26 Apr 2020, 23:18
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަވައިދުން ދެއްވަމުންދާ ނިއުސް ބްރީފިން ދިނުން ހުއްޓާލަފާނެކަމުގެ އިޝާރާތެއް އެމަނިކުފާނު ދެއްވައިފި އެވެ.
އެމެރިކާގެ ރައީސް ކޯފާވެ އިއްޔެ ނިއުސް ބްރީފިންގައި ވެސް ބައިވެރިވެލައްވައެއް ނުލައްވައެވެ.
އެކަމާ ގުޅޭ ގޮތުން ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނިއުސް ބްރީފިންތަކުގައި ބައިވެރިވެލެއްވުމުގެ ބޭނުމެއް ނެތް ކަމަށެެވެ. އަދި އެފަދަ ޕްރެސް ކޮންފަރެންސްތަކުގައި ނޫސްވެރިން އޭނާއާ ޖައްސާލައި ދޭ ޖަވާބުތައް އޮޅުވާލައިގެން މީޑިއާގައި ރިޕޯޓްކުރާކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ ކެމްޕެއިން އެޑްވައިޒަރުން ވެސް މިހާރު ވަނީ އެ ޕްރެސްތަކުގައި ބައިވެރިނުވުމަށް ބާރު އަޅަމުންނެވެ. އަދި އެ ޕްރެސްތަކުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ ކެމްޕޭންއަށް ހުރަސް އެޅެމުންދާކަމަށް ވެސް އެޑްވައިޒަރުން ވަނީ ލަފާދެއްވަމުންނެވެ.
ޓްރަމްޕް މީގެ ކުރިން ޕްރެސްތަކުގައި ވިދާޅުވީ އިރުގެ ދޯދިތަކުން ކޮރޯނާ ވައިރަސް މަރުވާ ކަމަށާއި އަދި މެެލޭރިއާއަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހުން ކޮރޯނާއަށް ފަރުވާ ކުރެވިދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މެޑިކަލް އެކްސްޕާޓުން ވަނީ އެއީ ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ. އެއާއެކު އެތައް ބަޔަކު ދަނީ ޓްރަމްޕްއަށް މަލާމާތް ވެސް ކުރަމުންނެވެ.
އެއް ނިއުސްބްރީފިންއެއްގައި ޑިސްއިންފެކްޓެންޓެއް އިންޖެކްޓް ކުރުމަށް ޓްރަމްޕް ވިދާޅުވި މައްސަލަވެސް ވަރަށް ބޮޑަށް ހޫނުވި އެވެ. ނަމަވެސް ފަހުން ޓްރަމްޕް ވިދާޅުވީ އެއީ ސަމާސާއަކަށް ދެއްކެވި ވާހަކައެއް ކަަމަށެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި ނިއުސްބްރީފިންގައި ވެސް ޓްރަމްޕް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވައި ޕްރެސް ވަނި ކުރުކޮށްލައްވައިފަ އެވެ.
ކޮރޯނާ ވައިރަސްއާއެކު އެމެރިކާގެ 26 މިލިއަނެއްހާ މީހުންގެ ވަޒީފާ ގެއްލިފައިވާއިރު ޓްރަމްޕް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ލޮކްޑައުންއިން ގައުމު ހުޅުވާލުމަށެވެ.
މައުލޫމާތު: ގާޑިއަން