27 Apr 2020, 11:37
މެޑްރިޑް (އޭޕްރިލް 27): މިދިޔަ މަހުގެ 14އިން ފެށިގެން ގެއިން ބޭރަށް ދިޔުން މަނާ ކުރި ސްޕެއިންގެ ކުޑަކުދިންނަށް އިއްޔެއިން ފެށިގެން ގެއިން ބޭރަށް ދާން ހުއްދަ ދީފި އެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވި ގޮތުގައި ކުޑަކުދިންނަށް ބޭރަށް ދާން ހުއްދަ ދޭން ނިންމީ އެކުދިންނަށް ސާފު ވައި ހޯދުމަށް ފުރުސަތު ދިނުމަށްޓަކަ އެވެ.
ސްޕެއިންގެ ސަރުކާރުން މިހާރު ނިންމާފައި ވަނީ ކޮންމެ ދުވަހަކު އެއް ފަހަރު، އެއް ގަޑި އިރަށް، ގޭގައި ދިރިއުޅޭ އެއް ބެލެނިވެރިއަކާ އެކު، ގެޔާ ބައި މޭލުގެ ހިސާބަކަށް ކުޑަކުދިންނަށް ދެވޭނެ ކަމަށެވެ. އަދި ކޮންމެ ބެލެނިވެރިއަކާ އެކު ތިން ކުދިންނަށް ދެވޭނެ ކަމަށެވެ.
ސްޕެއިންގެ ހެލްތު މިނިސްޓްރީން އިއްޔެ ވަނީ އެގައުމުން ކޮރޯނާވައިރަސް ޖެހިގެން އޭގެ ކުރީ ދުވަހު 288 މީހަކު މަރުވެފައިވާ ކަަމަށް ބުނެފަ އެވެ. އެއީ މިދިޔަ މަހުގެ 20ގެ ފަހުން އެގައުމުން އެއް ދުވަސް ތެރޭ އެހާވަރަށް މަދު މީހުން މަރުވި ފުރަތަމަ ފަހަރެވެ. އެގައުމުގައި މިހާތަނަށް 226،000 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 23،190 މީހަކު ވަނީ މަރުވެފަ އެވެ.
ބޮޑުވަޒީރު ސަންޗޭޒް ވަނީ އެގައުމުން މިހާރު ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ހާލަތުން އަރައިގަނެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެގައުމުން ވަނީ ކޮންސްޓްރަކްޝަން ފަދަ ބައެއް މަސައްކަތްތައް އަލުން ފަށަން ހުއްދަ ދީފަ އެވެ. ނަމަވެސް ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ބޭރަށް ނުދިޔުން ފަދަ ލޮކްޑައުން ގަވާއިދުތައް އަދިވެސް ދަނީ ތަންފީޒު ކުރަމުންނެވެ. އަދި މިހާރުވެސް ގައުމު އޮތީ ނާޒުކު ހާލަތެއްގައި ކަމުން، މިދިޔަ މަހުގެ 13ގައި ފުރަތަމަ އިއުލާން ކުރި 'ސްޓޭޓް އޮފް އެލާމް' އަންނަ މަހުގެ ނުވައަކަށް ދަންމާލާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.