26 Apr 2020, 22:06
ކޮވިޑް-19އަށް ތައްޔާރުވުމަށް މިހާތަނަށް ސަރުކާރުން 560 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކަށް މިހާތަނަށް 595 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، ކޮވިޑް-19އަށް ތައްޔާރުވުމަށް ކުރެވުނު ހުރިހާ ކަމަކަށް އިއްޔެގެ ނިޔަލަށް ސަރުކާރުން ހޭދަކޮށްފައިވާ ޖުމްލަ ފައިސާގެ އަދަދަކީ 560 މިލިއަން ރުފިޔާ ކަމަށެވެ.
މަބްރޫކު ވިދާޅުވި ގޮތުގައި އެ ފައިސާގެ ތެރޭގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އާއި ހެލްތު މިނިސްޓްރީއިން ކޮވިޑް-19އަށް ތައްޔާރުުވުމަށް ހޭދަ ކުރި 386 މިލިއަން ރުފިޔާ ހިމެނެއެވެ. ފައިސާ އަކީ ޕީޕީއީ، އާއި މެޑިކަލް އިކުއިޕްމެންޓާއި، ޓެސްޓު ކުރަން ބޭނުންވާ އިކުއިޕްމެންޓާއި، ރިއޭޖެންޓްސްއާއި، ބޭސްފަރުވާއަށް ބޭނުންވާ ކޮންޒިއުމަބަލްސްއާއި، އެންއީއޯސީގެ މުޅި އޮޕަރޭޝަނަށް ހަރަދުކޮށްފައިވާ ފައިސާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަރަދުވި 560 މިލިއަން ރުފިޔާގެ ތެރެއިން 84 މިލިއަން ރުފިޔާ އަކީ ޑިޒާސްޓާ ޓްރަސްޓް ފަންޑުން ނެގި ފައިސާ އެވެ. އެ ފައިސާ ނެގީ އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް 10 މަސް ދުވަހަށް ވާ ވަރަށް ކާޑުގެ ބާވަތްތައް ގަންނަން ކަމަށް މަބްރޫކު ވިދާޅުވިއެވެ.
"މި ފައިސާ އަކީ އެސްޓީއޯއިން ކާޑު ވިއްކުމަށް ފަހު ހަމަ ގެނެސް އަނބުރާ މި ފަންޑަށް ލާން ޖެހޭ ފައިސާ،" މަބްރޫކު ވިދާޅުވިއެވެ.
ހުޅުމާލޭގެ 300 އެނދުމުގެ މެޑިކަލް ފެސިލިޓީގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު އެތަނަށް މިހާތަނަށް 36 މިިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ މަރާމާތާއި އިމާރާތް ކުރުމަށް 16.4 މިލިއަން ރުފިޔާ އަދި މެޑިކަލް އިކުއިޕްމެންޓަށް 19.5 މިލިއަން ރުފިޔާއެވެ. މީގެ ކުރިން އެންއީއޯސީއިން ބުނި ގޮތުގައި އެ ފެސިލިޓީއަށް ހަރަދު ކުރަން ނިންމާފައި ވަނީ ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ އެވެ.
މަބްރޫކު ވިދާޅުވި ގޮތުގައި، ފަރުކޮޅުފުށީގައި ހުންނަ އައިސޮލޭޝަން ފެސިލިޓީ ތަރައްގީ ކުރަން ފުރަތަމަ 5.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި އެ ފަހުން އިތުރު މަރާމާތަށް 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެހެންކަމުން އެތަނަށް ހަރަދު ކުރި ޖުމްލަ އަދަދަކީ 7.3 މިލިއަން ރުފިޔާ އެވެ.
އޭގެ އިތުރުން، ރާއްޖޭގެ ފަސް ސަރަހައްދެއްގައ އައިސީޔޫ އެނދުތަކާއި އައިސޮލޭޓު ކުރާ ތަންތަން ހެދުމަށް 27 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ރާއްޖެއިން ބޭރުން މީހުން ގެނައުން ފަދަ ކަންކަމަށް ފޮރިން މިނިސްޓްރީއިން މިހާތަނަށް 6.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ކަރަންޓީނު ފެސިލިޓީތައް ހެދުމަށް ދިޔަ ހަރަދުތަކުގެ ތަފްސީލުވެސް މަބްރޫކު މިރޭ ދެއްވިއެވެ. އެ ފައިސާ އަކީ ޓޫރިޒަމް ޓްރަސްޓު ފަންޑުން ހޭދަ ކުރި ފައިސާ ކަމަށް އޭނަ ވިދާޅުވިއެވެ. މަބްރޫކު ވިދާޅުވި ގޮތުގައި ޓޫރިޒަމް ޓްރަސްޓު ފަންޑުން ހޭދަ ކުރީ 11 މިލިއަން ރުފިޔާއެވެ.
ކަރަންޓީނު ފެސިލިޓީތަކުގެ ތެރެއިން ވެލިދޫގެ މަރާމާތުގެ މަސައްކަތަށް 469،000 ރުފިޔާ ހަރަދުވި ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ވިލިވަރުގައި 30 ކޮޓަރި ހެދުމަށާއި ސާވިސް އޭރިއާ ހެދުމަށް 6.6 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އޭނާ ވިދާޅުވިއެވެ.
ރިސޯޓު ކަރަންޓީނު ފެސިލިޓީތަކުގައި މީހުން ބައިތިއްބަނީ ކޮޓަރިއަކަށް ދުވާލެއްގެ މައްޗަށް ސަރުކާރުން 750 ރުފިޔާ ހަރަދު ކުރާ ގޮތަށެވެ. މިހާތަނަށް ރިސޯޓު ކަރަންޓީނު ފެސިލިޓީތަކުގައި 2715 މީހުން މަޑުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވިދާޅުވީ ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި 1.4 ބިލިއަން ރުފިޔާ ދިވެހި ދައުލަތުން ހޭދަވާނެ ކަމަށެވެ. ދައުލަތުގެ ހިދުމަތްތައް މެދުނުކެޑި ކުރިއަށް ގެންދިޔުމަށް 4.4 ބިލިއަން ރުފިޔާ އެމްއެމްއޭ މެދުވެރިކޮށް ނެގޭނެ ގޮތް ހަމަޖައްސައިދޭން މިއަދު މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ.