27 Apr 2020, 11:43
ރާއްޖޭގައި މިވަގުތު ތާށިވެފައި ތިބި ފަތުރުވެރިންނާއި އެނބުރި ގައުމަށް ދިޔުމަށް ބޭނުންވާ ބިދޭސީ މަސައްކަތްތެރިން ގައުމަށް އަނބުރާ ދިޔުމަށް މިމަހުގެ 29 އަދި 30 ގައި ދެ ފްލައިޓު އޮޕަރޭޓުކުރަން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިން އަދި އެހެނިހެން ފަސިންޖަރުން އެމީހުންގެ ގައުމަށް އަނބުރާ ގެންދިޔުމަށް ރޮސިޔާ އެއާލައިންސްގެ ފްލައިޓެއް މިމަހުގެ 29 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ހަމަޖެހިފައިވާ ކަމަށެވެ.
އަދި އެއާކައިރޯގެ ފްލައިޓެއް މިމަހުގެ 30 ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީ އިން ބުނީ ޓޫރިސްޓު ފެސިލިޓީތަކުގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން ފުރަން ދާއިރު ޓޫރިޒަމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އަދި ފުލުހުންނާ ގުޅިގެން އެއާޕޯޓަށް ދިޔުމުގެ ކަންތައް ހަމަޖެއްސުމަށް އެދޭ ކަމަށެވެ.
އެގޮތުން މި ފްލައިޓުން ދަތުރުކުރުމަށް ޓިކެޓު އޮތް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ އުޅަނދުތަކަށް ފުލުހުން ހުއްދަ ދޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
މިހާލަތުގައިވެސް އެއްވެސް ފަޅުވެރިއަކަށް އެއާޕޯޓަށް ނުފޭބޭނެއެވެ.
ކޮރޯނާއާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާއިރު ރާއްޖޭގައި ތިބި ފަތުރުވެރިން ގެންދިޔުމަށް މީގެ ކުރިންވެސް ވަނީ ފްލައިޓުތައް ބާއްވައިފައެވެ.
އެގޮތުން ރާއްޖޭގައި ތިބި އިނގިރޭސިވިލާތުގެ ފަތުރުވެރިންނާއި މަސައްކަތްތެރިންގެ އިތުރުން އިޓަލީ، ތައިލެންޑް އަދި ފިލިޕީންސް އާއި އިންޑޮނޭޝިއާގެ ރައްޔިތުންނަށް ހާއްސަ ރެސްކިޔު ފްލައިޓުތަކެއް މީގެ ކުރިން ވަނީ ބާއްވައިފައެވެ.