ރާއްޖޭގައި ކޮވިޑް19 ގެ ހާލަތު ބަދަލުވަމުން އަންނަ ގޮތަށް ބަލައި، ޑެލިވަރީ ކުރުން މުޅިން ހުއްޓާލައި، ހަމައެކަނި ވިޔަފާރިކުރަން ދޫކުރާ ހުއްދައިގެ ދަށުން ބޭރަށް ނުކުމެވޭ ގޮތަށް ބަދަލުކުރަން ޖެހިދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ބަލި ފެތުރެމުން އަންނާތީ ފުލުހުން ހާއްސަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރު ވެސް 800 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅޭ 18 ތަނެއް ފުލުހުން މޮނިޓާ ކުރަމުން އަންނަ ކަމަށް ނަވީން ވިދާޅުވިއެވެ. ރާއްޖެއިން މިހާރު ކޮވިޑް19 އަށް 214 މީހަކު ޕޮޒިޓިވްވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.

ނަވީން މިރޭ ވިދާޅުވީ ބިދޭސީންގެ މެދުގައި ބަލި ފެތުރެމުން އަންނަ އިރު ޑެލިވަރީ ކުރުމުގައި ވެސް ގިނައިން ހަރަކާތްތެރިވަނީ ބިދޭސީން ކަމަށެވެ. އަދި ގިނަ ބިދޭސީންނަކީ ތޮއްޖެހިފައިވާ ތަންތަނުގައި ނިދާ، ކައިބޮއެ ހަދާ މީހުންކަން ނަވީން ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ބިދޭސީންގެ ޑެލިވަރީގެ ކަންތައްތަކަށް އެހެން ގޮތެއް ނިންމަން ޖެހިދާނެ ކަމަށް ނަވީން ވިދާޅުވިއެވެ.

"އެހެންވީމަ ކުރިއަށް އޮތް ތަނުގައި ނިންމަން ޖެހިދާނެ ޑެލިވަރީގެ ކަންތައްތައް މިހާރަށް ވުރެ ވަރަށް ބޮޑަށް ސްކޭލް ޑައުން ކޮށްފަ، ޝޮޕިން ޕާމިޓް ލިބުނީމަ ޝޮޕިން ޕާމިޓް އޮންނަ ފަރާތްތަކުން، އެ ގަޑީގައި އެއްޗެހި ބައްލަވައިގަންނަން ނިކުންނަ ގޮތް ހަމައެކަނި އޮންނަ ގޮތަށް ވެސް ދާންޖެހިދާނެ،" ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ އެ ބަދަލުތައް ގެންނާނީ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ. އަދި މިހާރުވެސް ޑެލިވަރީ ނިޒާމު އިންތިޒާމް ކޮށްފައި ވަނީ، ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ދަތި ނުވެ ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ.

އެހެން ނަމަވެސް ހާލަތު ބަދަލުވާ ވަރަކުން، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށް ނަވީން ވިދާޅުވިއެވެ.

މިރޭގެ ޕްރެސްގައި ޑރ. އިބްރާހިމް އަފްޒަލް ވެސް ވަނީ ޑެލިވަރީގައި ހަރަކާތްތެރިިވާ މީހުންގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކު ވަރަށް ގާތުން މޮނިޓާ ކުރުމަށް، އެމީހުންނަށް ޒިންމާވާ ފަރާތްތަކަށް އިލްތިމާސް ކުރައްވައިފައެވެ.

"ކޮންމެ ދުވަހަކު އެމީހުންގެ ސިއްހީ ހާލަތު ހުރީ ކިހިނެތްތޯ ބަލައި، ކިރިޔާވެސް އަލާމާތެއް ހުންނަ މީހެއް ވިއްޔާ ވަގުތުން އަޅުގަނޑުމެންނަށް އަންގަން ޖެހޭނެ،" އަފްޒަލް ވިދާޅުވިއެވެ.