އިންޑިޔާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ޑިޕެންޑެންޓް ވިސާ ދޫކުރަމުން އައީ އަރާފައިވާ އޮޅުމަކުން ކަމަށް ބުނެ ވިސާ ދޫކުރުން ހުއްޓާލާފައި އޮތުމަށް ފަހު ކުރިއެކޭ އެއްގޮތަށް ވިސާ ދޫކުރަން އިންޑިޔާ ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ޑިޕެންޑެންޓް ވިސާ ދޫކުރަން އިންޑިޔާ ސަރުކާރުން ނިންމީ މޮރިޓޯރިއަމް އެއް ( ގަވައިދު ތަންފީޒުކުރުން މަޑުޖައްސާލުމެއް)ގެ ދަށުން ކަމަށެވެ.

ފޮރިން މިނިސްޓްރީގެ މީޑިޔާ އޮފިޝަލް އިރުޝާދާ އަބްދުއް ސައްތާރު ވިދާޅުވީ ވިސާ ދޫކުރަން އަލުން ހަމަޖެއްސިކަން އިންޑިޔާ ސަރުކާރުން މީގެ ދެ ގަޑިއެއްހާއިރު ކުރިން އަންގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ވިސާ ހޯދަން މިހާރު ހުށައަޅާފައިވާ ފަރާތްތަކަށް މިހާރުން ފެށިގެން ވިސާ ލިބޭނެ ކަމަށާއި ކުރިން ކެންސަލް ކުރި ފަރާތްތަކަށް ވެސް އަލުން ހުށައެޅުމުން ވިސާ ދޫކުރާނެ ކަމަށެވެ.

ދަރިވަރުންގެ ބެލެނިވެރިންނަށް ޑިޕެންޑެންޓް ވިސާ ދޫކުރުން މިމަހު ކުރީ ކޮޅު ހުއްޓާލުމަށް ފަހު އިންޑިޔާއިން އޭރު ބުނީ އެއީ އާ އުސޫލެއް ނޫން ކަމަށާއި އުމުރުން 16 އަހަރުން މަތީގެ ކުދިންގެ ބެލެނިވެރިންނަށް ޑިޕެންޑެންޓް ވިސާ ދޫކުރަމުން އައީ އަރާފައިވާ އޮޅުމެއްގެ ސަބަބުން ކަމަށެވެ. އަދި އެކަން ހުއްޓާލީ އެ އޮޅުން ސާފުކޮށްދިނުމުގެ ގޮތުން އެކި ގައުމުތަކުގައިވާ އިންޑިޔާގެ މިޝަންތަކަށް އެންގުމުން ކަމަށް ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުން އޭރު ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ މޮރިޓޯރިއަމްއެއްގެ ދަށުން ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ ދޫކުރަން އިންޑިޔާ ސަރުކާރުން މިއަދު އެއްބަސްވީ އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރާއި ދިވެހި ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Irushadha Abdhu Sathaar (mp3)