ގަޑިއެއްހައި އިރު އަރާމު ކޮށްލެއްވުމަށް ފަހު ގާޒީ ޞަފިއްޔުއްދީން ހޭފުޅުލައްވައިފިއެވެ. ހޭފުޅުލައްވައިގެން އޭނާ ވެންނެވީ ހައްމާމަށެވެ. ހައްމާމުން ނިމިވަޑައިގެން ހެދުންކޮޅު ތުރުކުރައްވައިގެން ބޭރަށް ނުކުމެވަޑައިގަތެވެ. އަދި މިސްކިތާ ދިމާއަށް މިސްރާބު ޖެއްސެވިއެވެ.

އަސްރު ނަމާދުން ނިމިވަޑައިގަތުމުން އާދައިގެ މަތީން އޭނާ ވަޑައިގަތީ ބާޒާރުމައްޗަށެވެ. ބާޒާރުމަތީގައި ކުޑަކޮށް ހިންގެވުމަށް ފަހު ދެން އޭނާ ނުކުންނެވީ އަތިރިމައްޗަށެވެ. އަތިރިމަތީގައި ހުރި އަށްޓެއްގައި ކަނޑަށް ބައްލަވާން އިންނެވިއެވެ. އޭނާގެ ވިސްނުމުގައި ހިނގަމުން ދިޔައީ ﷲގެ ކުޅަދުންވަންތަކަމުގެ މައްޗަށް އުފެދެމުން ދިޔަ ހައިރާންކަމާއި ތައުރީފުގެ ޝުއޫރުތަކެވެ. ތަސްބީހައިގެ އިބާރާތްތަކެވެ. އެހެން އިންނަވަނިކޮށް އިރުއޮއްސޭން ކައިރިވުމުން ތެދުވެވަޑައިގެން މިސްރާބު ޖެއްސެވީ މަޣުރިބު ނަމާދު ކުރެއްވުމަަށް މިސްކިތާ ދިމާއަށެވެ.

މަޣުރިބު ނަމާދުން ނިމިވަޑައިގެން އޭނާ މިސްކިތުގައި މަޑުކުރެއްވީ އިޝާ ނަމާދު ކުރައްވައިގެން މިސްކިތުން ނުކުންނެވުމަށެވެ. އިޝާ ނަމާދަށް ބަންގި ގޮވާން މުދިމު ތައްޔާރުވި އިރު ގާޒީ ޞަފިއްޔުއްދީނު ވަނީ ކީރިތި ޤުރްއާނުގެ ދެ ޖުޒުއެއް ކިޔަވައިވިދާޅުވެފައެވެ.

ގާޒީ ޞަފިއްޔުއްދީނަކީ ވަރަށް ފަރިތަކޮށް އަރަބި ބަހުން ވާހަކަފުޅު ދައްކަވާ ބޭފުޅެއް ކަމުން، ޤުރްއާން ކިޔަވައިވިދާޅުވާ އިރު، އެ މޫރިތި އާޔަތްތަކުގެ މާނަ އޭނާ ކިޔަވައިވިދާޅުވަމުންދާ ހަލުވި މިނުގައި ދަނީ ފަހުމުވެ ވަޑައިގަންނަވަމުންނެވެ.

ކޮންމެ ބަހަކުން ވެސް ކިޔާ އެއްޗެއް ނުވަތަ އަޑު އިވޭ އެއްޗެއް އެ ކިޔާ ނުވަތަ އެ އިވޭ ހަލުވި މިނުގައި ފަހުމު ވާނީ އެ ބަހަކުން ފަރިތަކޮށް ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބުމުންނެވެ. ހަމައެކަނި ފޮތުގެ ބަހެއްގެ ގޮތުގައި ޤުރްއާނުގެ އަރަބި ބަސް ދަސް ކުރެއްވުމުގެ ބަދަލުގައި އަރަބި ބަހުން ފަރިތަކޮށް ވާހަކަ ދެއްކޭ ވަރަށް އޭނާގެ ބަހުގެ ހުނަރުތައް ތަރައްގީ ކުރެއްވީ މި ހަގީގަތް އޭނާ ރަނގަޅަށް ދެނެވަޑައިގަންނަވާތީއެވެ.

އިޝާ ނަމާދުން ނިމިވަޑައިގެން އިޝާ ނަމާދުގެ ސުންނަތް ކުރެއްވުމަށް ފަހު މިސްކިތުން ނުކުމެވަޑައިގެން ގާޒީ ޞަފިއްޔުއްދީން މިސްރާބު ޖެއްސެވީ ގެއާ ދިމާއަށެވެ. ކޮންމެ ރެޔަކު ވެސް އޭނާ ވިތުރި ކުރައްވަނީ ދަމު ނަމާދު ކުރެއްވުމަށް ފަހުއެވެ.

ގާޒީ ޞަފިއްޔުއްދީނު ގެއަށް ވެދެވަޑައިގަތް އިރު، ސަލްމާއާއި ސަލްމާގެ ބޭފުޅުން ތިއްބެވީ ބޮޑުކޮޓަރީގައެވެ. ގާޒީ ޞަފިއްޔުއްދީން އެ ބޭފުޅުންނަށް ސަލާމް ގޮވައިލެއްވިއެވެ.

"އައްސަލާމު ޢަލައިކުމް!"

"ޥަޢަލައިކުމުއްސަލާމު ޥަރަޙްމަތު ﷲ ޥަބަރަކާތުހޫ!" ސަލާމުގެ ޖަވާބުގައި އެ ބޭފުޅުން ވިދާޅުވިއެވެ.

"ދަރިފުޅުމެން ކިހިނެއް؟" ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ.

"އަޅުގަނޑުމެން ރަނގަޅު." ސަލްމާ ޖަވާބު ދެއްވިއެވެ.

"ހަވީރު ކުދީންކޮޅު ގޮވައިގެން ބޭރަށް ނުކުތިން ތަ؟" ޞަފިއްޔުއްދީނު އޭނާގެ ދަރިކަނބަލުން ސަލްމާ ކުރެން އެއްސެވިއެވެ.

"ލައްބަ. ބައްޕާ! އަޅުގަނޑުމެން މިތާ ކައިރީގައި އޮންނަ ބަގީޗާއަށް ދިޔައިން." ސަލްމާ ޖަވާބު ދެއްވިއެވެ.

"ދަރިފުޅާ ޞަފިއްޔުއްދީނު! ބަގީޗާ ހިތްގައިމު ތަ؟" ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ.

"ލައްބަ. ކާފާ! ވަރަށް ހިތްގައިމު. އަމާޒަށް ކަށި އުކާ ފިލާ އަޅުގަނޑަށް ވަރަށް ކަމު ދިޔަ. އަދި ތީރު ޖަހާން ދަސްކޮށްދޭ މުދައްރިބު ގާތަށް ވެސް އަޅުގަނޑު ދިޔައިން. ބައެއް ކުދީން އުޅުނު އަހަށް ސަވާރުވާން ދަސްކުރާން ވެސް. އެކުދީން ބިރުން އުޅޭ ގޮތް ފެނިފައި ވަރަށް ހިނިއައި." އަމީރު ޞަފިއްޔުއްދީނު ކާފަޔަށް ކިޔައިދެއްވިއެވެ.

"އެހެންތަ؟ އެކަމަކު ބަޔަކު ބިރުން އުޅޭތަން ފެނުމުން ހިނި އަންނާކަށް ނުވާނެއެއް ނު. އެމީހުންނަށް އެހީތެރިވާކަށް ނު ވާނީ. ދަރިފުޅާ ޞަފާ! ދަރިފުޅަށް ބަގީޗާ ކަމު ދިޔަ ތަ؟" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ލައްބަ. ކާފާ! ބަގީޗާގައި ހުންނަ ފޮތްކިޔާ ޒާވިޔާއަށް ގޮސް ވަރަށް ރީތި ފޮތްތައް ބެލިން. އަދި ރީތި މާގަސްތައް ބެލިން. އެ ތަނުގައި އޮތް މަސް ފެންގަނޑުވެސް ވަރަށް ހިތްގައިމު." އަމީރާ ޞަފާ ވިދާޅުވިއެވެ.

"ވަދީދާ ކޮބާ؟" ގާޒީ ޞަފިއްޔުއްދީނު ސުވާލު ކުރެއްވިއެވެ.

"ވަދީދާ ދިޔައީ ކާކޮޓަރިއަށް. އަޝާއަށް މޭޒުމަތި ތައްޔާރު ކުރުމުގައި ޒައުލޫލަށް އެހީތެރިވާން ވެގެން." ސަލްމާ ވިދާޅުވިއެވެ.

"އެހެންތަ. ހިނގާ އަހަރެމެން ވެސް ކާކޮޓަރިއަށް ދަމާ. އަޝާއަށް ފަހު ދާނީ ގޭގެ ޗަަތުމައްޗަށް. ރޭގަނޑު އެ ތަން ވަރަށް ހިތްގައިމު ވާނެ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

ކާކޮޓަރީގައި ވަނީ ވަރަށް ފުރިހަމައަށް މޭޒުމަތި ތައްޔާރު ކޮށްފައެވެ. ރީތިކޮށް އަތުރާލާފައި ހުރި ކާބޯތަކެތީން މޭޒުމަތި ވަނީ ރަނގަޅަށް ވެސް ފަޅު ފިލައިފައެވެ. ނާނާއި ޕާން، ޕަނީރާއި މައްކަން، ޕަލްދާމާއި ދަހީ، މަރްޖީމާ ސުރުވާއާއި، ފިނިފެން ސަރުބަތާއި ގަހުވަ، ޒައިތޫންޏާއި ވައްތީނި، ކަދުރާއި ޒަބީބު، ގިޝްތާއާއި މާމުއި، ސަޔާއި ބަކްލާވާއެވެ.

މޭޒު ދޮށުގައި އެއްމެން އިށީނުމުން ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ބިސްމީގެ ބަރަކާތުން ފައްޓަމާ! ބިސްމިއްލާހިއްރަޙްމާނިއްރަޙީމް."

އެއްމެން ކައި އަވަދިވުމުން، ކެއުމަށް ފަހު ކިޔާ ދުޢާ ވިދާޅުވުމަށް ފަހު ގާޒީ ޞަފިއްޔުއްދީނު ތެދުވެވަޑައިގަތެވެ. ސަލްމާއާއި ސަލްމާގެ ބޭފުޅުން ވެސް ތެދުވެ ވަޑައިގަތެވެ. ވަދީދާއާއި ޒައުލޫލު ވެސް ތެދުވިއެވެ. އަދި ކޮންމެ މީހަކު ވެސް އެ މީހަކު އިށީނދެ އިން ގޮނޑި އެތެރެޔަށް ޖައްސައިލިއެވެ. ދެން ދިޔައީ އަތް ދޮންނަ ލޯގަނޑު ކައިރިޔަށެވެ.

އަތްޕުޅު ދޮންނެވުމަށް ފަހު، ގާޒީ ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އެއްމެން ވެސް ހިނގާ ޗަތުމައްޗަށް ދަމާ!"

ސިޑިން އަރައިގެން ގޮސް ގޭގެ ޗަތުމައްޗަށް ނުކުމެ އެ ތަނުގައި ބަހައްޓައިފައި ހުރި ގޮނޑިތަކުގައި އެއްމެން ވެސް އިށީނެވެ. އުޑުމަތި ވަރަށް ސާފެވެ. އުޖާލާ ތަރިތަކުން މި އުޑުމަތި ވަނީ ޒީނަތްވެފައެވެ. ދޭތެރެއަކުން ހިތްގައިމު ވައިރޯޅި ވެސް ޖެހިލަޖެހިލާ ހުއްޓެވެ.

"މި އޮށްތައް މިއީ ދަރިފުޅަށް. ގަނޑުވަރުގެ ބަގީޗާގައި މި އިންދަވާން ވާނެ. މިއިން ވަރަށް މާރީތި ގަސް ފަޅާނެ. އިންޝާ ﷲ." އަމީރާ ޞަފާގެ އަތްޕުޅަށް މާ އޮށްތަކެއް ދިއްކޮށްލައްވަމުން ގާޒީ ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"ޝުކުރިއްޔާ ކާފާ!" އަމީރާ ޞަފާ ވިދާޅުވިއެވެ.

"ދަރިފުޅާ ޞަފިއްޔުއްދީން! ފަތިސް ނަމާދުކޮށްގެން އަހަރެމެން ދާނީ އަސް ދުއްވާލަން. އަދި އެއަށް ފަހު އައިސް އަސް ތަމްރީނުކޮށް އަހަށް ކާން ދޭނީ. މިކަމާ މެދު ދަރިފުޅު ބުނަނީ ކީކޭ؟" އަމީރު ޞަފިއްޔުއްދީނު އަރިހުގައި ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ވަރަށް އުފަލާ އެކު ދަންނަވާނީ ލައްބައޭ." އަމީރު ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ދަރިފުޅާ ސަލްމާ! ދަރިފުޅު ބޭނުން ވަނީ ކޮން ކަމެއް؟" ގާޒީ ޞަފިއްޔުއްދީނު އޭނާގެ ދަރިކަނބަލުންނާ ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑު ބޭނުން ވަނީ، މިއަދު ނަހާރަށް ފަހު ފެއްޓެވި ވާހަކަ ކުރިޔަށް ގެންދެވުން. ވާހަކަ ހުއްޓަވާލެއްވީ ޠުޢުމާ އޭނާ ވަގަށް ނެގި ތަކެތި ގޮސް ޔަހޫދީއެއްގެ ގޯތި ތެރޭގައި ވަޅުލި ހިސާބުން. އެ ޔަހޫދީ މީހާއަށް ކިޔަނީ ޒިޔާދު." ސަލްމާ ވިދާޅުވިއެވެ.

"މަންމާ! އޭނާއަށް ކިޔަނީ ޒައިދު. އޭނާގެ ނަމަކީ ޒައިދު." އަމީރާ ޞަފާ ވިދާޅުވިއެވެ.

"ރަނގަޅަށް ތިޔަ ބުނީ ދަރިފުޅާ ޞަފާ. ދަރިފުޅުގެ ހަނދާން ވަރަށް ގަދަ. މާޝާ ﷲ. ހުރިހައި ތަފްސީލެއް ހަނދާން އެބަ ހުރި." ގާޒީ ޞަފިއްޔުއްދީނު ހިނިތުންވެވަޑައިގެން ހުންނަވައި އަމީރާ ޞަފާއަށް ތައުރީފު ކުރެއްވިއެވެ.

"ނޫން. ކާފާ! އެންމެ މުހިއްމު ވާހަކަ ހަނދާނެއް ނެތެއް ނު!" އަމީރު ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އެއީ ކޮން ވާހަކައެއް؟ ދަރިފުޅު ބުނެބަލަ!" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ޠުޢުމާއާއި އޭނާގެ ތިމާގެ މީހުންނާއި އެކުވެރީން ރަސޫލު ﷲގެފާނުން އަރިހަށް ގޮސް ދޮގު ހެކި ދިނީ. އެމީހުން އެކަލޭގެފާނަށް ދެންނެވި، ޒައިދު ނަމަކަށް ކިޔާ ޔަހޫދީ މީހާ ވައްކަން ކުރަނިކޮށް ތިމަންނާމެން ދުށީމޭ." އަމީރު ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އާނ. ހިތާމައަކީ ތިޔައީ. އެމީހުން އަމަލު ކުރީ ތިޔަ ގޮތަށް. އެ މީހުންގެ މަގުސަދަކީ ޚަޒްރަޖު ވަންހައާއި އައުސު ވަންހައާ ދެމެދު އައު ފިތުނައެއްގެ ހުޅުގަނޑު ރޯވިޔަ ނުދިނުން ކަމުގައި ވިޔަސް، ދޮގު ހެކި ދިނުމަކީ އެންމެ ބޮޑު އެއް ފާފަ. އެ ކަން ހުއްދަވާނެ އެއްވެސް ގޮތެއް ނެތް. ދެ މީހެއްގެ ދެމެދު އަދި ހާއްސަކޮށް ދެމަފިރިއެއްގެ ދެމެދު ސުލްހަ ކުރުމަށް ޓަކައި އާއްމު ދިރިއުޅުމުގައި ބައެއް ހަގީގަތް ހާމަ ނުކުރުމާއި ވާހަކައަށް އުނިއިތުރު ގެނައުން ހުއްދަ ވިޔަސް، ސަރިޔަތުގެ މަޖިލީހުގައި ދޮގު ހެކި ދިނުމާއި، ކަންކަން ވަންހަނާ ކުރުމަކީ ހުއްދަ ކަމެއް ނޫން. އޭގެ ސަބަބުން އަދުލުއިންސާފަށް ހުރަސް އެޅޭނެ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. އެހެން ވިދާޅުވެފައި ވާހަކަ ކުރިޔަށް ގެންދަވާން ފެށްޓެވިއެވެ.

"އެމީހުން ދިން ހެކިބަހުގެ މައްޗަށް ބިނާ ކުރައްވައި، އެ ޒައިދުގެ ގެޔަށް ރަސޫލު ﷲގެފާނުން ބަޔަކު ފޮނުއްވި. އެއީ ޒައިދުގެ ގެ ބަލައި ފާސް ކުރުމަށް. ވަގަށް ނަގައިފައިވާ ތަކެތި އެގެއިން ފެނޭތޯ އެމީހުން ގޮސް ބެލުމަށް."

*****

"ތިޔަ ބޭފުޅުން ވަގުތު ނަގައިނުލައްވާ! އަޅުގަނޑު އެއްވެސް އެއްޗެއް ވަގަކަށް ނުނަގަން." ޒައިދު ބުންޏެވެ.

"ގޭތެރެއިން އެއްވެސް އެއްޗެއް ނުފެނުނު." ފާސް ކުރާން އައި މީހުންގެ ތެރެއިން މީހަކު އެމީހުންގެ ވެރިޔާއަށް ދެންނެވިއެވެ.

"ހުރިހައި އެއްޗެއް ވެސް ކުރީން ހުރި ގޮތަށް ތަރުތީބު ކުރޭ." އެ ވަގުތު ޒައިދުގެ އަންހެނުން ސުހައިލާ ބުންޏެވެ.

"ފަހަރެއްގައި ވެދާނެ ގެއިން ބޭރުގައި ފޮރުވާފައި ހުރީ ކަމަށް ވެސް." ފާސް ކުރާން އައި މީހުންގެ ވެރިޔަކަށް ހުރި މީހާ ބުންޏެވެ.

"ތިޔަ ބޭފުޅުންގެ ކުރިފުޅުމަތީގައި އެހެރީ މި ޔަސްރިބުގެ ހުރިހައި ފަރުބަދައެއް. ހިލަޔަކުން ހިލަޔަކުން ފުރޮޅުއްވައި ހޯއްދަވާ." ނުރުހުމުގެ ރާގެއްގައި ޒައިދު ބުންޏެވެ.

"ކީއްވެެ މެދުގޯތީގެ ބަގީޗާގެ ބިންގަނޑުން ތަންގަނޑެއް އުސްކޮށް އެހެރީ." ފާސް ކުރާން އައި މީހުންގެ ވެރިޔާ އެހިއެވެ.

"އަހަންނަކަށް ނޭނގޭ. ބިންގަނޑު އެއްވަރަށް ނެތުމަކީ އާ ތުހުމަތެއް ތަ؟ މި ޔަސްރިބުގެ ބިމަކީ މުޅީން ހަމަކޮށް ރަހަޔަށް އޮންނަ ބިމެއް ތަ؟" ޒައިދުގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ.

"އެ ތަން ކޮނޭ!" ފާސް ކުރާން އައި މީހުންގެ ވެރިޔާ އޭނާގެ ޖަމާއަތަށް އެންގިއެވެ.

"މިއީ ވަރަށް ފަހުން ކޮނެ ފަސް އަޅައިފައި ހުރި ތަނެއް." އެ ތަނުން އެކަކު ބުންޏެވެ.

"އަވަހަށް ތިޔަ ތަން ކޮނޭ!"

"މިއޮތީ ގޯންޏެއް އަދި އޭގެ ތެރޭގައި އައްޑަނައަކާއި އަދި އެހެން ތަކެތި ވެސް އެބަ ހުރި."

"މި ވާ ގޮތެއް އަހަރެންގެ ސިކުނޑިޔަކަށް ނުވަދޭ. ކިހިނެއް ތިޔަ ތަކެތި އަހަރެންގެ ގޯތީގެ ބަގީޗާއާ ހަމަޔަށް އައީ." ޒައިދު ބުންޏެެވެ.

"ޒައިދު! ކަލޭ އެ ތަކެތި ވަގަށް ނެގި ވާހަކަ އަހަރެންގެ ގާތުގައި ނުބުނީ ކީއްވެ؟" ޒައިދުގެ އަންހެނުން ސުހައިލާ ޒައިދާ ދިމާއަށް ބުންޏެވެ.

"އޭ މިހިރަ މޮޔަ މީހާ! އަނގަ މަޑުން ލައިގެން ހުރޭ!" ރުޅިވެރިކަމާ އެކު ޒައިދު އޭނާގެ އަންހެނުންނާ ދިމާއަށް އަޑުހަރުކޮށް ބުންޏެވެ. އަދި ފާސް ކުރާން އައި ޖަމާއަތުގެ މީހުންނާ ދިމާއަށް އެނބުރިފައި ބުންޏެވެ. "އެއީ އަޅުގަނޑުގެ އަންހެނުންގެ ބަސްމަގު ހުންނަ ގޮތް. މި ކަހަލަ ވަގުތެއްގައި ވެސް ކަމުގެ މާސަރުކަމަށް ނުވިސްނައި ކޮންމެވެސް ހެއްވާ އެއްޗެއް ބުނެވޭތޯ ބެލުމަކީ އޭނާގެ ގޮތް."

"ކަލޭ ބޭނުން ވީ އެތަކެތިި ވިއްކައިގެން އޭގެ ފައިދާ އަހަންނާ ހިއްސާ ނުކޮށް އެކަނި މުއްސަނދިވާން. އެހެންނެއް ނޫންތަ ޒައިދު!" އަނެއްކާ ވެސް ޒައިދުގެ އަންހެނުން ބުންޏެވެ.

"ބުނެފީމެއް ނު އަނގަ މަޑުން ލައިގެން ހުންނާށޭ!!!" ޒައިދު ހަޅޭއް ލަވައިގަތެވެ.

- ނުނިމޭ -