ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން ރާއްޖޭގައި އޮސްޓްރިއާ މީހަކު ކަރަންޓީން ކޮށްފި އެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައިވާ ގޮތުން ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ މީހުންނާއި އެފަދަ ބައްޔެއް ހުރެދާނެ ކަމަށް ބެލެވޭ މީހުން ވަކި ކަމެއް ނުކުރަން ނުވަތަ ވަކި ކަމެއް ކުރަން ކަމާ ބެހޭ ފަރާތްތަކަށް އެންގިދާނެ އެވެ. އެކަމަށް ދެކޮޅު ހަދައިފި ނަމަ ސިވިލް ކޯޓުން ނެރޭ އަމުރެއް ފުލުހުން ތަންފީޒް ކުރަން ޖެހޭނެ އެވެ.

ސިވިލް ކޯޓުން ބުނީ، ރޭ މެންދަމު ކަރަންޓީނަށް ދިއުމަށް ދެކޮޅުހެދި އޮސްޓްރިއާގެ ރައްޔިތެއްގެ މައްޗަށް ކަރަންޓީނަށް ދިއުމަށް އެންގުމާ އެކު އެމީހާ ކަރަންޓީން ފެސިލިޓީއެއްގައި ބަންދުކުރުމަށް އެކަމުގައި ޝާމިލްވާ ފަރާތްތަކާއި ފުލުހުންގެ މައްޗަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށެވެ.

ނަމަވެސް އެކަމުގެ ތަފްސީލެއް ސިވިލް ކޯޓުން ދީފައެއް ނުވެ އެވެ.

މީގެ ކުރިން ވެސް ސިވިލް ކޯޓުން ވަނީ ދެ މީހަކު ކަރަންޓީން ކުރުމަށް ކޯޓު އަމުރެއް ނެރެފަ އެވެ. ނަމަވެސް އެއީ ދެ ދިވެހިންނެވެ. އަދި ބިދޭސީއަކު ކަރަންޓީން ކުރުމަށް ކޯޓުން އަމުރެއް ނުރުނު މިއީ ފުރަތަމަ ފަހަރެވެ.

މިހާތަނަށް ރާއްޖެއިން 214 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، އިއްޔެ އެކަނި ވެސް ޕޮޒިޓިވް 73 ކޭސް ވަނީ ދެނެގަނެވިފަ އެވެ.