20 Dec 2011, 19:20
މާލެއާއި ހުޅުލެއާ ދެމެދު ކަނޑު ހުރަސްކޮށް ބްރިޖް އަޅަން ސަރުކާރުން ނިންމައިފި އެވެ. އެކަން ނިންމެވީ މިއަދު ވަޒީރުންގެ މަޖިލީހުުގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ފަހު އެވެ.
ރައީސް އޮފީހުން ބުނީ އެ ގޮތަށް ނިންމީ މާލެ ތޮއްޖެހި، ރައްޔިތުންގެ ދިރިއުޅުމާއި ބޯހިޔާވަހިކަމަށް ކުރިމަތިވެފައިވާ ދަތިތަކާއި، ދިމާވާ އިޖްތިމާޢީ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައި ދިނުމަށެވެ.
ރައީސް އޮފީހުން މިއަހަރުގެ މެދުތެރެއިން ފެށިގެން މިކަމާ ގުޅޭގޮތުން ކުރެވިފައިވާ ޕްރިލިމިނަރީ ދިރާސާއިން މިއީ އެކަށީގެންވާ ގޮތުގައި ހިންގިދާނެ މަޝްރޫޢެއް ކަމަށް، ދިރާސާ ކުރި ބައިނަލްއަޤްވާމީ ތަޖްރިބާކާރުން ފާހަގަކޮށްފައިވާ ކަމަށެވެ.
މި މަޝްރޫޢަށް ޖުމްލަ 70 މިލިއަން ޑޮލަރާއި، 100 މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދެއް ޚަރަދުވާނެ ކަމަށް ދިރާސާ ކުރި ތަޖްރިބާކާރުން ލަފާކޮށްފައިވާ ކަމަށެވެ.
ސަރުކާރަށް މި ދިރާސާ ހައްދަވައި ދިނީ 1946 ވަނަ އަހަރުން ފެށިގެން ސްޓްރަކްޗަރަލް އިންޖިނިއަރިންގ އާއި، ކޮންސަލްޓަންސީ މަސައްކަތް، ދުނިޔޭގެ ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ބައިނަލްއަޤްވާމީ ފަރާތެކެވެ.