ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު، އަބްދުﷲ ރިޔާޒަށް މާލެ އެރުމަށް ހުއްދަ ދިނުމުގައި އުސޫލުން ބޭރުން އަމަލުކޮށްފައިނުވާނެ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.

މާލެ ލޮކްޑައުންކޮށްފައި އޮއްވާ ރިޔާޒަށް މާލެ އެރުމުގެ ހުއްދަ ދިނުމުން ބައެއް އާންމުންނާއި މަޖިލިސް މެމްބަރުން އަންނަނީ އެކަމުގައި އަމަލުކޮށްފައިވާ ގޮތާ މެދު ސުވާލު އުފައްދައި، ފާޑު ކިޔަމުންނެވެ. އެގޮތުން ވަކި މީހަކަށް ވަކި ގޮތްތަކަށް އަމަލު ކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

މިރޭ އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަވީން ވިދާޅުވީ، މާލެ އެރުމުގެ ހުއްދަ ދެނީ އެކަމަށް ފުލުހުންގެ ތެރޭގައި އޮންނަ ހާއްސަ ޓީމަކުން ކަމަށާއި ހުއްދަ ދޭއިރު ހުއްދަ ދެވެނީ ކޮން ހައިސިއްޔަތުގެ މީހެއްކަން އެ ބޭފުޅުނަކަށްވެސް ނޭނގޭ ކަމަށެވެ.

ރިޔާޒަށް ހުއްދަ ދިނުމުގައި އުސޫލުން ބޭރުން ކަންކޮށްފައިވާނެތޯ ސުވާލު ކުރުމުން ނަވީން ވިދާޅުވީ، " އެފަދަ ގޮތަކަށް އަމަލުކޮށްފައި ނުވާނެ" ކަމަށެވެ.

"އެ ޓީމުން އެވަލުއޭޓް ކުރާއިރު، އެނގޭނީ އެމީހާގެ ނަމާއި، އެޑްރޭހާއި އައިޑީކާޑް ނަންބަރު. އެއީ ކޮން ހައިސިއްޔަތެއްގެ މީހެއްތޯ ނުބަލާނެ،" ނަވީން ވިދާޅުވިއެވެ.

މާލެ 14 ދުވަހުގެ މުއްދަތައް ލޮކްޑައުން ކުުރުމަށް ނެރުނު އަމުރުގައި މާލެއަށް މީހުން އެރުމާއި ފޭބުމަކީ މަނާކަމެކެވެ. އަދި އެކަމުގައި އިސްތިސްނާ ވަނީ، ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް (ޑީޖީ) ކަނޑައަޅާ ފަރާތްތަކެކެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތައް ރިއާޔަތްކޮށް، އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ ކަންކަން މަގުފަހިކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ފުލުހުންނާ ކަމަށްވެސް އެ އަމުރުގައި ބުނެ އެވެ.

ރިޔާޒަށް ހުއްދަ ދިނުމުގައި ވަކި ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އާންމުގެ ފާޑުކިޔުން އަމާޒުވަމުންދާއިރު، ރިޔާޒް މިއަދު ވަނީ ނުފޫޒުން ބޭނުންކުރައްވައިގެން ހުއްދަ ހޯދައިފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. ރިޔާޒް މިއަދު "ސަން" އަށް ވިދާޅުވީ، އޭނާ ހުއްދައަށް އެދުނީ މަޖިލިސް މެމްބަރެއްގެ ހައްސިއްޔަތުންވެސް ނޫން ކަމަށާއި އޭނާއާއެކު އިތުރު ހަތް މީހަކަށް ތިމަރަފުށިން މާލެ އައުމަށް ހުއްދަ ދިން ކަމަށެވެ. އަދި މާލެ އައީ އަމިއްލަ ހަރަދުގައި ކަމަށްވެސް ރިޔާޒް ފާހަގަ ކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން މިރޭ ވަނީ މާލެ އެރުމަށް ހުއްދަ ދިނުމުގައި ބަލާ މިންގަނޑުތައްވެސް ހާމަ ކުރައްވާފައެވެ. މިހާތަނަށް އެގޮތަށް ރިސޯޓުތަކާއި ސަފާރީތަކާ އަދި ރަށްރަށުން 185 ފަރާތަކަށް ހުއްދަ ދީފައިވާނެ ކަމަށް ނަވީން ވިދާޅުވިއެވެ.

"އެ ރަށްރަށަކީ ކަރަންޓީން ފުރިހަމަވެގެން ނުވަތަ ކަރަންޓީނެއް ނެތް ނުވަތަ އައިސޮލޭޝަންގައި ނެތް ރަށްރަށް [ތޯ ބަލަން]. އަޅުގަނޑުމެން އެބަ ބަލަން، އެބޭފުޅަކު އެ އަންނަނީ، ކަރަންޓިން ކުރެވިފައި ހުރި ގެއަކަށްތޯ، ނުވަތަ އައިސޮލޭޝަނަށް ލެވިފައި އޮތް ގެއަކަށްތޯ،" ނަވީން ވިދާޅުވި އެވެ.

"އެޗްޕީއޭ އިން ހުއްދަ ދެއްވަނީ މެޑިކަލް ކަންތައްތައްކުގައި އެބޭފުޅުން ނިންމަވާ ގޮތެއް ނިންމަވާފައި އަޅުގަނޑުމެންނަށް އަންގަވަނީ. އެހެން ނޫނީ، މި ކްރައިޓީރިއާ އަށް ބަލާއިފައި ވާހަކަ ދެއްކުމަށްފަހު، ހުއްދަ ދެއްވަނީ،"

ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއީއޯސީ

ނަވީން ވިދާޅުވި ގޮތުގައި، މާލެ އައުމުގެ ހުއްދައަށް އެދޭ މީހާ އަކީ، ޕޮޒިޓިވްވެފައިވާ ކޭސްއަކާ ކޮންޓެކްޓް ވެފައިވާ މީހެއްތޯ ވެސް ފުލުހުން ކަށަވަރު ކުރާނެ ކަމަށެވެ. އަދި އެކަންކަން ބެލުމަށް ވަގުތުތަކެއް ނަގާފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ބަލާތީވެ އަޅުގަނޑުމެންނަށް އެ އަންނަ ހުރިހާ މެއިލްއަކަށް އެއްފަހަރާ ޖަވާބެއް ނުދެވޭ. ފަހަރަކު މެއިލްއަކަށް ޖަވާބު ދެމުން މިދަނީ،" ނަވީން ވިދާޅުވި އެވެ.

މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ދެއްކެވި ވާހަކަތަކާއި މިރޭ ދެއްކި ވާހަކަތަކާ ފުށުއެރުންތަކެއް އެބަހުއްޓެވެ. މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ، ރަށެއްގައި ހުރި މީހަކު މާލެ އައުމަށްޓަކައި ފުލުހުން އެ މީހަކަށް ހުއްދަ ދިނުމުގައި އަމަލު ކުރަމުން އަންނަ ގޮތަކީ، އެޗްޕީއޭ އިން އެ ހުއްދައެއް ދިނުމުން ފުލުހުން އެކަމަށް ކުލިޔަރެންސް ދިނުން ކަމަށެވެ.

"އެޗްޕީއޭ އިން އެބޭފުޅަކަށް ހުއްދަ ދެއްވީމަ، އަޅުގަނޑުމެން ހުއްދަ މި ދެއްވަމުން މި ގެންދަވަނީ. އެއީ އެޗްޕީއޭގެ އެންއީއޯސީގެ ލީގަލްއިން ހުއްދަ ދެއްވީމަ އަޅުގަނޑުމެން ހުއްދަ ދެއްވިގެން މިދަނީ،" މަޖިލިސް މެމްބަރަކަށް ހުއްދަ ދިނުމުގައި ވަކި ގޮތްތަކަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ އެކަމާ ގުޅޭ ގޮތުން ސުވާލު ކުުރުމުން ނަވީން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއީއޯސީ

ނަވީން އެގޮތަށް ވިދާޅުވިއިރު، މިއަދު މެންދުރު އެންއޯއީސީގެ ތަރުޖަމާނު މަބްރޫކު އަޒީޒް "ސަން" އަށް ވިދާޅުވީ، ރިޔާޒަށް މާލެ އެރުމުގައި ހުއްދަ ދީފައިވަނީ ފުލުހުން ކަމަށެވެ. މިކަމުގައި އެންއީއޯސީގެ ލީގަލް ޓީމުން އަދި އެޗްޕީއޭ އިން ހުއްދަ ދީފައި ނުވާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މާލެ ލޮކްޑައުންގައި އޮތުމުން އެތައް ބަޔަކަށް އެމީހުންގެ ރަށްތަކަށް ނުދެވި އަދި މާލެ އަރަން ބޭނުންވެފައި ތިބި މީހުން ރަށްތަކުގައި ވަނީ ތާށިވެފައެވެ. މިގޮތަށް މާލެއިން ފޭބުމުގެ ހުއްދައާއި މާލެއަށް އެރުމުގެ ހުއްދައަށް އެދުމުން އެޗްޕީއޭ އިން ހުއްދަ ނުދޭކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.