ބޭނުންވާ ތަކެއްޗާއި އާލާތްތައް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
ސަފީރު ވިދާޅުވީ އެ ކުންފުނިން އިމާރާތްކުރާ ކަރަންޓީނު ފެސިލިޓީތަކުގައި ގިނަވެގެން 800 މީހުން ބޭތިއްބޭނެ ކަމަށެވެ.
މީގެއިތުރުންް ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ ފަރާތުން ހުޅުމާލޭގައި ހުރި ދެ ބުރި އިމާރާތެއް ރެނޮވޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ ބީޔޫސީޖީން 40 މަސައްކަތްތެރީންގެ ޓާސްކް ފޯހެއް އެކުލަވާލައުގެން މަސައްކަތް ކުރަމުން އަންނަނީ އެ އިމާރާތުގައި 327 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ގާއިމު ކުރުމަށް ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް 12 އަށް ވުރެ ގިނަ ކަރަންޓީން ފެސިލިޓީތައް ވަނީ ގާއިމްކޮށްފަ އެވެ. އެތަންތަނުގެ ޖާގައިގެ ގޮތުގައި 1،100 އަށް ވުރެން މަތިވާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
ޗައިނާގެ އެހީގައި ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް 214 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ޕޮޒިޓިވް ކޭސްތަކާ ގުޅޭ 2000 އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ހޯދައިފައެވެ.
ކުރިއަށް އޮތް ތަނުގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވެ، އެކަހެރި ކުރަންޖެހޭ މީހުން އިތުރުވާނެތީ، ގޭގައި ކަރަންޓީނު ކުރަން ޖެހިދާނެ ކަމަށާއި އެކަމަށް ތައްޔާރުވެ ތިބުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އިލްތިމާސްކުރައްވައިފައެވެ.