27 Apr 2020, 08:45
ކޮރޯނާވައިރަހުގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ފުޓުބޯޅަ ސީޒަން ކެންސަލް ކޮށްފައި އޮތް ނަމަވެސް އަލުން އާއްމު ހާލަތަށް ރުޖޫއަވާން ވާއިރަށް ކުޅުންތެރިން ފިޓުކޮށް ތިބުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެދިވަޑައިގެންފި އެވެ.
ކޮރޯނާ ވައިރަސްގެ ޕޮޒިޓިވް ކޭސްތަކެއް ރާއްޖެއިން ވެސް ފެންނަން ފެށުމާ އެކު އެފްއޭއެމުން 2019-2020 ވަނައަހަރުގެ ފުޓުބޯޅަ ސީޒަން ކެންސަލް ކުރީ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. ސީޒަން ކެންސަލް ކުރި އިރު ދިވެހި ލީގު ނިމިފައި އޮތް ނަމަވެސް މުހިއްމު ދެ މުބާރާތެއް ނުނިމި އޮތެވެ.
އެގޮތުން އެފްއޭކަޕުގެ ކުއާޓާ ފައިނަލުގެ މެޗުތަކާއި، ޕްރެޒިޑެންޓް ކަޕުގެ މެޗުތައް ތާވަލުކުރެވިފައި އޮތެވެ. ނަމަވެސް ހާލަތަށް ރިއާޔަތްކޮށް އެ މުބާރާތްތައް ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތް ކަމަށް ބުނެ އެފްއޭއެމް އިން މުބާރާތްތައް ވަނީ ކެންސަލްކޮށްފަ އެވެ.
"މިހާރު ފެތުރެމުން މިދާ ކޮރޯނާ ވައިރަސްގެ ސަބަބުން 2019-20 ވަނަ ސީޒަން ކެންސަލުކޮށްފައި ވަނީ ކުޅުންތެރިންނާއި، މި އެސޯސިއޭޝަންގެ މުވައްޒަފުންގެ އިތުރުން އާއިލާތަކުގެ ރައްކާތެރިކަމަށް،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ، މި ދަނޑިވަޅުގައި ހުރިހާ އެންމެން ވެސް ޕޮޒިޓިވްކޮށް ވިސްނުމަކީ އެންމެ މުހިއްމު ކަންތައް ކަމަށެވެ. އަދި ކޮންމެ މީހަކީ ވެސް ތަފާތު ދެއްކޭނެ މީހެއް ކަމަށާއި މިއީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.
"މި ހާލަތުން އަރައިގަނެވެން ވާއިރަށް ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުގޮތުގައި ހުރުމަށް ހުރިހާ ކުޅުންތެރިންގެ ގާތުން އެދެން." ބައްސާމް ވިދާޅުވި އެވެ.
އަންނަ ސީޒަނުގެ ކުޅުން މި އަހަރުގެ ޖޫން މަހު ފެށުމަށް ކުރިން ވާހަކަ ދެކެވުނު ނަަމަވެސް މިހާރު އޮތް ހާލަތުގެ ސަބަބުން އަންނަ ސީޒަން ފެށޭނެ ތާރިހެއް އަދި ނޭންގެ އެވެ.
އެކަމަކު ދުނިޔޭގެ ފުޓުބޯޅައާއި ބެހޭ މައި އިދާރާ (ފީފާ) އިން ވަނީ އެ އިދާރާގެ މެމްބަރު ކޮންމެ ގައުމެއްގެ ފުޓުބޯޅައަށް އެހީތެރިވުމުގެ ގޮތުން 500،000 ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފަ އެވެ. ފީފާގެ މި އެހީ ރާއްޖެއަށް ވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލިބިގެންދާއިރު ރާއްޖޭގައި ބިނާ ކުރާ ފުރަތަމަ ފުޓްބޯޅަ ސްކޫލް ވަނީ ބޭނުން ޖެހިފައިވާ ފަރާތްތަކުގެ ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުން ކުރުމަށް ދީފަ އެވެ.
ރާއްޖޭގައި އިއްޔެ އެކަނި ވެސް 73 މީހަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެއީ ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ.
އެއާ އެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 214 އަށް ވަނީ އަރައިފަ އެވެ. ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.