20 Dec 2011, 18:29
އަންނަ 2012 ވަނަ އަހަރަށް ސަރުކާރުން އަންދާޒާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފޮނުވާފައިވާ ބަޖެޓްގައި ހިމަނާފައިވާ 354.4 މިލިއަން ޑޮލަރު، ]5،464 މިލިއަން ރުފިޔާ[ ލޯންގެ ގޮތުގައި ނެގުމަށް ބަޖެޓްގެ ބޭރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ލެޖިސްލޭޓިވް ޑިޕާޓްމަންޓުން ފިލްޒާ ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވާފައި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ސަރުކާރުން ނެގުމަށް ހުށަހަޅާ ލޯންތައް ތަފުސީލްތަކާ އެކު ހިމަނާފައި ވިއަސް، ސަރުކާރުން އަލަށް ނެގުމަށް ހުށަހަޅާ ލޯންތައް ނެގުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށް ފެންނަ ކަަމަށެވެ.
"ދެ ހާސް ބާރަ ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓްގައި ސަރުކާރުން އަލަށް ނެންގެވުމަށް ހުށަހަޅުއްވާ ލޯންތައް ހިމަނާފައިވީ ނަމަވެސް، ސަރުކާރުން ނެންގެވުމަށް ހުށަހަޅުއްވާ ލޯންތައް ނެންގެވުމަށް ޓަކައި...ދައުލަތުގެ މާލިއްޔަތު ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ތަފުސީލުތައް ހިމެނޭ ހުށަހެޅުމެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފަހުން ހުށަހަޅުއްވައި، އެ މާއްދާގައި ބުނާ ގޮތުގެ މަތީން ފާސްކުރައްވަންވާނެ ކަމަށް ފެނެ އެވެ،" އާ ކައުންސެލް ޖެނެރަލްގެ ބަޔާނުގައިވެ އެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ފަސް ވަނަ މާއްދާގެ އެއް ވަނަ ނުކުތާގައި ބުނެފައި ވަނީ ދައުލަތުގެ އެއްވެސް މުއައްސަސާ އަކަށް ލޯނެއް ނަގަން ވާނީ މިނިސްޓަރު ރައީސަށް ލިޔެ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން ކަމަށެވެ.
ފިލްޒާގެ ގާނޫނީ ބަޔާނުގައި ބުނެފައި ވަނީ މާލޭގައި ނުނިމި ހުރި އިމާރާތްތައް ނިންމުމަށް އެހީވުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން އަމިއްލަ ފަރާތްތަކަށް ދޫކުރުމަށް ކަނޑައަޅާ ލޯނަށް ސަރުކާރުން ދިނުމަށް ބަޖެޓާ އެކު ހުށަހަޅާފައިވާ ގެރެންޓީ އަކީ ވެސް މަޖިލީހުން ފާސް ކުރަން ޖެހޭނެ އެއްޗެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ބަޖެޓް ފޮތުގައި އެ ގެރެންޓީއާ ބެހޭ ހުރިހާ ތަފްސީލުތަކެއް ހުށަހަޅުއްވާފައިވާ ކަމަށާއި ނަމަވެސް ބަޖެޓަކީ ގާނޫނު އަސާސީ ބުނާ ގޮތުގެމަތީން ފިނޭންސް މިނިސްޓަރު ހުށަހަޅުއްވަން ޖެހޭ އެއްޗެއް ކަމަށާއި ނަމަވެސް މާލިއްޔަތު ގާނޫނު ބުނާ ގޮތުން އެ ގެރެންޓީ ދެއްވުމާ ބެހޭ ގޮތުން މަޖިލީހަށް ހުށަހަޅުއްވަން ޖެހޭ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
"ދެހާސް ބާރަ ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓްގައި، ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން ގެރެންޓީ ދެއްވުމާ ގުޅޭ ތަފުސީލުތައް ހިމަނާފައިވީ ނަމަވެސް، ސަރުކާރުން އެއްވެސް ގެރެންޓީއެއް ދެއްވުމަށް ހުށަހަޅުއްވައި ގާނޫނު ނަމްބަރު... ދައުލަތުގެ މާލިއްޔަތު ގާނޫނުގެ އެއް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ތަފުސީލުތައް ހިމެނޭ ހުށަހެޅުމެއް ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފަހުން ހުށަހަޅުއްވައި އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފާސްކުރައްވަންވާނެ ކަމަށް ފެނެ އެވެ." ފިލްޒާގެ ގާނޫނީ ލަފާގައިވެ އެވެ.
އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ސަރުކާރުން ލޯން ހޯދުމަށް ހުށަހަޅާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ފްލެޓް އެޅުމަށް ޗައިނާގެ އެގްޒިމް ބޭންކުން ނެގުމަށް ހުށަހަޅާފައިވާ 150 މިލިއަން ޑޮލަރަކާއި ކުދި އަދި މެދުފަންތީގެ އެންޓަޕްރައިސަސްތައް ތަރައްގީ ކުރުމުގެ ނަމުގައި އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކުން ނަގާ 5.5 މިލިއަން ޑޮލަރަކާއި މެދު ފަންތީގެ އެންޓަޕްރައިސަސް ތަރައްގީ ކުރުމުގެ ނަމުގައި އިސްލާމިކް ބޭންކުން ނަގާ 10 މިލިއަން ޑޮލަރަކާއި އަދި ހަމަ އެ ބޭންކުން ނަގާ ހަތަރު މިލިއަން ޑޮލަރަކާއި އިފާޑުން ނަގާ ތިން މިލިއަން ޑޮލަރަކާއި އޯޕެކް ފަންޑުން ނަގާ 8.4 މިލިއަން ޑޮލަރަކާއި ސައުދީން ނަގާ 12.5 މިލިއަން ޑޮލަރަކާއި ސްޓޭންޑް ބައި ކްރެޑިޓް ފެސިލިޓީގެ ގޮތުގައި 100 މިލިއަން ޑޮލަރު ހިމެނެ އެވެ.